އީރާނުގެ ދެކުނު އައްސޭރިފަށުގެ ބަނދަރުމަތީ ސަރަހައްދުތަކާއި ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ރަށަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ގޮވުންތަކަކީ އީރާނުގެ އައްސޭރިފަށުގައި ބަހައްޓާފައި ހުރި މިސައިލް ލޯންޗަރުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއް ކަމަށް ހަނގުރާމަތައް މޮނިޓަކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

Ad
rt

ހޮނިހިރު ދުވަހުގެ ރޭގަނޑުން ފެށިގެން އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް ހިނގި މި ހާދިސާތަކުގައި މަދުވެގެން ބާރުގަދަ ތިން ގޮވުމެއްގެ އަޑު އިވިފައިވަނީ ހޮރްމުޒްގާން ޕްރޮވިންސްގެ ބަންދަރު ކޮންގް އާއި، އެ ރަށާ އަވަށްޓެރި ބަންދަރު ލެންގޭގެ އިތުރުން ޤެޝްމް އައިލެންޑުންނެވެ.

ކޮންފްލިކްޓް ޓްރެކިން މައުލޫމާތުތައް ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުވެފައިވަނީ ހޮރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި ބަހައްޓާފައި ހުރި، ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭ އީރާނުގެ ކްރޫޒް މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތަކަށެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަދި އީރާނުގެ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވެސް އަސްކަރީ އައު ހަރަކާތެއް ހިނގައިދިޔަކަން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި ގޮވުންތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ގޮވުންތަކުގެ އަޑު އިވިފައި މިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޕާޝިއަން ގަލްފާއި ހޮރްމުޒް ކަނޑުއޮޅީގެ ކަނޑުމައްޗާއި ވައިގެ ސަރަހައްދުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ގިނަ އަދަދެއްގެ ތެޔޮ ބޯޓުތަކެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ރޯވި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިން ވަނީ މި ހަފުތާ ބަންދުގައި ބުނެފައެވެ.

މީގެ އިތުރުން، ހޮނިހިރު ދުވަހު އައިއާރުޖީސީން ވަނީ ޤެޝްމް އައިލެންޑް މަތިން އުދުހެމުންދިޔަ އެމެރިކާގެ އެމްކިއު-1ސީ ގްރޭ އީގަލް މަރުކާގެ ޑްރޯނެއް ވައްޓާލި ކަމަށް ބުނެ، އެ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފްޓޭޖެއް ވެސް އާންމުކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުން އަންނައިރު، މި މަހުގެ 3 އަދި 7 ވަނަ ދުވަހު ވެސް އެމެރިކާއިން ވަނީ ޤެޝްމް އައިލެންޑުގައި ހުރި ވައިގެ ދިފާއީ މަރުކަޒުތަކަށް އަމާޒުކޮށް ވަކި ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ބަހްރައިންގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ ރާޑަރު މަރުކަޒުތަކަށް ޑްރޯނާއި މިސައިލް ހަމަލާތަކެއް ފޮނުވާލި ކަމަށް އީރާނުން ބުނުމާ ގުޅިގެން، ރައްކާތެރި ތަންތަނުގައި ތިބުމަށް އަންގައި ބަހްރައިންގެ ދާޚިލީ ވުޒާރާއިން ވަނީ އާދީއްތަ ދުވަހުގެ ފަތިހު އެލާޓް ނެރެފައެވެ.