މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
"މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާ އަދާކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ، ކޮންމެ އިންސާނަކީވެސް މި ދުނިޔޭގައި ކުރާ ކަންތައްތަކާ މެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް، އެކި ފެންވަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެތިބޭ މީހުންނާ މެދު ގިޔާމަތް ދުވަހުން ވަކިވަކީން ސުވާލު ކުރެވޭނެކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށެވެ. އަދި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި، ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މިކަމުގެ މިސާލެއްގެ ގޮތުން، މާތް ނަބިއްޔާ ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، އެކަމަނާގެ މައްޗަށް ޙައްދު ގާއިމުކުރައްވާނެ ކަމަށް ޙަދީޘްކުރެއްވި ބަސްފުޅު ހުތުބާގައި ފާހަގަކުރިއެވެ.
''އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެކެވެ. އޭނާގެ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ހަމަ އެ ފަދައިން އޭނާއަކީ އޭނާ ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ދަންނާށެވެ! އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެވެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫނެވެ.'' - ހުތުބާ-
''އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަން ތިޔަބައިމީހުން ދަންނާށެވެ! ހަމަ އެ ފަދައިން ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެކެވެ. ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހެއެވެ.'' -ހުތުބާ-
މީގެ އިތުރުން، ކޮންމެ މީހަކު އަދާކުރާ ވަޒީފާއަކީވެސް އަމާނާތެއް ކަމަށާއި، އެ އަމާނާތަށް ރައްކާތެރިވުމަކީ އީމާންކަމުގެ ސިފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ފުރިހަމަ މުސްލިމަކީ އަމިއްލަ އެދުމަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރާ މީހާ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
''ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. ޛާތީ މަޞްލަހަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުންނެވެ. މާތް ރަސޫލާ ﷺ ގެ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى يـُحِبَّ لِأَخِيْهِ مَا يـُحِبُّ لِنَفْسِهِ މާނައީ: "ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާ ކަންތައް ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން، ތިޔަބައިމީހުން ކުރެ އެކަކުގެވެސް އީމާންކަން ފުރިހަމަވެގެންވާ މީހަކު ކަމުގައި ނުވެއެވެ." (أخرجه البخاري (١٣)، ومسلم (٤٥)، واللفظ للبخاري)'' - ހުތުބާ-
ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ. މުޖުތަމަޢެއްގެ ކުރިއެރުމާއި ތަނަވަސްކަން ބިނާވެގެންވަނީ، އެބަޔަކު ހަވާލުވެފައިވާ އަމާނާތްތަކަށް ޚިޔާނާތްތެރިނުވެ، ތެދުވެރިކަމާއެކު މަސްއޫލިއްޔަތު އުފުލާ މިންވަރެއްގެ މައްޗަށް ކަމަށްވެސް ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!