ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ 2026 ޖުލައި 23 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,110 ގްރާމް ހުއްޓެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތްތައް ތަހުލީލު ކުރިއިރު، އެ ތަކެތި ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިއީ ރާއްޖެއަށް އެތެރެކުރުން މަނާ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސް އިން ނާއި ފުލުހުން އަންނަނީ ރާއްޖެއަށް ވަގަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!