އަންނަ ރަމަޟާން މަހަށް 14 ވަރަކަށް މިސްކިތެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މިހާރުވެސް އިސްލާމީ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 140 އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ކުރިއަށް އޮތް އަހަރު އެ ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ފަށާފައިވާ މިފަދަ މަޝްރޫޢުތައް ނިންމުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތްތަކެއް ހުޅުވޭނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހަށް އައު މިސްކިތްތަކެއް ހުޅުވުނު ފަދައިން، އަންނަ ރަމަޟާން މަހަށްވެސް 14 ވަރަކަށް މިސްކިތެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކުރުމަށް އެހީ ލިބިފައިވާ ކަމަށާއި، އެ މަސައްކަތްތައް ކުރުމަށް ވެސް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ.

މިސްކިތްތައް ބިނާކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުން އެދޭ ކޮންމެ ރަށެއްގައި ވެސް ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަކީ މުހިންމު އަމާޒެއް ކަމަށެވެ.

ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކާއި އެހެން ފަރާތްތަކުގެ އެހީގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ފާހަގަކުރަށްވަމުން ވަޒީރު ވަނީ އެއިގެ ތެރޭގައި ވަރަށް ގިނަ މިސްކިތްތަކާއި، 11 ވަރަކަށް އިސްލާމީ މަރުކަޒުގެ މަސައްކަތް ވެސް ހިމެނޭކަން ފާހަގަކުރަށްވާފައެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ ވަޤުފު ޢިމާރާތްތަކާއި، މިސްކިތްތަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި މިހާރުވެސް ހަތް ވަޤުފު ޢިމާރާތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެ މަސައްކަތްތައް ނިމުމުން އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ ކަންކަމަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.