ކުޑަކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ކުރިމަތިވާ އާ ނުރައްކާތަކުން އެ ކުދިން ސަލާމަތްކުރުމަށްޓަކައި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދުންފަތް ކޮންޓްރޯލްކުރުމަށް ގެންނަ އިސްލާހުތައް މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" ނުވަތަ "މަގޭ ދުވަސް، މަގޭ ޙައްޤު، މަގޭ މުސްތަޤުބަލު" މި ޝިއާރުގެ ދަށުންނެވެ.
ރައީސް ވިދާޅުވީ، މިއީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، އެ ކުދިންގެ ދިރިއުޅުމަށް އަސަރުކުރާ ކަންކަމުގައި ނިންމާ ނިންމުންތަކުގައި އެ ކުދިންގެ އަޑު އަހައި އިސްކަންދިނުމަށް ވެފައިވާ ވަޢުދު އާކުރާ ދުވަހެއް ކަމަށެވެ.
ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަނިޔާއިން ކުދިން ރައްކާތެރިކުރުމާއި، އާއިލީ ވެއްޓެއްގައި ކުދިން ބަލާބޮޑުކުރުމުގެ ފުރުސަތު ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. މީގެއިތުރުން ސިއްހީ ހިދުމަތްތައް ކުރިއެރުވުމާއި، އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއް ގާއިމުކުރުމާއި، ތެރަޕީގެ ހިދުމަތްތަކާއި އިޖުތިމާއީ ރައްކާތެރިކަމާއި އަނބުރާ މުޖުތަމައަށް ގެނައުމުގެ ހިދުމަތްތައް ހަރުދަނާކޮށް، ކުދިން ހެދިބޮޑުވަމުން އަންނަ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އެހީތެރިކަން ދިނުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ގެންނަ އިސްލާހުތަކާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެކެވެ. އަދި ހަގީގީ ކުރިއެރުމެއް ހޯދޭނީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލައިގެން ނޫން ކަމަށާއި، އެ ކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، ކުދިންގެ ވިސްނުމަށް އިހުތިރާމުކޮށް، މުސްތަގުބަލު ބިނާކުރުމުގެ ބާރު އެ ކުދިންނަށް ދީގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރުގައި ޔުނިސެފުން އިސްނަގައިގެން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ އަޑު އުފުލުމާއި، ރައްކާތެރިކަމާއި، އުނގެނުމާއި، ސިއްހަތާއި، އަދި ބައިވެރިވުމުގެ ޙައްޤުތައް ފާހަގަކޮށް، ލީޑަރުންނާއި މުޖުތަމައުތަކުން ކުޑަކުދިންނަށް އިސްކަންދިނުމަށް ގޮވާލުމެވެ. މީގެއިތުރުން ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިއްސާކުރުމަށް ހިތްވަރުދީ، އަނިޔާއާއި އިހުމާލުން ރައްކާތެރިކުރުމާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތައް ހިންގައެވެ.
ނޮވެމްބަރު 20 ވަނަ ދުވަހަކީ ކުޑަކުދިންގެ ޙައްޤުތަކުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ދުވަހެކެވެ. އެގޮތުން 1954 ވަނަ އަހަރު އދ. އިން ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ކަނޑައެޅިއިރު، 1959 ގައި އދ. ގެ އާންމު މަޖިލީހުން ވަނީ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ގަރާރު ފާސްކޮށްފައެވެ. އަދި 1989 ވަނަ އަހަރުގެ މި ދުވަހު އދ. އިން ވަނީ 18 އަހަރުން ދަށުގެ ކޮންމެ ކުއްޖެއްގެ ޙައްޤުތައް ހިމާޔަތްކޮށްދޭ 54 މާއްދާގެ މައްޗަށް އެކުލެވޭ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުއާހަދާ (ޔޫއެންސީއާރްސީ) ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!