ސިޔާސީ ޕޯޑިއަމްތަކުގައި އުތުރުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ވާހަކަ ކޮންމެ އިންތިހާބަކާއި ގުޅިގެން ފެންމަތިވެއެވެ. އެކި ދައުރުގައި އެކި ނަންނަމުގައި އެމަޝްރޫޢުގެ އުފާވެރި ޚަބަރު ސުރުހީތަކުން ޖާގަ ހޯދައެވެ.

ޗާޓާއި ކުރެހުންތަކާއި ތަސްވީރުތަކުން ހީވަނީ ދެންމެ ދެންމެ އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެހެންނެވެ. އަނެއްކާވެސް މިވަނީ "އިހަވަންދިއްޕޮޅުގެ މަޝްރޫޢު"ގެ ވާހަކަ ފެންމަތިވެފައެވެ. އުތުރުގެ އިޤްތިސާދީ ދުވެލި ބާރު ކުރުވާނެ ކަމުގެ ޔަގީންކަމާއި އެކު މިވަނީ މަޝްރޫޢުގެ ތަފްސީލް ސަރުކާރުން އާންމުކޮށްފައެވެ.

Ad
d

ރައީސް އިބްރާހިމް މުޙައްމަދު ސާލީހު ރައީސް ކަމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު "އިހަވަންދިއްޕޮޅު" ތަރައްގީ ކުރައްވާނެ ކަމުގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވިއެވެ. އިހަވަންދިއްޕޮޅުގައި ހިންގިދާނެ މަޝްރޫޢުތަކާއި މެދު އެތަކެއް ބަހުސްތަކެއް ކުރެވިގެން ދިޔައެވެ. އޭރު ސަރުކާރުން ވެސް ދިޔައީ އިހަވަންދިއްޕޮޅުގެ ތަރައްގީއަށް ވަނީ "އައިހެވަން" ގެ ނަމުގައި މަޝްރޫޢުއެއް އިއުލާންކޮށްފައެވެ. ދެޕާޓީއިންވެސް ބުނަމުން ދިޔައީ އިހަވަންދިއްޕޮޅު ތަރައްގީ ކުރާނެކަމަށެވެ.

އިހަވަންދިއްޕޮޅުގެ މަޝްރޫޢު: މިކިހިނެއްވާ މަޝްރޫޢެއް؟

އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރު ހަދަން ފީޒިބިލިޓީ ހަދާފައެވެ. ނެދަލޭންޑްސްގެ އެމްޓީބީއެސް އަދި ޑެންމާކުގެ ނީރާސް ގެ ޖޮއިންޓް ވެންޗަރ ކުންފުންޏާ ހަވާލުކޮށްގެން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެށި އެމަސައްކަތް ވަނީ ނިންމާފައެވެ.

"އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރު" ވާނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ކަމަށާއި އަހަރެއްގެ މައްޗަށް 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭ 900 މީޓަރުގެ މަގަތު ފާލަމެއް ހަދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އުތުރުގެ ލޮކޭޝަނުގެ ބޭނުން ހިފައި އިގްތިސާދީ ގޮތުން ރާއްޖެ އަށް އެންމެ ފައިދާ ކުރާނެހެން ބަނދަރުތައް ގާއިމް ކުރުން ކަމަށް ހާމަކޮށްފައިވެއެވެ.

