ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "އެސެންޝަލްސް އޮފް ސާރވިސް އެކްސެލެންސް" ތަމްރީނު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން، އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތަމްރީނެކެވެ.

މިއަދުން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 35 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނަކީ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް ފުރިހަމަ އަދި ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ ޕްރޮގްރާމެކެވެ.

މީގެއިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ބޭނުންވާ މައިގަނޑު ހުނަރުތަކާއި މުހިންމު ސިފަތައް މި ތަމްރީނުގެ ތެރެއިން މުވައްޒަފުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށްގެންދަވައި، ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކްސްޓަރނަލް ޓްރެއިނަރ އަދި ހުޅުމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ މައުރޫފެވެ.