ހދ. ހަނިމާދޫ ސްކޫލްގެ ސްޓަޑީ ކޭމްޕްތަކަށާއި އެ ރަށު ޒުވާނުންގެ ޖަމްޢިއްޔާއިން ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި އަހަރުގެ ބާކީ އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ސްޓަޑީ ކޭމްޕްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް 100،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަނިމާދޫގައި ހިންގާ ހަމައެކަނި ޕްރީ ސްކޫލް ކަމަށްވާ ސަޢާދާ ޕްރީސްކޫލްގެ ހަރަކާތްތައް ހިންގުމަށް 20،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު "ތިލަދުން" އަށް ވިދާޅުވީ، މީގެ ކުރިން ވެސް މި އަހަރު އެ ސްކޫލްގެ ސްޓަޑީ ކޭމްޕްތަކަށް ކައުންސިލުން 200،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހުސްވުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުމުގެ ޙަރަކާތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް ފައިސާގެ އެހީތެރިކަން ދިނުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ތަޢުލީމީ ގޮތުން ޤާބިލު ދަރިންތަކެއް އުފައްދައި، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ބޭނުންވާ މާލީ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.
ހަނިމާދޫ ކައުންސިލުން ތަޢުލީމީ ދާއިރާއަށް ދެމުން އަންނަ އެހީތެރިކަމުގެ ތެރެއިން، ސްކޫލްތަކުގެ އިނާމުދިނުމުގެ ޙަފްލާތަކަށް ވެސް އެ ކައުންސިލުން ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެގޮތުން، ހިރިމަރަދޫ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާއަށް ޖުމްލަ 33،500 ރުފިޔާގެ ޚަރަދެއް ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ.
ހިރިމަރަދޫ ސްކޫލަށް ދިން އެހީގެ ތެރޭގައި އެ ސްކޫލުން އިނާމު ލިބޭ ކޮންމެ ދަރިވަރަކަށް ދިން 1،000 ރުފިޔާއާއި، ބެސްޓް އޯލްރައުންޑް ޙާޞިލުކުރި ދަރިވަރަށް ދިން 5،000 ރުފިޔާ ހިމެނެއެވެ. މީގެއިތުރުން، އެންމެ ފަހުން ބޭއްވި ހަނިމާދޫ ސްކޫލްގެ ޕްރައިޒް ޑޭ ޙަފްލާއަށް ވެސް ހަނިމާދޫ ކައުންސިލުން ވަނީ 63،000 ރުފިޔާ ޚަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!