466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާ މިބޮޑު މަޝްރޫޢު އުތުރުގައި ފަށަން ޝައުގުވެރިވާ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް 2020 ގެ ކުރީކޮޅު "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގެ ނަމުގައި އެމްޑީޕީން ފެށި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އިންވެސްޓްމެންޓްތަައް ހޯދުމަށްޓަކައި އޭރު ކުރިޔަށް ދިޔަ މަސައްކަތަކީ ގުޅުން ހުރި ގައުމުތަކާ ވެސް ވާހަކަ ދެއްކުން ކަމަށާއި "އޭގެ ތެރޭގައި ސައުދީ އެރެބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)، އިންޑިއާ، އެމެރިކާ" ފަދަ ތަންތަނުގެ އިންވެސްޓަރުންނާ ވާހަކަ ދައްކަމުންދާކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ ޓްރާންޝިޕްމެންޓް ބަނދަރުގެ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ ދުރު ރާސްތާގައި އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެ ވެސް ބޮޑު އިންޑަސްޓްރީއަކަށް ވުން އެކަށީގެންވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިހަވަންދިއްޕޮޅު ޕޯޓް ސިފަކުރަނީ މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ޕޯޓެއްގެ ގޮތުގައެވެ. ސަބަބަކީ ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ޕޯޓުގެ ސަބަބުން ވަނީ ކޮން ފައިދާއެއް؟

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އުތުރުން އެކަނި އަހަރަކު 25 މިލިއަނަށް ވުރެ ގިނަކޮންޓެއިނަރާއެކު ބޯޓުތައް ދަތުރު ކުރެއެވެ. އެހެންކަމުން މިބޯޓުތަށް މަޑުކޮށް މުދާ ބާލާ ސަރަހައްދަކަށް ހެދިއްޖެނަމަ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. ހާއްސަކޮށް އުތުރުގެ އިޤްތިސާދަށް އެނގުން ވެގެންދާނެއެވެ.

މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާއިރު މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައިވެސް ހާމަކޮށްފައިވެއެވެ.

ތިލަދުން އިން އިހަވަންދިއްޕޮޅު ބަނދަރާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވީ "އިހަވަންދިއްޕޮޅުގެ މިމަޝްރޫޢުގެ ސަބަބުން ބަދަލު އަންނަނީ ސަރަހައްދީ އިޤްތިސާދަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ އިޤްތިސާދަށްވެސް ބޮޑު އިންގިލާބީ ބަދަލެއް އައްނާނެ. އިޤްތިސާދު ގެ އެންމެ މުހިންމު ސިނާ އަތަށް ވުމުގެ ފުރުސަތު އެބޮތް." ކަމަށާއި "މެގަ ޔޮޓް، ސުޕާރ ޔޮޓް، ޕަސެންޖަރ ލައިން ހޭންޑަލް ކުރާ ވިޔަފާރިތަކަށާއި އެ އުޅަންދުތަކަށް ސަޕްލައި ކުރާ ފަރާތްތަކަށްވެސް ބޮޑު ފައިދާތަކެއް ވެގެންދާނެ." ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް ވިދާޅުވި ފަދައިން އިހަވަންދިއްޕޮޅު ބަނދަރަކީ ގިނަ ގޮތްގޮތުން އުތުރަށް ތަރައްގީގެ އިންގިލާބެއް ގެނުވާނެ ބަނދަރެކެވެ. އިޤްތިސާދީ ގޮތުން އުތުރަށް އެންމެ ބޮޑު ފައިދާއެއްވާނެ ސިނާއަތަކަށް މިބަނދަރު ވުމުގެ ފުރުސަތު އެބައޮތެވެ.

އިހަވަންދިއްޕޮޅުގައި ސަރުކަރުން އަޅާނެކަމަށް އިއުލާންކޮށްފައިވާ ބޮޑު މަޝްރޫޢުއާއި މެދު ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑެތި އުންމީދުތަކެއް އެބައޮތެވެ. މާލޭގެ ބާޒާރަށް ބަރޯސާވުން ނިމުމަކަށް ގެނެސް އުތުރުން ވިޔަފާރީގެ މޫވްމެންޓް އިތުރު ކުރެވިއްޖެނަމަ އެވިޔަފާރިވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެގެންދާނެކަމަށް އެވިޔަފާރިވެރިން ގަބޫލު ކުރެެއެވެ.

