ހއ. ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމާ ގުޅޭގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ދިއްދޫ ކައުންސިލާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވަނީ ރަށުގައި މި ޚިދުމަތް އަވަހަށް ފެށުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރާ އެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމަށްފަހު، ވަގުތީ ފަޔަރ ސްޓޭޝަން ހިންގުމަށް ހަމަޖެހިފައިވާ ކުރީގެ ޕްރީސްކޫލު އިމާރާތަށް ދެ ފަރާތުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެތަނުގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައިވެއެވެ.
އިމާރާތް ބައްލަވާލެއްވުމަށްފަހު، ކުރީގެ ޕްރީސްކޫލު އިމާރާތުގައި ވަގުތީގޮތުން ފަޔަރ ސްޓޭޝަން ޤާއިމުކުރުމަށް މިހާރު ވަނީ ރަސްމީކޮށް ނިންމާފައެވެ. މިއީ އެ ރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިއްދޫގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމަކީ ކުރީ ދައުރުގެ ޕްލޭނެއް ނަމަވެސް، މިހާތަނަށް އައިއިރު އެކަން ޢަމަލީގޮތުން ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ކަމެކެވެ.
ދިއްދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި ޚިދުމަތް އަވަހަށް ފެށުމަށް ނިންމީ، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި މި މުހިންމު ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ކައުންސިލުން ލަފާކުރާ ގޮތުގައި، އިމާރާތުގެ މަސައްކަތްތައް ނިންމައި ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ވަގުތީ ފަޔަރ ސްޓޭޝަނުގެ ޚިދުމަތް ރަށުގެ ރައްޔިތުންނަށް ލިބެން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!