ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުން ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިރޭ ރަސްމީކޮށް ހިދުމަތަށް ނެރެފި އެވެ.
''ކޯސްޓްގާޑް ޝިޕް އިމާދުއްދީން''ގެ ނަން ދީފައިވާ މި މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތު މިރޭ އޮތީ ހުޅުމާލެ ޕޯޓުގައެވެ. މި ރަސްމިއްޔާތުގައި މި މަނަވަރު ކޮމިޝަންކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.
އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ޝިޕް އިމާދުއްދީން، ފޮޓޯ: ރައީސް އޮފީސް
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ. މި އުޅަނދު ރާއްޖެ ގެނައީ 15 ޖޫން 2026 ގައެވެ.
ގައުމީ ދިފާޢީ ބާރުން އެއިރު ބުނީ މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ. އަދި ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެއްކަން ގައުމީ ދިފާއީ ބާރުން ވަނީ ފާހަގަކޮށްފައެވެ.
މިއުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!