އިހަވަންދިއްޕޮޅުން އާގު ބޯޓު ފަހަރަށް ޚިދުމަތް ލިބޭނެ ގޮތްހެދުން، ގައުމަށް މިލިއަނުން ފައިސާ ވަންނާނެ މަގެއް

Ihavandhippolhu port project

ހއ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާއިރު، އެ އެ ގަރާރަކީ އެކަަމަށް ބާރުދޭ އެތައް ސަބަބުތަކެއް ދައްކަވަމުން އިލްމީ، ފަންނީ ހެކިތަކާއެކު ހުށަހަޅުއްވާފައިވާ ގަރާރެކެވެ. އެކަމަކީ މާ ބޮޑު އިންވެސްޓްމެންޓެއް ނުކޮށްވެސް މިލިއަނުން ފައިސާ ލިބިދާނެ ކަމެއްކަން އެ ގަރާރުން ބުނެދެއެވެ.

މި ހިދުމަތް ދެވޭނެ މަގު ފަހިކޮށް ދިނުމަކީ އިހަވަންދިއްޕޮޅާއި، ތިލަދުންމަތީގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށް ވެސް އެކަމުގެ ނަފާ ކުރުވަނިވި ކަމެކެވެ. ގައުމުގެ މާލިއްޔަތަށް ލިބޭ ކޮންމެ ދުޅަހެޔޮ ކަމަކީ ރައްޔިތުންނަށް ލިބޭ މާލީ ދުޅަހެޔޮކަމެއް ވެސް މެއެވެ.

މި ހަގީގަތްތަކާއެކު މެންބަރު ސައްލެގެ ގަރާރަށް ޖެހިލާނަމެވެ. އެ ގަރާރު ބުނެދޭ މުހިންމު ބައިތައް މިތާ ހިމަނާލާނަމެވެ. އެ ގަރާރުގައި ފުރަތަމަ ބުނެދީފައި ވަނީ މުޅިދުނިޔެ ތަޖުރިބާކުރަން ޖެހުނު ކޯވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ދަސްވި ފިލާވަޅުކުގެ ވާހަކައެވެ. ދިވެހި އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ދުނިޔެ ހުއްޓުމަށް އައުމުން ތަޖުރިބާކުރަންޖެހުނު ހިތްދަތިކަމުގެ ފިލާވަޅުގެ ވާހައެވެ. އެފިލާވަޅުން އިބުރަތް ލިބިގަނެ ދިވެހިރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަން އައު ވިސްނުންތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަމުގެ ވާހަކައެވެ.

ފަތުރުވެރިކަމަށް ބަރޯސާވުމުގެ ނާޒުކްކަން އަންގައިދިނުމަށް ފަތުރުވެރިކަމަކީ ދުނިޔެއަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުންވެސް، އޭގެ ނޭދެވޭ އަސަރު، ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ކަމެއްކަން، ކޮވިޑުގެ ޢާލަމީވަބާގެ އިތުރުން، ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް، އަދި މަޝްހޫރު ސެޕްޓެމް 11 ގެ ހަމަލާ (9/11) ގެ ތެރޭގައިވެސް ދިވެހިރާއްޖެވަނީ ތަޖުރިބާކޮށްފައިވާކަން ސައްލޭ ވަނީ ހަނދާންކޮށްދީފައެވެ.

"ކޯވިޑުގެ އާލަމީ ގިލަންވެރިކަމުގެ ތެރެއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، ޤައުމުތަކުގެ އިގްތިސާދީ މާހިރުން ގޮވަމުން އެދަނީ އިކޮނޮމިކް ޑައިވަސިފިކޭޝަނެއްގެ މުހިއްމު ކަމުގެ ވާހަކައެވެ. އިގްތިސާދީ ގޮތުން ކުރެވޭނެ އެހެން ކަންކަން ދިރާސާކޮށް ހޯދައި ބަލައި، އެ ދިމަދިމާލަށް ވިސްނުން އަމާޒުކޮށް، ރޭވުންތެރިކަމާއެކު ޢަމަލީ މަސައްކަތްތަކެއް ފެށުމުގެ މުހިއްމު ކަމުގެ ވާހަކައެވެ." ސައްލެ ވިދާޅުވެފަ ވެއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާހިފައިގެން ދަތުރުކުރާ އާގުބޯޑުފަހަރު ނުވަތަ އިންސަންޓް ޕެކެޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ، ކާގޯ ބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގަކަށް ވެފައި އޮތް ހިނދު، މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދާ ލިބިގަތުމަކީ، މި ސަރަޙައްދުގެ އެހެން ގައުމު ތަކެކޭ ރާއްޖެއަށްވެސް އަމާޒު ހިފިދާނެ އައު ސިނާޢަތެއްކަން ސައްލޭ ފާހަގަ ކުރައްވާފަވެއެވެ.

