ޣައްޒާގެ އެކި ސަރަޙައްދުތަކަށް ހުކުރު ދުވަހުގެ ހެނދުނާއި ފަތިހުގެ ވަގުތުތަކުގައި އިސްރާއީލު ސިފައިން ދިން ވައިގެ އަދި އެއްގަމު ހަމަލާތަކެއްގައި ފަލަސްޠީނުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

އިސްރާއީލުގެ ޑްރޯންތަކުން ޣައްޒާ ސިޓީއަށާއި ނުޞީރާތު ރެފިއުޖީ ކޭމްޕަށް ހަމަލާދީފައިވާއިރު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހިޔާވަހިކަން ހޯދަމުންދިޔަ މީހުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލުގެ ޓޭންކުތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

Ad
rt

މެޑިކަލް މަސްދަރުތަކުން ބުނި ގޮތުގައި، މެދުތެރޭ ޣައްޒާގެ ނުޞީރާތު ރެފިއުޖީ ކޭމްޕުގެ "ނިއު ކޭމްޕް" ސަރަޙައްދުގައި ހުންނަ ފަރްހޫދު ބުރު ކައިރިއަށް އިސްރާއީލުގެ ޑްރޯނަކުން އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވެފައިވަނީ ދިޔާބް ޢީސާ ރާޟީ އެވެ. އޭނާ ޝަހީދުކޮށްލާފައި މިވަނީ، އިސްރާއީލު ސިފައިން އޭނާގެ ދަރިފުޅު ޑޮކްޓަރު މުސައްލަމް ޝަހީދުކޮށްލިތާ ތިން އަހަރު ފަހުންނެވެ.

ނުޞީރާތު ރެފިއުޖީ ކޭމްޕުގެ އަލް-އިޝްރީން މަގުގައި ހުރި ބިމެއްގައި ޖަހާފައިވާ ޓެންޓަކަށް ޑްރޯނަކުން ދިން ހަމަލާއެއްގައި ވެސް ފަލަސްޠީނުގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން ޣައްޒާ ސިޓީގެ ދެކުނުގައިވާ ޞަބްރާ އަވަށުގައި ހުންނަ ކަރަންޓު ބަހާ ކުންފުނީގެ މައި އިދާރާ ކައިރިން ދުއްވާފައި ދިޔަ ބައިސްކަލަކަށް ޖާސޫސީ ޑްރޯނަކުން ދިން ހަމަލާގައި ވެސް ގިނަ ބަޔަކު ޒަޚަމްވި އިރު، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ ސަރަޙައްދުގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށް އަމާޒުކޮށް އިސްރާއީލުގެ ޓޭންކުތަކުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާގެ ހުޅަނގު ސަލާޠީން ސަރަޙައްދަށް އިސްރާއީލު ސިފައިން ވަނީ ބަޑީގެ ވަޒަން ބޭނުންކޮށްގެން ހަމަލާދީފައެވެ. ހިޔާވަހިކަން ހޯދަމުންދާ ރައްޔިތުން ތިބި ތަންތަނަށް އިސްރާއީލުން މިފަދަ ހަމަލާތައް ދެމުންދާއިރު، ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުން އަލްއަޤްޞާ މާޓާސް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރެވެމުންނެވެ.

މި ހަމަލާތަކުގެ ކުރިން، ބުރާސްފަތި ދުވަހު ވެސް އިސްރާއީލު ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދުކޮށްލާފައިވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އިތުރު ބަޔަކު އެ ދުވަހު ވެސް ވަނީ ޒަޚަމްވެފައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 10 އޮކްޓޫބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 1،662 މީހުން ޝަހީދުވެ، 6،007 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 851 މީހެއްގެ ހަށިގަނޑު ވަނީ ހޯދިފައެވެ. މީގެއިތުރުން، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 74،715 މީހުން ޝަހީދުވެ، 176،139 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.