ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އަބަދުވެސް އެ ޤައުމެއްގައި އޮންނަ އުންމީދީ ވިސްނުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ހަމަޖެހުމާއި އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޤައުމެއް ކުރިއަރައި ދިޔުމުގައި ކަންކަމާމެދު ހެޔޮކޮށް ވިސްނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުށްހީތަކުގެ މައްޗަށް ބިރުގަނެ ފަސްޖެހުމުގެ ބަދަލުގައި، ސާބިތު ވިސްނުމަކާއެކު ތިބުމަށާއި، ރައްޔިތުންގެ މެދުގައި އެއްގޮތްވަންތަކަމާއި އެއް އަމާޒެއް ދޭހަވުމުގެ ތޫނުކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެގޮތުގައި ކުރިއަރައި ދިޔުމުގެ ރޫޙާއި ޝައުޤާއި ޢަޒުމް ދެމެހެއްޓުމަކީ ޤައުމުގެ ކުރިއެރުމާ ގުޅިފައިވާ ކަމެއް ކަމުގައި ބަޔާންކުރެއްވިއެވެ.
މިއަދާ ހަމައަށް ދިވެހިރާއްޖެ ވާރުތަވެފައިވަނީ ވަރުގަދަ ޙަޟާރަތެއްގެ ވެރި ތަހުޒީބު ޤައުމެއްގެ ގޮތުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ޚަޞީލަތް ކަމަށެވެ. އަދި ރާއްޖެއަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އަދި އެއް ސަޤާފަތެއް ހިއްސާކުރާ އެއް އަސްލެއްގެ އެކުވެރި ބައެއް ދިރިއުޅޭ، އަމާން އަދި ރައްކާތެރި ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ މިހާތަނަށް ހޯދާފައިވާ އެންމެހައި ކުރިއެރުންތަކުގެ އަސްލަކީވެސް ދިވެހީންގެ ކިބައިގައިވާ މި އުންމީދީ ވިސްނުން ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިންގެ މެދުގައި އޮތް އަޚްވަންތަ އެކުވެރިކަމާއި، ޤައުމުގައި އޮތް އަމާންކަމާއި، އަދި ރައްޔިތުންގެ ޤައުމީ ސަފުތަކުގެ ބަދަހިކަމަކީ މި ކުރިއެރުމުގެ މައިގަނޑު އަސާސްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ދުވަހު ދިވެހިން ދިރުވަންވީ މުސްތަޤުބަލުގެ އަމާންކަމަށް "އާނއެކޭ" ބުނުމުގެ ރޫޙު ކަމަށެވެ. އަދި މި ދުވަހު ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޝުޢޫރަކަށް ވާންވާނީ ތަރައްޤީވެފައިވާ، ޒަމާނީ ކުރިއެރުންތަކުން މުއްސަނދިވެފައިވާ ރާއްޖެއެއް މާދަމާ ދުށުމުގެ އުންމީދީ ޝުޢޫރު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޖުމްހޫރީ ދުވަހު ކޮންމެ މީހެއްގެ ހިތުގެ ދުޢާއަކަށް ވާންވީ، ދިވެހި ޤައުމުގެ އަމާންކަމަށް ހުރަސްއަޅައި، ދިވެހީންގެ މުސްތަޤުބަލުގެ ކުރިއެރުމަށް ލޮޅުންއަރުވަން މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން ކަމަށެވެ. އަދި މި ޖުމްހޫރީ ދުވަހުގެ ޝިޢާރަކަށް ވާންވީ، "ދިވެހީންގެ ރާއްޖެ - ތަހުޒީބު މުޖުތަމަޢު،" ކަމުގައި ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!