"ބޭރުގެ އާގުބޯޓު ފަހަރަށް މިދެންނެވިފަދަ ޚިދުމަތް ދެވޭނެ ނިޒާމެއް މިގައުމުގައި މިހިނދުން މިހިނދަށްވެސް ގާއިމު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ މުދަލުގެ އަގު ވަނީ އެތައް ތަނަކުން އުފުލިގެން
ގޮސްފައެވެ. ދިވެހިރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓު ފަހަރުގެ ޢަދަދު ކޮންމެ އަހަރަކު ހާހުން ހާހުން ގުނައިލެވޭއިރު އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިޔަނުން ބިލިޔަނުން ހިސާބުކުރެވޭއިރު، އެ ސިނާއަތުގެ މަންފާ ހޯދާކަށް، "ޓްރާންސްޝިޕްމަންޓު ޕޯޓް" އެއް ނުވަތަ " އިންޓަރނޭޝަނަލް ޕޯޓް އޮފް ކޯލް" ފަދަ، ވަސީލަތެއް، ރާއްޖޭގައި ގާއިމު ކުރެވިފައެއް ނެތެވެ." ގަރާރުގައި ސައްލޭ ފާހަގަކުރައްވާފަ ވެއެވެ.

އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟

އަވަށްޓެރި ގައުމުތަކުގައި ބާރުމިނެއްގައި އެކި ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރުތައް ތަރައްގީ ކުރަމުން ފުޅާކުރަމުން ދާކަން ފާހަގަކުރައްވައި، ޕާކިސްތާނާއި، އީރާނާއި، އިންޑިޔާ އާއި ސްރީލަންކާގެ އިގްތިސާދުން މިއަދު އެފެންނަނީ މި މަސައްކަތުގެ އަސަރުތައްކަން ސައްލޭ ފާހަގަ ކުރައްވާފަވެއެވެ. އަދި ދިވެހިރާއްޖެއަކީ، މިދެންނެވި ގައުމުތަކަށްވުރެން ބޮޑަށް، މި ސިނާޢަތުން މަންފާ ހޯދަން އެންމެ ފަހު ޕޮޒިޝަނުގައި އޮތް ގައުމުކަމަށް ސައްލޭ ވިދާޅުވެފަވެއެވެ.

"އިންޑިޔާ ކަނޑުގެ ހުރަހަށާއި ދިގަށް އެކި ތަންތަނަށް ދަތުރުކުރާ އެކި ސައިޒުގެ އެކި ކަހަލަ އެކި ގިންތީގެ އާގުބޯޓުފަހަރުގެ އަތްފޯރާފަށުގައި ދިވެހިރާއްޖެ އޮތުމުން، އެ ބޯޓުފަހަރަށް އެކި ކަހަލަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނޭ ވަސީލަތްތަކެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހި އިގްތިސާދާއި މިކަން ގުޅުވައިލުމުގެ ވިސްނުމަކީ، އައު ވިސްނުމެއް ނޫނެވެ. ވަރަށް ކުރީއްސުރެ ވެސް ދިވެހީންގެ ތެރޭގައި އެ ވިސްނުން ގެންގުޅޭ މީހުން ތިއްބެވެ." ސައްލޭ ވިދާޅުވެފަވެއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީ ކުރުމުގެ ވާހަކު މީގެ ތިރީހަކަށް އަހަރު
ކުރިންވެސް ސަރުކާރުން ދެއްކިކަމަށާއި، ހަމައެގޮތަށް ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތީގެ އިހަވަންދިއްޕޮޅުގައި ވެސް ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީކޮށް ގައުމުގެ އިގްތިސާދީ ވިޔުގައާ ގުޅައިލުމުގެ މަޝްރޫއެއް ސަރުކާރުން އިއުލާންކުރެއްވިކަން ފާހަގަކުރައްވައި، އެކަމަކު ކޮންމެވެސް ސަބަބެއް ނުވަތަ ސަބަބުތަކަކާހެދި އެވާހަކަތައް ދަނީ ބޮޑުނަގުލަށްކަމަށް ސައްލޭ ވިދާޅުވެފަވެއެވެ.

"ކޯވިޑުގެ ޢާލަމީ ވަބާގެ ތެރޭގައި މަތިންދާބޯޓު ފަހަރުގެ ދަތުރުފަތުރު ހުއްޓުނަސް އިންޑިޔާ ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރު މަދެއް ނުވެއެވެ. ވެފައިވަނީ އިތުރެވެ. އެ ބޯޓުފަހަރު އެދަނީ ރާއްޖެއާ ވާހަކަ ގޮވޭހާ ކައިރިންނެވެ. ބައެއް ފަހަރު ފަޅުވެރިން މާބޮޑަށް ބަލިވީމާ ރާއްޖެއަށް ބާލާފައިވެސް ދެއެވެ. މިރާއްޖޭގައި ގާއިމުވެފައި ނެތީ އިންތިޒާމީ ގޮތެއްގައި އެ ބޯޓުފަހަރާއި އޭގެ ފަޅުވެރިންނަށް ބޭނުންވާ ޚިދުމަތް ދިނުމުގެ ނިޒާމެކެވެ." ސައްލޭ ވިދާޅުވެފަވެއެވެ.

