ޖަޕާނުގެ މައުންޓް ފޫޖީ ފަރުބަދައަށް އެރި ފަހުން ގެއްލިފައިވާ ޗައިނާގެ 25 އަހަރުގެ ޒުވާނަކު ދިރިހުއްޓާ ހޯދައިދިން ފަރާތަކަށް އޭނާގެ އާއިލާއިން 75،000 އެމެރިކާ ޑޮލަރު (500،000 ޔުއާން) ގެ ފައިސާގެ އިނާމެއް ހުށަހެޅުމާ ގުޅިގެން، ރައްކާތެރިކަމެއް ނެތި ފަރުބަދައަށް އަރަން މީހުންނަށް ހިތްވަރު ލިބި އިތުރު ނުރައްކާތަކަކަށް މަގުފަހިވެދާނެ ކަމަށް ބުނެ ޖަޕާނުގައި ހުންނަ ޗައިނާ އެމްބަސީންނާއި ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެ ފަރުބަދަމަތިން ގެއްލިފައިވަނީ ޗެން ޖީ ނަމަކަށް ކިޔާ ޒުވާނެކެވެ. ޗައިނާ އަދި ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ދިރިހުއްޓާ ފެނުނު މީހަކަށް 75،000 ޑޮލަރު (57،300 އިނގިރޭސި ޕައުންޑް) ދިނުމަށް އާއިލާއިން އިޢުލާނުކޮށްފައިވާއިރު، އޭނާގެ ހަށިގަނޑު ހޯދައިދިން ފަރާތަކަށް 100،000 ޔުއާން ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
ޔަމަނާޝީ ފުލުހުން ބުނި ގޮތުގައި، ޗެން އެ ދުވަހު ފަރުބަދައަށް އަރަން ފެށީ އޭނާގެ ދެ ރަހުމަތްތެރިންނާ އެކުގައެވެ. ނަމަވެސް، ފަރުބަދަ ބަންދުކޮށްފައިވާކަމާއި، މަގުތަކުގެ ހާލަތަށް ބަލާއިރު އެކަށީގެންވާ ސާމާނު ނެތްކަން އެނގުމުން އެ ދެ އެކުވެރިން ވަނީ އަނބުރާ ގޮސްފައެވެ. އެހެން ނަމަވެސް، ކަނޑުގެ ސަތަހައިން ގާތްގަނޑަކަށް 2،300 މީޓަރު (7،545 ފޫޓު) އުސްމިނުގައިވާ ޔޮޝިޑާ ޓްރެއިލްގެ ފަސްވަނަ ސްޓޭޝަނުން ފެށިގެން ޗެން ދަތުރު ކުރިއަށް ގެންދިޔައީ އެކަންޏެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން ލިބުނީ އެ ދުވަހުގެ ހެނދުނު 10:30 ހާއިރު، "އަހަރެން މިދަނީ ފަރުބަދަމައްޗަށް އަރަމުން... އެއްވެސް މީހަކު ފެންނާކަށް ނެތް،" ކަމަށް ބުނެ ރަހުމަތްތެރިއަކަށް ފޮނުވި ވީޑިއޯ މެސެޖަކުންނެވެ.
ޖަޕާނުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ 3،776 މީޓަރުގެ މައުންޓް ފޫޖީން ޗެން ހޯދުމުގެ މަސައްކަތް ލޯކަލް އިދާރާތަކުން ނޮވެމްބަރު 10 ވަނަ ދުވަހު ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް އެކި ފަހަރު މަތިން މެދުކަނޑާލަން ޖެހުނެވެ. މި ދަނޑިވަޅުގައި ޗެންގެ ބައްޕަ ނޮވެމްބަރު 13 ވަނަ ދުވަހު ޖަޕާނަށް ގޮސްފައިވީ ނަމަވެސް، އޭނާ އެ އިނާމު އިއުލާނުކުރި ސީދާ ތާރީޚެއް ސާފެއް ނޫނެވެ.
މި ބޮޑު އިނާމުގެ ސަބަބުން އެކަށީގެންވާ ތައްޔާރީތަކެއް ނެތި މީހުން ފަރުބަދައަށް އެރުމަށް ހިތްވަރު ލިބި، އިތުރު އެކްސިޑެންޓުތައް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ވެސް ވަނީ ފާޅުކޮށްފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔަމަނާޝީ ޕްރިފެކްޗާގެ ގަވަރުނަރު ކޮތާރޯ ނަގަސާކީ ވިދާޅުވީ، ގެއްލިފައިވާ މީހާ ހޯދަން ކުރާ މިފަދަ މަސައްކަތްތަކުގެ ސަބަބުން "ދެވަނަ ކާރިސާއެއް" ކުރިމަތިވެދާނެ ކަމަށެވެ. މައިނިޗި ޝިމްބުން ނޫހުން ރިޕޯޓުކުރި ގޮތުގައި، އާއިލާއަށް އިލްތިމާސްކުރައްވަމުން ގަވަރުނަރު ވިދާޅުވީ، "އާއިލާއަކީ މުހިންމު ބައެއްކަން އަޅުގަނޑު ދަންނަން، އެކަމަކު އެހެން މީހުންގެ ފުރާނައަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދެން،" ކަމަށެވެ.
ފަރުބަދައަށް އެރުން މަނާ ދުވަސްވަރު ގަދަ ވަޔާއި ސްނޯ ތޫފާންތަކުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށާއި، އެ ދުވަސްވަރު ހިޔާވަހިކަމާއި ފުރަތަމަ އެހީދޭ މަރުކަޒުތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކޮށް، ޗައިނާ އެމްބަސީން ވެސް ވަނީ އަންގާރަ ދުވަހު އިންޒާރު ނެރެފައެވެ. މައުންޓް ފޫޖީއަށް އެރުމުގެ ރަސްމީ މޫސުމަކީ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ކުރީކޮޅާ ހަމައަށެވެ. އަދި އޮފް-ޕީކް ސީޒަންގައި ފަރުބަދައަށް އަރާ މީހުން ހެލިކޮޕްޓަރު މެދުވެރިކޮށް ސަލާމަތްކުރަން ޖެހިއްޖެނަމަ އަންނަ އަހަރުން ފެށިގެން އެ ޚިދުމަތަށް ފައިސާ ނަގާނެ ކަމަށާއި، ދަތުރުގެ ތަފުސީލީ ޕްލޭންތައް ހުށަހަޅަން ޖެހޭނެ ކަމަށް ޔަމަނާޝީ ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކުން މީގެކުރިން ވަނީ ބުނެފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ފިނި މޫސުމުގައި މައުންޓް ފޫޖީއަށް އެރުމަކީ ކިހާވަރެއްގެ ކަމެއްކަން މީހުން އަލުން ވިސްނުމަށް ބާރުއެޅުން ކަމަށް ވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!