ޗައިނާއާއެކު 2022 ވަނަ އަހަރު ވެފައިވާ ސަލާމަތީ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، ސޮލޮމަން އައިލެންޑްސްއިން އޮސްޓްރޭލިއާއާއެކު "ތާރީޚީ" އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޕެސިފިކްގެ މި ޖަޒީރާ ގައުމުގެ އެންމެ އިސް ސަލާމަތީ ބައިވެރިޔަކީ އޮސްޓްރޭލިއާކަން ކަށަވަރުވެގެންދާނެ ކަމަށް ބުދަ ދުވަހު ކެންބަރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ އާއި ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރު މެތިއު ވޭލް ވަނީ ވިދާޅުވެފައެވެ.
ސޮލޮމަން އައިލެންޑްސްއިން ޗައިނާއާއެކު ސަލާމަތީ އަދި ފުލުހުންގެ ހަރަކާތްތަކާ ގުޅޭ އެއްބަސްވުމެއް އެކުލަވާލީ އެ ގައުމުގެ މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މަނައްސޭ ސޮގަވަރޭގެ ވެރިކަމުގައެވެ. އެމެރިކާއާއެކު ސަރަހައްދީ ބާރުވެރިކަމަށް ވާދަކުރަމުންދާ ޗައިނާއަށް މި އެއްބަސްވުމުގެ ސަބަބުން އަސްކަރީ އަދި ސްޓްރެޓީޖިކް ގޮތުން ޕެސިފިކް ސަރަހައްދުގައި ފައިތިލަ ސާބިތުކުރަން ފުރުސަތު ލިބިގެންދާނެ ކަމުގެ ބިރު އޭރު އޮތެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރުގެ އެޕްރީލް މަހު މުއްދަތު ހަމަވާ އެ އެއްބަސްވުން އިތުރަށް އައު ނުކުރާނެކަން ސޮލޮމަން އައިލެންޑްސްގެ ވެރިރަށް ހޮނިއާރާއިން މިހާރު ވަނީ ބެއިޖިންގއަށް އަންގާފައެވެ.
ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ވޭލް ވިދާޅުވީ، ޗައިނާއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މައުލޫމާތު ސިއްރުކުރުމުގެ އެއްބަސްވުމެއް އޮތުމުން ކުރީގެ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަދެއްކެވެން ނެތް ކަމަށެވެ. އަދި ސޮލޮމަން އައިލެންޑްސްއަކީ ސަރަހައްދުގައި ޝައްކާއި ވަހުމް އުފެދޭ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށާއި، އޮސްޓްރޭލިއާއެކު ވެވުނު އެއްބަސްވުމަކީ ގުޅުންތައް އަލުން ބައްޓަންކުރުމަށް ލިބުނު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒީ ވިދާޅުވީ ޕެސިފިކްގެ އަވަށްޓެރިންނަށް އެހީތެރިވުމަކީ އޮސްޓްރޭލިއާގެ އަމިއްލަ ސަލާމަތާއި ތަނަވަސްކަމަށް ވެވޭ އިންވެސްޓްމަންޓެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނީ ސޮލޮމަން އައިލެންޑްސްގެ މިނިވަންކަމާއި ނިންމުންތައް ނިންމުމުގެ ހައްގަށް ފުރިހަމައަށް އިހުތިރާމްކޮށްގެން ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއުކާން ވަނީ އެ އެއްބަސްވުން ބާތިލުކުރިކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ ސޮލޮމަން އައިލެންޑްސް ހިމެނޭހެން ޕެސިފިކްގެ ގައުމުތަކާއެކު ޗައިނާއިން ބާއްވާ ގުޅުމަކީ ޖިއޯޕޮލިޓިކަލް ވާދަވެރިކަމެއް ނުވަތަ ވަކި ފަރާތަކާ ކުރިމަތިލުމެއް އެކުލެވޭ ކަމެއް ނޫން ކަމަށެވެ. މިކަމާ ގުޅޭގޮތުން ލޯވީ އިންސްޓިޓިއުޓްގެ ރިސާޗް ފެލޯ ޑރ. ކޮނޯ ގްރަހަމް ވިދާޅުވީ ޗައިނާގެ އެއްބަސްވުމަކީ ވޮޝިންޓަނާއި ކެންބަރާގެ ޑިޕްލޮމޭޓުންގެ ހިތްތަކަށް ބިރުވެރިކަން ގެނުވި ކަމެއް ކަމަށާއި، އައު އެއްބަސްވުމަކީ އޮސްޓްރޭލިއާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް ވިލިއަމް ޔަންގް ފާހަގަކުރެއްވި ގޮތުގައި، މިއީ ޕެސިފިކްގެ ސަލާމަތީ ކަންކަމުގައި މަޝްވަރާކޮށްގެން އެންމެންގެ އެއްބަސްވުމާއެކު ނިންމުންތައް ނިންމުމަށް ޒަމާނުއްސުރެ އޮންނަ އުސޫލު އަލުން ކަށަވަރުވެގެން ދިޔަ ކަމެކެވެ.