900 މީޓަރުގެ ފާލަމަކުން ހޯރަފުއްޓާއި ގުޅުވާލާ "އިހަވަންދިއްޕޮޅު އިންޓަރނޭޝަނަލް ޕޯޓު" ހަދާނެ ބަޔަކު ހޯދަނީ

ޓްރާންސްޝިޕްމަންޓެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެދުމަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ބޭނުންވާކަމަށާއި، އެއީ ފުޅާ ބިޔަ ބޮޑު ބަނދަރަކާއި އޭގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި އެފަދަ އޮޕަރޭޝަނަކަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް ފާހަގަކުރައްވައި، އެކަމަށް ބޭނުންވާ ފައިނޭންސް ބައެއް ސަބަބުތަކާހެދި ލިބޭން ނެތަސް މިހިނދުން މިހިނދަށްވެސް ކުރެވިދާނޭ ކަންކަން ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ބޯޓުފަހަރު މަޑުކުރުވައި ކޮންޓޭނަރުތައް ބާލައި ގުދަންކުރުމާއި ބޯޓުފަހަރު ޑޮކްކުރުމުގެ ހުރިހައި ކަމެއް، ނުކުރިޔަސް އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެއެވެ. ބޯޓުފަހަރަށް ތެލާއި އެފަދަ އެނޫންވެސް ޕްރޮވިޝަން ސަޕްލައިކޮށް ލޯޑު ކުރެވޭ ޕޮއިންޓަކަށް ހެދިދާނެއެވެ. ރާއްޖޭގެ އިރުމަތީގައި ތިބެފައި އެރޭބިއަން ސީއަށް ނުކުންނަ ބޯޓުފަހަރު އެ ނުކުންނަނީ ދިގު ދަތުރަކަށެވެ. އެ ދިގުދަތުރަށް ނުކުންނައިރު، އާގުބޯޓު ފަހަރަށް ސެކިއުރިޓީ ޚިދުމަތް ބޭނުންވެއެވެ. މިއީ މާ ބޮޑު އިންވެސްޓްމެންޓެއް ނުކޮށްވެސް މިލިއަނުން ފައިސާ ލިބިދާނެ ކަމެކެވެ." ސައްލެ ވިދާޅުވެފަވެއެވެ.

އެހެންކަމުން ފަޅުވެރިން ބަދަލުކުރުމާއި ސަޕްލައި ލޯޑްކުރުމާއި، ސެކިއުރިޓީ ޚިދުމަތާއި ބަންކުރިންގ ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހަދައިފިނަމަ، އެއީ ވަރަށް ގިނަ ބަޔަކު އެއްވެސް ޝައްކެއްނެތި ލިބިގަންނާނޭ ޚިދުމަތެއްކަން ފާހަގަކުރައްވައި، އިގްތިސާދީ ގޮތުން އެ ޚިދުމަތް ލިބިގަތުމަށް މަޖުބޫރުވެސް ވާނޭ ޚިދުމަތެއްކަން ވެސް ސައްލޭ ފާހަގަ ކުރައްވައެވެ.

"މިކަމަށް ބިލިޔަން ޑޮލަރުގެ ބަނދަރަކާއި ބޮޑެތި ކެރޭނުތަކާއި ބޮޑެތި ބޮޑެތި ތެޔޮތާނގީތަކާއި ގުދަންތަކެއް ބޭނުމެއް ނުވެއެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ އިންވެސްޓްމަންޓަކާއި އާދައިގެ ކުޑަ އޮނިގަނޑަކުންވެސް ފެށިދާނޭ ކަމެކެވެ. މިހާރުވެސް ކަސްޓަމާއި އިމިގްރޭޝަނާއި ސިފައިންގެ ޚިދުމަތް ދެވޭނޭ ވަސީލަތް އުލިގަމުގައި އެހެރީ ގާއިމުވެފައެވެ. ސަރަހައްދުގައި ތިން އެއަރޕޯޓް އެބައޮތެވެ. ރަށްރަށުގައި ގެސްޓްހައުސް އެބަހުއްޓެވެ." ސައްލޭ ވިދާޅުވެފަވެއެވެ.

