2017 ވަނަ އަހަރު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ގަތުލުއާންމު ހިންގާފައިވާ ކަމަށް އދ. ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުރާސްފަތި ދުވަހު ނިންމި ނިންމުމަށް މިޔަންމާއިން ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ.

މިއީ އެއްވެސް އިސްތިއުނާފެއް ނެތް، އަދި ގާނޫނީ ގޮތުން އެއަށް އަމަލުކުރުން ލާޒިމު އެންމެ ފަހުގެ ނިންމުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުޓެރޭސް ވިދާޅުވީ، ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އައިސީޖޭއިން ނެރުނު ހުކުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. މިއީ ގަތުލުއާންމުގެ ޝިކާރައަކަށް ވި ރޮހިންޔާ ދަރިކޮޅުގެ މީހުން ބަލައިގަތުމަށް ލިބުނު ވަރުގަދަ ބާރެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ އިންސާފު ހާމަވެގެންދިޔަ އަދި މިފަދަ ބިރުވެރި އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު އޮވެގެން ނުވާނެކަން ކަށަވަރުކޮށްދިން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ގައުމަކުން ގަތުލުއާންމު ހިންގި ކަމަށް އެ ކޯޓުން ކަނޑައެޅި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިޔަންމާގައި އަދަބު ނުލިބި އޮންނަ ސަގާފަތް ނައްތާލައި ޖަވާބުދާރީ ކުރުވުމަކީ ގައުމީ ސުލްހައަށާއި ދެމެހެއްޓެނިވި ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ގުޓެރޭސް ތަކުރާރުކުރެއްވިއެވެ.

އައިސީޖޭގެ 15 ފަނޑިޔާރުންގެ ތެރެއިން 9 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި މި ހުކުމް އިއްވަވަމުން، އެ ކޯޓުގެ ރައީސް ޖަޖް ޔޫޖީ އިވަސާވާ ވިދާޅުވީ އުތުރު ރާޚައިން ސްޓޭޓްގައި މިޔަންމާއިން ރޮހިންޔާ ދަރިކޮޅާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވަނީ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފަށް ކަމަށެވެ. އަދި މިޔަންމާގެ ސަލާމަތީ ބާރުތަކުން އެތައް ހާސް އާންމުން މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާގެ އަމަލުތައް ހިންގައި، ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ދީ، ބަންގްލަދޭޝަށް ހިޖުރަކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މީހުންނަށް ހަމަލާދީފައިވާ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

ފަނޑިޔާރުންގެ ބެންޗުން ނިންމި ގޮތުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން މި ޖަރީމާތައް ހިންގާފައިވަނީ އެ ގައުމުގައި ދިރިއުޅޭ ރޮހިންޔާ އާބާދީގެ ބޮޑު ބައެއް ނައްތާލުމުގެ ސީދާ ނިޔަތުގައެވެ. އަދި ހިންގި އަނިޔާވެރިކަމާއި ގެއްލުންތަކަކީ އަސްކަރީ ގޮތުން ބޭނުންތެރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު ކަންކަން ކަމަށާއި، އެއީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެ މިޔަންމާއިން ދެއްކި ވާހަކަތަކުން އެ އަމަލުތައް ދިފާއު ނުކުރެވޭނެ ކަމަށް ޖަޖް އިވަސާވާ ވިދާޅުވިއެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކާ ގުޅިގެން އާންމުން ހިންގި ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް މިޔަންމާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، ކުށްވެރިންނަށް އަދަބު ދިނުމުގެ ޒިންމާ އަދާކުރުމުގައި ވެސް އެ ގައުމު ފެއިލްވެފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެ ހުކުމާ ގުޅިގެން ކޯޓުން ވަނީ މި ޖަރީމާތަކުގައި ޝާމިލުވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށާއި، ގެދޮރު ގެއްލިފައިވާ ރޮހިންޔާ ރައްޔިތުން ރައްކާތެރިކަމާއި، އަމިއްލަ އިޚްތިޔާރުގައި އަދި އިއްޒަތްތެރިކަމާއެކު އެނބުރި އައުމަށް މަގުފަހިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް މިޔަންމާއަށް އަމުރުކޮށްފައެވެ. އަދި ގެއްލުނު ނުވަތަ ހަލާކުވި މުދާ އަނބުރާ ހޯދައިދިނުމާއި، އަނިޔާ ލިބުނު ފަރާތްތަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ފަރުވާ ދިނުމަށާއި، ބަދަލު ނުދެވޭ ފަދަ ގެއްލުންތަކަށް މާލީ ބަދަލު ދިނުމަށް ވެސް ކޯޓުން ވަނީ އަންގާފައެވެ. މީގެ އިތުރުން ގެއްލިފައިވާ މީހުން ހޯދުމަށާއި، މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ދެނެގަނެ އަލުން އިއްޒަތްތެރިކަމާއެކު ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އަމުރުކޮށްފައިވެއެވެ.

ހަމައެއާއެކު، ޖަރީމާތަކުގެ ހެކި ރައްކާތެރިކުރުމަށް ޖެނުއަރީ 2020 ގައި އައިސީޖޭއިން ނެރުނު ވަގުތީ އަމުރާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެގޮތުން 2021 ވަނަ އަހަރު ރޮހިންޔާ މީހުން ދިރިއުޅުނު ކުރީގެ އަވަށްތަކުގައި ސަރުކާރުގެ އަސްކަރީ މަރުކަޒެއް އެޅުމާއި، މޭ 2020 ގައި މަދުވެގެން ފަސް އަވަށެއްގެ ނިޝާންތައް އެއްކޮށް ނައްތާލާފައިވާ ކަމުގެ ވަރުގަދަ ހެކި ލިބިފައިވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ. މުދާ އަނބުރާ ހޯދައިދިނުމުގެ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓު ހުށަހެޅުމަށް މިޔަންމާއަށް ދެ އަހަރުގެ މުއްދަތެއް ދީފައިވާއިރު، ބަދަލު ނަގައިދިނުމާ ގުޅޭ ކަންކަން ފަހުގެ އަޑުއެހުންތަކުގައި ނިންމާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އޮޕަރޭޝަންތަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ ރޮހިންޔާ ރައްޔިތުން ބަންގްލަދޭޝަށް ފިލައިގެން ދިޔަ ހާދިސާއާ ގުޅިގެން، 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެހީތެރިކަމާއެކު ގެމްބިއާއިން ނޮވެމްބަރު 2019 ގައި ހުށަހެޅި މައްސަލައެކެވެ. މައްސަލައިގެ އެކި ނިންމުންތަކަށް ބަލާއިރު، ޖެނޮސައިޑް ކޮންވެންޝަން ތަންފީޒުކުރާ ގާނޫނެއް މިޔަންމާއިން ހަދާފައި ނުވާ ކަމަށް 14-1 ގެ ވޯޓުން ކަނޑައެޅިއިރު، ތަހުގީގުކޮށް ދައުވާ އުފުލުމަށް އަމުރުކުރީ 13-2 ގެ ވޯޓުންނެވެ. ނަމަވެސް، އަމިއްލަ ފަރުދުން ފާޅުގައި ގަތުލުއާންމަށް ހިތްވަރުދިން ކަމަށް ބުނެ ހުށަހެޅި ވަކި ދައުވާ 14-1 ގެ އަޣުލަބިއްޔަތުން ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.