އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރުހެދުން ހުއްޓުވުމަށް އެޅި ކުއްލި ފިޔަވަޅުތަކުގެ ތެރެއިން، ހުއްދަނެތް ސްމާޓް ޑިވައިސްތައް ގެންގުޅުނު 111 ދަރިވަރަކު ދެކުނު ކޮރެއާގެ ޔުނިވަާސިޓީ އެންޓްރެންސް އިމްތިހާނުގެ ތެރެއިން އަތުލައިގެންފިއެވެ.

އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މީގެ ތެރެއިން ފަސް ދަރިވަރަކު އަތުލައިގެންފައިވަނީ އިމްތިހާނު ކުރިއަށް ދިޔަ ވަގުތު ސްމާޓް ޑިވައިސްތައް ބޭނުންކުރަމުން ދަނިކޮށް ރެޑްހޭންޑްކޮށެވެ.

Ad
rt

މި ހަފުތާގައި ބޭއްވި މި އިމްތިހާނުގައި ބައި މިލިއަނެއްހާ ދަރިވަރުން ބައިވެރިވެފައިވާއިރު، އިމްތިހާނު ހޯލުތަކުގައި ހުއްދަނެތް ޑިވައިސްތައް ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ގައުމީ ކާރިސާތަކުގެ އެލާޓް ސިސްޓަމް މެދުވެރިކޮށް މުޅި ގައުމުގެ ހުރިހާ ފޯނަކަށް ކުއްލި އެލާޓްތަކެއް ފޮނުވައިފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އާއި މެންދުރުފަހު 3:00 އާ ދެމެދު ތިން އެލާޓެއް ފޮނުވި އިރު، ސައިލެންޓް މޯޑުގައި ހުރި ފޯނުތަކާއި ޑޭޓާ ރޯމިން ބޭނުންކުރަމުންދިޔަ ޓޫރިސްޓުންގެ ފޯނުތައް ވެސް ވަނީ އެއްފަހަރާ ރިންގުވާން ފަށައިފައެވެ. އަޑު ނީވެނީ ހަމައެކަނި ފޯނު ނިއްވާލާފައި ނުވަތަ އެއާޕްލޭން މޯޑަށް ލާފައި ހުރި ނަމައެވެ. މިއީ އިމްތިހާނެއްގައި މަކަރުހަދާ މީހުން އަތުލައިގަތުމަށް ގައުމީ އެލާޓް ސިސްޓަމް ދެކުނު ކޮރެއާއިން ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ސިއްރު ކެމެރާތައް ފޮރުވިޔަ ނުދިނުމަށްޓަކައި ގަމީހާއި ޖެކެޓްތަކުގެ ގޮށްތައް ނިވާކުރުމަށް ދަރިވަރުންނަށް އެންގި އިރު، އަޅައިގެން ތިބި އައިނުތައް ވެސް އޮފިޝަލުން ވަނީ ޗެކްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ދެކުނު ކޮރެއާގެ ބޮޑުވަޒީރު ލީ ޖޭ މިޔުންގް ހުކުރު ދުވަހު ވަނީ، އޭއައި ބޭނުންކޮށްގެން ހަދާ މަކަރުތައް ހުއްޓުވުމަށް އިމްތިހާނުގެ ނިޒާމު އަލުން މުރާޖައާކުރުމަށް ގޮވާލައްވައިފައެވެ. ބޮޑުވަޒީރު ވިދާޅުވީ، ދެކުނު ކޮރެއާގައި އާންމު އިމްތިހާނުތަކަކީ ފުރުސަތުތަކާއި ވަސީލަތްތައް ބެހިގެންދާ ގޮތަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެއް ކަމަށާއި، މިފަދަ ޓެސްޓުތަކުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދުމަކީ އިންސާފާއި އިތުބާރު ގެއްލުވާލައި މުޖުތަމައުގެ އަސާސީ ހަމަތަކަށް ލޮޅުން އަރުވާ ކަމެއް ކަމަށެވެ.

