ހއ. އުތީމުން އަލަށް ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ބްލޮކް ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތުލުމުގެ މަސައްކަތް މިއަދު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ބުރުގައި އެ ރަށުން ޖުމްލަ 31 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބޯހިޔާވަހިކަމަށް އެދި 70 އެއްހާ މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ގޯތި ލިބޭ 31 މީހުން ވަނީ ކަނޑައަޅައި ނިންމާފައެވެ.
އުތީމު ކައުންސިލުން ބުނި ގޮތުގައި، ގޯތި ލިބޭ ބްލޮކް ގުރުއަތުން ނެގުމަށްފަހު ދެން އެންމެ އަވަހަށް ކުރިއަށްދާނީ ގޯތި ލިބުނުކަމުގެ ރަސްމީ ލިޔުން ހަވާލުކުރުމުގެ މަރުހަލާއެވެ.
އެ ލިޔުންތައް ހަވާލުކުރުމަށްފަހު، ގޯތި ދޫކޮށްފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތާއި، ގޯތިތަކުގައި ކަންމުޑި އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ކައުންސިލްގެ ހިނގަމުންދާ 4 ވަނަ ދައުރުގެ ކުރީކޮޅުގައި ވެސް އުތީމުން ވަނީ 36 ގޯތި ދޫކޮށްފައެވެ. މި ދައުރުގެ ތެރޭގައި އެ ރަށުގައި ގޯތި ލިބޭ އުމުރުގެ ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފަހިކޮށްދެވިފައިވާކަން ކައުންސިލުން ފާހަގަކުރަނީ އުފަލާއެކުގައެވެ.
މި މަސައްކަތްތައް ކުރިއަށްދިޔައިރު، ރައްޔިތުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ކައުންސިލަށް ދެއްވި އެއްބާރުލުން ފާހަގަކޮށް، ރައްޔިތުންނަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި މަރުހަލާތައް ފުރިހަމަކުރުމުގައި އިދާރީ މުވައްޒަފުން ކުރި ބުރަ މަސައްކަތް ބަލައިގަނެ، އެ މުވައްޒަފުންނަށް ވެސް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!