އާންމުކޮށް ހާމަކޮށްފައި ނުވާ ޗައިނާގެ ކުރީގެ އެއްބަސްވުމުން، އެ ގައުމުގެ ފުލުހުން ފޮނުވުމާއި އަސްކަރީ މަރުކަޒަކާ އެއްފަދަ ތަނެއް ގާއިމުކުރުމުގެ ބާރު ޗައިނާއަށް ލިބިގެންދާކަން މީގެކުރިން ލީކުވި މައުލޫމާތުތަކުން އެނގިފައިވެއެވެ. ނަމަވެސް އޮސްޓްރޭލިއާއާއެކު ވެވުނު އައު އެއްބަސްވުމުގެ ދަށުން، ސޮލޮމަން އައިލެންޑްސްގެ އެއްވެސް ސަރަހައްދެއް ބޭރުގެ އަސްކަރީ ނުވަތަ ސަލާމަތީ މަރުކަޒެއް ހެދުމަށް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން ނާޒުކު އުމްރާނީ ވަސީލަތްތަކާ ގުޅޭގޮތުން އޮސްޓްރޭލިއާއާއެކު ކުރިން މަޝްވަރާކުރުމަށާއި، ސަލާމަތީ ގުޅުންތައް ބޭއްވޭނީ ހަމައެކަނި ޕެސިފިކް އައިލެންޑްސް ފޯރަމްގެ މެންބަރު ގައުމުތަކާ އެކަނި ކަމަށް ވަނީ ކަނޑައަޅާފައެވެ. ޗައިނާއަކީ މި ފޯރަމްގެ ޑައިލޮގް ޕާޓްނަރެއް ނަމަވެސް، އެ ފޯރަމްގެ ފުރިހަމަ މެންބަރެއް ނޫނެވެ.
މި އެއްބަސްވުމުގެ ދަށުން ސޮލޮމަން އައިލެންޑްސްގެ ހިލޭ ތައުލީމީ ނިޒާމަށާއި، ކުޅިވަރު ޕްރޮގްރާމްތަކަށާއި، ވިސާގެ އިންތިޒާމުތައް ހަރުދަނާކުރުމަށާއި، އިއާދަކުރަނިވި ހަކަތައާއި އުމްރާނީ ތަރައްގީގެ ދާއިރާތަކަށް އޮސްޓްރޭލިއާއިން އެހީތެރިކަން ދޭނެއެވެ. ލީކުވެފައިވާ މެސެޖުތަކަކާ ހަވާލާދީ އޭބީސީން ބުނެފައިވާ ގޮތުގައި މި ޕެކޭޖުގެ ދަށުން 980 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ދިނުމަށް ވަނީ ވައުދުވެފައެވެ. ބޮޑުވަޒީރު ވޭލް މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އޮސްޓްރޭލިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ޕާލަމެންޓުގެ ދެ ދަޒަނެއްހާ މެންބަރުންގެ ވަފުދަކާ އެކުގައެވެ. ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ގޮތުގައި މި ވަފުދުގެ ބޮޑުމިނުން ދައްކުވައިދެނީ، ޗައިނާއާ އެކު ބޭއްވި ގުޅުންތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން ސިޔާސީ ހަލަބޮލިކަމުގައި އޮތުމަށް ފަހު، މި އައު އެއްބަސްވުމަށް އެ ގައުމުގެ ޕާލަމެންޓުގެ ވަރުގަދަ ތާއީދެއް އޮތް ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!