މިއަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 9.8 އިންސައްތަ މައްޗަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، ވަނީ 1.78 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ ލިބުނު އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ ވަނީ 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 11.0 އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާއަށް އެރިއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ބައިން ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ކުރިއެރުން ލިބުނު ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށަށް ގޮސްފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޚަރަދުތައް ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އޮކްޓޫބަރު 22 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.0 އިންސައްތަ އިތުރުވެ، 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގި 32.00 ބިލިއަން ރުފިޔާ އާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 5.21 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި މި މުއްދަތުގައި ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ސަބްސިޑީއަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުން، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 58.6 އިންސައްތަ މައްޗަށް ގޮސް 4.31 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން ސިއްހީ އިންޝުއަރެންސް، އާސަންދައިގެ ޚަރަދު 1.94 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަ ވަނީ 12.05 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ހޭދަ ވަނީ 89.7 އިންސައްތަ އިތުރުވެފައެވެ. ހަމައެއާއެކު އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު 1.69 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ހިނގާ މުއްދަތުގައި ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައި ވީނަމަވެސް، ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!