ދުނިޔޭގެ ހަކުރުބަލީގެ ދުވަސް 2026 ފާހަގަކުރުމުގެ ގޮތުން، ހދ. ކުޅުދުއްފުށި ސިޓީގައި ޞިއްޙީ ސްކްރީނިން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ ޕަބްލިކް ހެލްތު ޔުނިޓާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕްރައިމަރީ ހެލްތު ކެއާ ދަރިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޝިޢާރު ކަމަށްވާ، "އަރލީ އެކްޝަން އޮން ޑައިބެޓީސް" ގެ ދަށުން ކުރިއަށް ގެންދެވުނު މި ހަރަކާތުގެ މަޤްޞަދަކީ ހަކުރުބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޤަވާއިދުން ޞިއްޙީ ސްކްރީނިންގތައް ހަދައިގެން ބަލި ކުރީބައިގައި ދެނެގަތުމުގެ މުހިންމުކަން ހާމަކޮށްދިނުންކަމުގައި ކޭއާރްއެޗްއިން ބުނެއެވެ.
މީގެއިތުރުން ހަކުރުބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް މުޖުތަމަޢަށް ބާރުއެޅުން ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.
ހަމައެއާއެކު، އެންމެން އެކުގައި، ކުރީބައިގައި ބަލި ދެނެގަތުމަށް ބާރުއަޅައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް ކޭއާރްއެޗްއިން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!