ހދ. ވައިކަރަދޫއަށް ނިސްބަތްވާ ލޮކިސްޓިކް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް އެބޭފުޅާގެ ޝުއޫރާއި ވިސްނުން ތިލަދުންއަށް ހާމަކުރެއްވިއެވެ. "މިކަން ހިގައިފިނަމަ އެސަރަހަދުގެ ބިންތަކުގެ އަގު މަތިވެ ދުނިޔޭގެ ބޮޑެތި ޝިޕިންގް ލައިންތަކުގެ ސީދާ ދަތުރުތަށް ރާއްޖެއަށް ފެށުމުގެ ފުރުސަތު އޮންނާނެ." ކަމަށާއި "ފާރ އީސްޓް އާއި މިޑްލްއީސްޓް އަދި އެފްރިކާގެ ގެ ބައެއް ސަރަހަދުތަކަށް ޓްރަންޝިޕްމެންޓް ކާގޯރގެ ހިދުމަތް ފެށުމުގެ ފުރުސަތު އޮންނާނެ."ކަމަށެވެ.

"ބައެއް ބެންކިންގް ހިދުމަތަށް ފެށޭނެ ކަމަށް ބެލެވޭ. ބަނދަރާއި ގުޅިގެން އިންޓަނޭޝަނަލް އެއާރޕޯޓްގެ އެއާރ ޓްރެފިކް މަތިވެގެންދާނެ. އެއީ ސީމަނުންނާއި ޝިޕިންގ އެޖެންޓުން އަދި ވެސެލް އޯނަރުންގެ ދަތުރުތައް އަންނާނެ. ނަތީޖާއަކީ މެރިޓައިމް ދާއިރާގެ ފުރުސަތުތައް ހުޅުވިގެން ދިއުމައި އިންވެސްޓަރުންގެ ސަމާލުކަމަށް އިހަވަންދިއްޕޮޅު އައުން." ކަމަށް ސިޕިންގ ދާއިރާގެ ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވަމުން އަންނަ އެބޭފުޅާ އިތުރަށް ހާމަކުރިއެވެ.

އިހަވަންދިއްޕޮޅު ސަރަހައްދު ތަރައްގީކުރުމުގެ ކުރެވޭ މަސައްކަތުގެ ތެރޭގައި ސަރުކާރުން ވަނީ ހޯރަފުށީގައި އެއާރޕޯޓެއް ހުޅުވާފައެވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙު ވިދާޅުވީ ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ، މުޅި އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި އަރޕޯޓާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރ. މައުމޫނު އިހަވަންދިއްޕޮޅު މަޝްރޫއެއް، ރ. ޔާމީން އައިހެވަން، ރ. ސާލިހް ޕޯޓެއް

އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނެ ބަދަލު އިހުސާސްވާން އަދި ވަގުތު ނަގާނެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ކޮޅު އިހަވަންދިއްޕޮޅުގެ ތަރައްގީގެ ޗާޓެއް ކުރެހިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި "އައިހެވަން"ގެ ސިފައިގައި އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ މަންޒަރު ކުރަހާލިއެވެ. އޭރުވެސް މިހުރިހާ ޕްލޭންތަކާއި އުންމީދުތަށް ބޯމަތިން ދިޔައީ ދެންމެ ދެންމެ އަމަލީ މަސައްކަތް ފަށާނެހެން ހީވެ ތިއްބައެވެ.

Ad
df

އިހަވަންދިއްޕޮޅުގެ ތަރައްގީއަށް އުތުރުން ކުރާ އުންމީދު ހަގީގަތަކަށް ވުމުން ނޫނީ އުތުރުގެ މީހުން ތިބީ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. ކުރިން "ކަޑަ ޖެހި" ގޮތަށް މިއަދު ދައްކާލާ "ޕްލޭން" އަކީ ހިޔާލީ ފޮލާއެކެވެ. ހަގީގީ ތަރައްގީން އިހަވަންދިއްޕޮޅަށް ފަތިސްވެގެން ނޫނީ އުތުރު މީހުންނަށް ހިތްހަމަޖެހުމެއް ނާންނާނެއެވެ. އިހަވަންދިއްޕޮޅު މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނަނީ ކޮން ބަދަލެއްކަން ބަލަން ތިބެވޭނީ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންނެވެ.