އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ގައި ވާދަކުރާ އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީ، އެ ލީގުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ މަގާމު ދަމަހައްޓައިފިއެވެ.
އެމްއެލްއެސް ޕްލޭޔާސް އެސޯސިއޭޝަނުން އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، އަހަރަކު މަދުވެގެން 10 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ލިބޭ ކުޅުންތެރިންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފައެވެ.
އެ އެސޯސިއޭޝަނުން މި އަހަރުގެ އޮކްޓޫބަރު 9 ވަނަ ދުވަހާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެސީއަށް ގެރެންޓީ ކޮށްފައިވާ އުޖޫރައިގެ ގޮތުގައި އަހަރަކު 28.33 މިލިއަން ޑޮލަރު ލިބެއެވެ. މިއީ މިއަހަރުގެ ބަހާރު މޫސުމުގައި ނެރުނު އަދަދާ އެއްވަރުގެ އަދަދެއް ނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އޭނާއަށް ލިބުނު 20.45 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މެސީގެ އިތުރުން 10 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޝިކާގޯ ފަޔާގެ ރޮބަޓް ލެވަންޑޯސްކީ (19.51 މިލިއަން ޑޮލަރު)، އޯލެންޑޯ ސިޓީގެ އެންޓުއާން ގްރީޒްމަން (13.94 މިލިއަން ޑޮލަރު)، އެލްއޭއެފްސީގެ ސޮން ހިއުން-މިން (11.25 މިލިއަން ޑޮލަރު) އަދި އެޓްލާންޓާ ޔުނައިޓެޑްގެ ފޯވާޑް ބްރީލް އެމްބޯލޯ (10.81 މިލިއަން ޑޮލަރު) އެވެ. މުޅި ލީގަށް ބަލާއިރު، މަދުވެގެން 1 މިލިއަން ޑޮލަރުގެ ގެރެންޓީ އާމްދަނީއެއް ލިބޭ 150 ކުޅުންތެރިން އެބަތިއްބެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން، މި ރިޕޯޓުގައި ހިމަނާފައިވާ މެސީގެ މުސާރައަކީ ހަމައެކަނި ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަށް ދޭ އުޖޫރައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މެސީ ވަނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އިންޓަ މިއާމީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. އިންޓަ މިއާމީގެ ހިއްސާދާރު ހޯހޭ މަސް މިދިޔަ މާޗު މަހު ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، އިތުރު އެއްބަސްވުންތަކާއި އެކު މެސީގެ އަހަރީ ޖުމްލަ އާމްދަނީ އުޅެނީ 70 މިލިއަން އަދި 80 މިލިއަން ޑޮލަރާ ދެމެދުގައެވެ. މީގެއިތުރުން، ފުޓްބޯޅަ ކުޅުން ހުއްޓާލުމުން އެ ކްލަބުގެ ހިއްސާއެއް ވެސް މެސީއަށް ލިބޭނެއެވެ.
ޓީމުތަކުން މުސާރައަށް ކުރާ ޖުމްލަ ހޭދައަށް ބަލާއިރު، އިންޓަ މިއާމީ އުޅެނީ އެހެން ކްލަބުތަކަށް ވުރެ ވަރަށް ބޮޑުތަން ކުރީގައެވެ. ސީޒަނުގެ މެދުތެރެއިން މިޑްފީލްޑަރު ކަސެމީރޯ އެ ޓީމާ ގުޅުމާއެކު، މިއާމީން މުސާރައަށް ކުރާ ހޭދަ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 59.37 މިލިއަން ޑޮލަރަށް އަރައިފައެވެ. މިއީ ލީގުގައި ހިމެނޭ އަނެއް 29 ޓީމުގެ ތެރެއިން 25 ޓީމަކުން މުސާރައަށް ކުރާ ހޭދައަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ. ނަމަވެސް، އެ ޓީމަށް އީސްޓަން ކޮންފަރެންސްގެ އެއްވަނަ ލިބިފައިނުވާއިރު، އެއްވަނަ ހޯދައި ސަޕޯޓާސް ޝީލްޑް ކާމިޔާބުކުރީ އެންމެ 24.97 މިލިއަން ޑޮލަރު ހޭދަކުރި ނޭޝްވިލް އެސްސީއެވެ.
ކުޅުންތެރިންގެ ގެރެންޓީ މުސާރައަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ލެވަންޑޯސްކީ ސޮއިކުރި ޝިކާގޯ ފަޔާއިންނެވެ. އެ ޓީމުން 41.29 މިލިއަން ޑޮލަރު ހޭދަކުރިއިރު، ތިންވަނައިގައި އޮތް އެޓްލާންޓާ ޔުނައިޓެޑުން ހޭދަކުރީ 38.35 މިލިއަން ޑޮލަރެވެ. އޭގެ ފަހަތުން އެލްއޭ ގެލެކްސީން 34.91 މިލިއަން ޑޮލަރު އަދި އެލްއޭއެފްސީން 32.91 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މުޅި ލީގުން އެންމެ ކުޑަ ޕޭރޯލެއް އޮތީ ފިލަޑެލްފިއާ ޔޫނިއަންގައެވެ. އެ ޓީމުން މުސާރައަށް 12.64 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، އެ ޓީމުގެ ޒުވާން ތަރި ކެވަން ސަލިވަންގެ ގެރެންޓީ އުޖޫރައަކީ 614،000 ޑޮލަރެވެ.
ލީގުގެ ހުރިހާ ކުޅުންތެރިން ހިމެނޭހެން، ކުޅުންތެރިއަކަށް ލިބޭ އެވްރެޖް ގެރެންޓީ މުސާރަ ވެސް ވަނީ އަހަރުން އަހަރަށް ބޮޑުތަނުން އުފުލިފައެވެ. އެގޮތުން އެވްރެޖް މުސާރަ ވަނީ 746،936 ޑޮލަރަށް އަރައިފައެވެ. މިއީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުރި 632،809 ޑޮލަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، ލީގުގެ މީޑިއަން މުސާރަ 6.4 އިންސައްތަ އިތުރުވެ، 360،042 ޑޮލަރަށް ވަނީ މަތިވެފައެވެ. އެމްއެލްއެސް އާއި ކުޅުންތެރިންގެ އެސޯސިއޭޝަނުން މިހާރު އަމަލުކުރަމުން ދަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވި އަދި 2027 ގެ ނިޔަލަށް ދެމިގެންދާ އެއްބަސްވުމުގެ ހަވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!