މިފަހަރުގެ އިމްތިހާނާ ދިމާކޮށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނީ ފަހަކަށް އައިސް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރުހެދި ސީރިއަސް މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން ވޭތުވެދިޔަ މަހު ޔުނިވަާސިޓީ އެންޓްރެންސް އިމްތިހާނުގައި އޭއައި އައިނު އަޅައިގެން މަކަރުހެދި ދެ ދަރިވަރަކު އަތުލައިގެންފައިވާއިރު، މި އަހަރުގެ ތެރޭގައި މިޑްލް އަދި ހައި ސްކޫލްތަކުގެ ހަތަރު ދަރިވަރަކު އޭއައި އައިނު ބޭނުންކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ދެކުނު ކޮރެއާގެ ޓެކްސް އެކައުންޓެންސީ އިމްތިހާނުން އެއްވަނަ ހޯދި 34 އަހަރުގެ ހަން ވޮން-ސޮކް، 160 ސުވާލުގެ ތެރެއިން އެންމެ ސުވާލެއް ފިޔަވައި ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދިނީ އޭއައި އާއި ކުދި ކެމެރާ ބޭނުންކޮށްގެން ކަމަށް މިދިޔަ އާދީއްތަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި އިއުތިރާފުވުމަކީ ވެސް މި ފިޔަވަޅުތައް އަވަސްކުރަން ޖެހުނު ސަބަބެކެވެ. އޭނާ ބުނެފައިވަނީ އިމްތިހާނު ކަރުދާސް ކުޑަ ކެމެރާއަކުން ފޮޓޯ ނެގުމަށްފަހު އޭއައިއަށް ފޮނުވައި، ސްމާޓްފޯނުން ޖަވާބުތައް ބަލައިގެން މަކަރުހެދި ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން އިމްތިހާނުގައި ތެދުވެރިކަމާއެކު ބައިވެރިވި ދަރިވަރުންގެ މެދުގައި ވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން ހައި ސްކޫލްގެ ދަރިވަރަކު 'ކޮރެއާ ޓައިމްސް' އަށް ބުނެފައިވަނީ، އޭނާ އަޅައިގެން ހުރި އައިނަކީ ސްމާޓް އައިނެއް ކަމަށް ޝައްކުކޮށްފާނެތީ ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށެވެ. އަދި އާންމުކޮށް އައިނު އަޅާ އެހެން ދަރިވަރަކު 'ޔޯންހެޕް' ނޫސް އެޖެންސީއަށް ބުނީ، އިމްތިހާނު ހޯލުގައި އެއްވެސް ޝައްކެއް އުފެދޭ ގޮތް ނުވުމަށްޓަކައި އޭނާ މިފަހަރު ބޭނުންކުރީ ކޮންޓެކްޓް ލެންސް ކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހު ބާއްވާ 'ސުނިއުންގް' އިމްތިހާނަކީ ވިދިވިދިގެން އަށް ގަޑިއިރަށް ދެމިގެންދާ، ކޮރެއާ ބަހާއި ހިސާބާއި އިނގިރޭސި އަދި އިޖުތިމާއީ އަދި ސައިންސްގެ މާއްދާތައް ހިމެނޭހެން ގާތްގަނޑަކަށް 200 ސުވާލު ހިމެނޭ ވަރުގަދަ އިމްތިހާނެކެވެ. މި އިމްތިހާނު އޮންނަ ދުވަހު މުޅި ގައުމުގެ ހިންގުން ހުއްޓުމަކަށް އަންނައިރު، ދަރިވަރުންނަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓާލައި، ފްލައިޓްތައް ދަތުރުކުރުން މެދުކަނޑާލުމުގެ އިތުރުން އަސްކަރީ ތަމްރީނުތައް ވެސް މެދުކަނޑާލައެވެ. ދެކުނު ކޮރެއާގެ ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ދަރިވަރުންގެ ތައުލީމީ ހަޔާތާއި، ޔުނިވަާސިޓީން ލިބޭ ޖާގައާއި، ވަޒީފާ އަދި މުޖުތަމައުގައި އެ މީހުންނަށް ލިބޭ ދަރަޖަ ކަނޑައަޅައިދޭ އެންމެ މުހިންމު ނިންމުމެވެ.