އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، އީރާނަށް އަމާޒުކޮށް ދޭ ކޮންމެ އައު ހަމަލާއެއްގެ ރައްދު ވަކި މިންވަރަކަށް ނުވަތަ ކުރު މުއްދަތަކަށް ހަނިވެގެން ނުދާނެ ކަމަށް ބުނެ އީރާނުން އާދީއްތަ ދުވަހު ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ޕާލިމަންޓުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު ޙަސަން ޤަޝްޤާވީ ވިދާޅުވީ، ދުޝްމަނުން ހަނގުރާމަ ފަށައިފާނެ ކަމަށާއި ނަމަވެސް އެ ހަނގުރާމަ ނިންމާނީ އީރާނުން ކަމަށެވެ.

Ad
rt

ޤަޝްޤާވީ ވިދާޅުވީ އީރާނުގެ ދިފާޢީ އަދި ހަމަލާދިނުމުގެ ޤާބިލުކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ދުޝްމަނުންގެ ހަމަލާތައް ހުއްޓުވުމުގެ ބާރުވެސް އެ ޤައުމަށް މިހާރު ޙާޞިލުކުރެވިފައިވާ ކަމަށެވެ. އަދި އީރާނަށް ދެވޭ ކުޑަ ހަމަލާއެއްގެ ބަދަލުގައި ވެސް، ހަމައެކަނި ދެތިން ދުވަހުގެ ރައްދު ހަމަލާތަކަކުން ފުއްދާނުލާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

އީރާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، ދުޝްމަނުން ހީވެސް ނުކުރާ ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޤަޝްޤާވީ ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވިދާޅުވީ، އީރާނުން އަދިވެސް ދެކެނީ އެ ޤައުމު އޮތީ ހަނގުރާމައިގެ ޙާލަތެއްގައި ކަމަށެވެ.

އެހެންކަމުން، އީރާނާ ދެކޮޅު ފަރާތްތަކަށް އެ ޤައުމުތަކުގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ދޭ ޤައުމުތަކުން ބަދަލު ދޭންޖެހޭނެ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. އެ ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް މެދުކަނޑާލެވުނީ އޭޕްރީލް މަހު ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުމުންނެވެ.

ހަނގުރާމަ އެއްކޮށް ނިންމުމަކަށް ގެނައުމުގެ މަޤްޞަދުގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ޖޫން މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށާއި ވިޔަފާރީގެ ދަތުރުފަތުރަށް މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާއި މިނިވަންކަމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހުރެ، ދާއިމީ ޙައްލަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.