އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ އަދި އޮލިމްޕިކް ލިއޯން އެއްވަރަކަށް ޕޮއިންޓް ހަމަކޮށްފިއެވެ.

ހަތަރު ފަހަރުގެ ޗެމްޕިއަން ބާސެލޯނާއިން އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ސާވެޓް އަތުން 6-0 އިން މޮޅުވިއިރު، ރެކޯޑް އަށް ފަހަރުގެ ޗެމްޕިއަން އަދި މިދިޔަ އަހަރުގެ ރަނަރަޕް ލިއޯން ވަނީ ރަށުން ބޭރުގައި 2025 ވަނަ އަހަރުގެ ޗެމްޕިއަން އާސެނަލްގެ މައްޗަށް 2-0 އިން ކާމިޔާބީ ހޯދައިފައެވެ.

Ad
rt

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަންހެނުންގެ ބެލޮންޑިއޯ ތިން ފަހަރު ހޯދާފައިވާ އައިޓާނާ ބޮންމާޓީއެވެ. އޭގެ ފަހުން ފޯވާޑް ކްލައުޑިއާ ޕީނާ އަދި އެސްމީ ބްރޫގްޓްސް ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފުގެ މެދެއްހާ ހިސާބުގައި ލިބުނު ޕެނަލްޓީއަކުން ނޯވޭގެ ފޯވާޑް ކެރޮލީން ގްރަހަމް ހެންސެން ނަތީޖާ 4-0 އަށް ބަދަލުކޮށްދިންއިރު، މޮޅު ކުޅުމެއް ދެއްކި ޕީނާ ވަނީ ފަހުން އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

ބޯހަމްވުޑްގެ މެޑޯ ޕާކުގައި ކުޅުނު މެޗުގައި، މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގެ ދެ ލެގުގައިވެސް އާސެނަލް ކޮޅަށް ލަނޑު ޖެހި ޖަރުމަނުގެ ޔޫލް ބްރޭންޑް ވަނީ ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުގައި ލިއޯނަށް ކުރިހޯދައިދީފައެވެ. ލިއޯންގެ ދެވަނަ ލަނޑަކީ ވާތު ފަރާތުން ނެގި ހުރަހެއް ފޯވާޑް މާރީ-އެންޓޮއިނެޓް ކަޓޯޓޯ ކޮންޓްރޯލްކޮށް، ގޯލަށް ފުރަގަސްދީ ހުރެ ތަނަވަސްކޮށްދިން ފުރުސަތަކުން މެލްޗީ ޑުމޯނޭ ގޯލުގެ މަތީ ކަނަށް ފޮނުވާލި ހިތްގައިމު ލަނޑެކެވެ. މިއީ މި މުބާރާތުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ.

ކުޅުނު ފަސް މެޗުން ޖުމްލަ 26 ލަނޑު ޖަހައިގެން ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، ބައިކޮޅަށް އެއްވެސް ލަނޑެއް ނުވަދެ 22 ލަނޑު ޖަހާފައިވާ ލިއޯން އޮތީ ދެވަނައިގައެވެ. ބަލިވި އާސެނަލް 18 ޓީމު ވާދަކުރާ ތާވަލުގެ އަށްވަނައަށް ވެއްޓިފައިވާއިރު، ލީގު ފިޔަވަހީގެ ފަހު މެޗުތައް އެއް ވަގުތެއްގައި ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 ގައެވެ. ގަދަ ހަތަރު ޓީމު ފެބްރުއަރީ 3 ގައި ފަށާ ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ފަސްވަނައިން ފެށިގެން 12 ވަނައާ ދެމެދުގެ ޓީމުތައް ވާދަކުރާނީ ނޮކްއައުޓް ޕްލޭއޮފް ބުރުގައެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އޮސްޓްރިއާ ވިއެނާގެ މައްޗަށް 4-0 އިން ކުރިހޯދައި، ޗެލްސީގެ މައްޗަށް ގޯލުގެ ތަފާތުން ކުރި ހޯދުމަށްފަހު ބަޔާން މިއުނިކް ވަނީ ތިންވަނައަށް ޖެހިލައިފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖަރުމަނުގެ ކްލާރާ ބުއެލް ކާމިޔާބުކުރީ، ޑެންމާކުގެ ތަޖުރިބާކާރު ފޯވާޑް ޕާނިލް ހާޑާ ދިން ރީތި ޕާހަކުން އެޑްނާ އިމާޑޭ ފޮނުވާލި ހަމަލާ ދިފާއުކުރުމުން ލިބުނު ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ހާފު ނިމެން ކައިރިވެފައިވަނިކޮށް ހާޑާ ދެވަނަ ލަނޑު ޖެހިއިރު، 75 ވަނަ މިނެޓުގައި އަލާރާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފަހު ލަނޑު ޖަހައިދިނީ ސޯފީ ޕްރޫސްޓެވެ. ބަޔާން ދެން ނުކުންނާނީ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށެވެ.

ބެންފީކާގެ ދަނޑުގައި ރޯމާ އިން 3-2 އިން މޮޅުވި މެޗުގައި، އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް މޮޅުވި ލަނޑު ޖަހައިދިނީ ފިންލެންޑުގެ ފޯވާޑް ސޯފިއާ ޔަހްނުކައިނެންއެވެ. މި މޮޅާއެކު ރޯމާ ވަނީ އާސެނަލްއާ އެއް ޕޮއިންޓް ފަހަތުން ނުވަވަނައަށް ޖެހިލައިފައެވެ. މީގެއިތުރުން ސްޓޭޑް ޝާލެޓީގައި ކުޅުނު މެޗުގައި، ޑެންމާކުގެ އެޗްބީ ކޯޖް އަތުން ޕެރިސް އެފްސީ މޮޅުވީ 2-1 އިންނެވެ. އެމެރިކާގެ މިޑްފީލްޑަރު ކެތަރިން ޕޯލްސަން ކޯޖްއަށް ލީޑު ނަގައިދީފައިވަނިކޮށް ކޮސްޓަރީކާގެ ޝެއިކާ ސްކޮޓް ވަނީ ޕެރިސް އެފްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޕެރިސް އެފްސީ މޮޅުވި ލަނޑު އިތުރު ވަގުތުގައި ސެލީނާ އޮލްޑް ހޮސީން ޖެހީ، އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއުކުރުމުން ލިބުނު ރީބައުންޑް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.