އެހެންކަމުން ފަޅުވެރިން ބަދަލުކޮށް އެމީހުން ފުރުވާލުމާއި ގެނައުމާއި ސަޕްލައި ފޯރުކޮށްދިނުމާއި ސެކިއުރިޓީ ޚިދުމަތާއި، ބަންކުރިން އަކީ ދިވެހިންނަށް އަމިއްލަ މަސައްކަތަކުން ފެނިދާނޭ ކަމެއްކަމަށާއި، އޭގެ އިގްތިސާދީ މަންފާ ރަށްރަށުގެ ރައްޔިތުންނަށް މިހިނދުން މިހިނދަށްވެސް ގެނެވިދާނޭ ކަމެއްކަން އޭނާ ވަނީ އެ ގަރާރުގައި ފާހަގަ ކުރައްވާފައެވެ.

"މިދެންނެވި އެންމެހައި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމާއެކު، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ވަޒީފާގެ ބާޒާރު ތިޔާގިކޮށް، ދިރިއުޅުން ބޮޑުތަނުން ތަރައްގީކޮށް ރަގަޅުކޮށް ކުރިއެރުވޭނެ މަގުމަގާއި ގޮތްތަކަށް ވިސްނައި އެކަންކަމަށް މަގުފަހިކޮށްދިނުމަކީ ކުރަން ޖެހޭ މަސައްކަތެކެވެ." ސައްލޭ ވިދާޅުވެފަވެއެވެ.

އެ ގަރާރުގައި މެންބަރު ސައްލޭ ވަނީ ރައްޔިތުން މިކަންކަމަށް އިންތިޚާބުކޮށްފައި ތިއްބެވި މަންދޫބުންނާއި ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށާއި މިކަމަށް މަގުތައް ފެންނާނޭ ކަމުގެ އުއްމީދުގައި ރައްޔިތުން ތިބޭތީ މި މަސައްކަތް ހަލުވި ކުރުމަށް މަޖިލީހުން ސަރުކާރުގައި ދަންނަވައި ބާރުއަޅައިގެން ކުރިއަށް ގެންގޮސްދެއްވުން އެދޭކަމަށް ވިދާޅުވެފައެވެ.

ދެންއޮތީ މި ސަރައްދަށް އެކިފަހަރު މަތިން ގެނުވު އުންމީދުތަކުގެ ވާހަކަ ހަނދާން އައު ކޮށްލުމެވެ. ކުރީގެ ސަރުކާރުން "އައިހެވަން" ނަމުގައި އިހަވަންދިއްޕޮޅު ތަރައްޤީކުރަން ބިޔަ މަޝްރޫޢުއެއް ޢިއުލާންކުރިއެވެ. އެއީ އެ ސަރުކާރުގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެ މަޝްރޫއު އިސްކޮށް ކަމަށް ބުނެ މަޖިލިސް މެންބަރުން ހޭލާ ތިބިގެން "ސްޕެސިއަލް އިކޮނޮމިކް ޒޯން"ގެ ޤާނޫނެއްވެސް ފާސްކުރިއެވެ. މެންބަރު ސައްލެ ވިދާޅުވިހެން ކޮންމެވެސް ސަބަބަކާހުރެ އެކަން ދިޔައީ ބޮނޑު ނަގުލަށެވެ.

ދެންއޮތީ މި ސަރުކާރެވެ. އެ ސަރަހައްދު ތަރައްގީކުރުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. މި އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ވަނީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) ހަދަން ބަޔަކު ހޯދަން އިކޮނޮމިން މިނިސްޓްރީން އިއުލާން ވެސް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ހަދާ ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތްދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާއިރު، އަހަރެއްގެ މައްޗަށް މި ޕޯޓުން 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭނެ ކަމަށް ބުނެފަވެއެވެ. މި މަޝްރޫގެ ދަށުން 900 މީޓަރުގެ މަގަތު ފާލަމެއް ހަދާނެއެވެ. މިފާލަމަކީ ހއ. ހޯރަފުއްޓާއި ގުޅުވާލެވިފައިވާ ފާލަމެކެވެ. މި މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އިކޮނޮމިކްމިނިސްޓްރީން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔަ ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ.. ކުރާނެހާ ވެސް ކަމަކީ ކޮންމެ އިންތިހާބަކަށް ރައްޔިތުން ގުނބޯ ހައްދަން ނޫސްތަކުން ސުރުހީ ހެދުން ތިޔަ ޕޯޓެއްގެ ހުވަފެން ދައްކައިގެން.. ތިވެސް މާލޭގަ އަޅާ ޕޯޓެއް ނަމަ މިހާރު ފަށައިފީސް ހަދަން..

  2. Ikhlaastherikameh neiy mi sarukaarun mikan koffinama hurohaa molheh indiya ah. ihevanaai faafu atholhun nulibunu molheh amidhun mi sarukaarun kuraa kamakun nulibeyne. Gmr soikuri ministeru ves ehereemilianun nagaigen lankaain in ganegen.

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި