20 މެއި ދުވަހުގެ އަދަދާއި ގުޅޭ
" ކަން ކުރަން ވީ ގޮތް އެނގޭނީ މަށަށް. މަންޖެ ނުުޖެހޭނެ މަށަށް ކިޔައިދޭކަށް." އެހެން ބުނެ، ޖަމީލާ ފޯނު ކަނޑާލިއެވެ.
އާމިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަންމައަށް ދުވަހަކު ވެސް ރަނގަޅު ގޮތެއް ބުނެ ނުދެވޭނެކަން އާމިރާއަށް އެނގެއެވެ. ލަސް ހިނގުމެއްގައި އާމިރާ ގޮސް ގެއަށް ވަތް އިރު އާއިޒް ފެންނާކަށް ނެތެވެ. އޭނާ މިހާރު އޮންނާނީ ކޮޓަރީގައިކަން އާމިރާއަށް އެނގުނެވެ. މަޑުމަޑުން ގޮސް އޭނާ ދޮރު ހުޅުވާލި އިރު އާއިޒް އިނީ އިސްޖަހާލައިގެން އެނދުމަތީ އިށީނދެގެންނެވެ. އޭނާ އެ އިނީ ހިތްހަމަ ނުޖެހިފައިކަން އާމިރާއަށް ޔަޤީން ކުރެވުނެވެ. އޭނާ ވެސް މަޑުމަޑުން ގޮސް އާއިޒް ކައިރީގައި އިށީނދެލިއެވެ. އޭނާ އައުމަކުން އާއިޒަކަށް މާ ބޮޑު އަސަރުތަކެއް ކުރިހެންނެއް ހިއެއް ނުވެއެވެ. އަނގައިން ނުބުނިތާ އޭނާ ބަލައިވެސް ނުލިއެވެ.
" މަންމަ ކިތަންމެ ރުޅި އަޔަސް ކޮއްކޮ އެ ކަމަށް އެއްބަސް ނުވާތި. އެ އުލްފާއަކީ އެހާ ރަނގަޅު ކުއްޖެއް ނޫން. މައިންބަފައިންގެ ބާރުގެ ބޭނުން ކޮއްގެން އުލްފާ ބޭނުން ކޮންމެ ކަމެއް އޭނަ ކުރާނެ. ކޮއްކޮ ދޫ ނުދެއްޗޭ." އާމިރާ ނަސޭހަތް ދިނެވެ.
ނަމަވެސް އާއިޒް އިނީ އަނގައިން ބުނާ ހިތަކުން ނޫނެވެ. އާއިޒްގެ ހިމޭންކަން ފެނި، އާމިރާ ވެސް ދެރަވެއްޖެއެވެ.
" ދެން ދޮންތައާ ވާހަކަ ދައްކަބަލަ. " އާމިރާ ބުންޏެވެ.
" އަހަރެން އެއްފަހަރު ނޫނެކޭ ބުންޏަސް މަންމަ ދުލެއް ނުކުރާނެ. އެކަމަށް އަހަރެން އެއްބަސް ވަންދެން މަންމަ އަހަރެންގެ ފަހަތުން ދުވާނެ. އެންމެ ފަހުން އަހަރެން ޖެހޭނީ އޯކޭ ދޭން. އެއީ އެއްނު އަބަދުވެސް ކަންތައް ވާ ގޮތް. އުލްފާއާ އިނުން ނޫން ގޮތެއް އަހަންނަކަށް ނޯންނާނެ. ދެން ކީއްކުރަން އިތުރަށް ވާހަކަ ދައްކަން ވީ؟" އާއިޒް ބުންޏެވެ.
" ނޫން. ތިކަން ތިހެން ވިޔަކަ ނުދޭނަން. މަންމަ އެ މީހުންނާ ހެދި ހޭބަލި ނުވާ ވަރަކަށް ނޫނޭ ލާރިން ދަޅަ ދައްކާފަ އެ ހުރީ. " އާމިރާ ބުންޏެވެ.
ކުއްލިއަކަށް އާއިޒް ތެދުވެގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެއާއެކު އާމިރާ ވެސް ތެދުވެއްޖެއެވެ.
" ކޮންތާކަށް ތި ދަނީ؟ " އާމިރާ އެހިއެވެ.
ނަމަވެސް ޖަވާބެއް ދިނުމެއް ނެތި އާއިޒް ނިކުމެގެން ދިޔައީއެވެ. އާއިޒަށް ހުރީ ވަރަށް އަސަރު ކޮއްފައިކަން އެ ވަގުތު އާމިރާއަށް އެނގުނެވެ.
" ދޭބަލަ ގޮނޑުދޮށަށް ޑަސްބިން އުކާލަން" ސުވޭދާގެ ޖުމްލައިން މާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" އަދިވެސް ހަމަ ގޮނޑުދޮަށަށްތަ ޑަސްބިން އަޅަނީ؟" މާޔާ ސުވާލު ކުރިއެވެ.
" ދެންމެ ބައްޕަ މަސްކެނޑި އެއްޗެއްސޭ. މޫދަށް އަޅާލާނީ ގޮސް. ދެން މާ ވާހަކަ ގިނަ ނުކޮށް ދޭބަލަ." މި ފަހަރު ސުވޭދާގެ އަޑު ގަދަވިއެވެ.
" ދެން ޚަރާބުވާނީ މޫދެއްނު. އެހެންވެއޭ މިރަށު ފުއްޓަރު ފަރާތު މޫދު އެހާ ހަޑީ. " ޑަސްބިން ނަގަމުން ވެސް މާޔާ ދިޔައީ ކުދި ކިޔަމުންނެވެ. އޭރު އޭނާގެ މޫނުމައްޗަށް ވެރިވެފައިވަނީ ފޫހިކަމުގެ އަސަރުތަކެވެ.
" ހާދަ ހޫނު ގަދައޭ މަންމާ. ހަވީރު އުކާލަން ބަހައްޓަންތަ؟" މާޔާ އެހިއެވެ.
" އެއް ގެއިން އަނެއް ގެއަށް ދުވަން ވިއްޔާ ހޫނެއް ގަދައެއް ނުވާނެ. މަންމަ ކަމަކު ބުނިއްޔާ ދައްކާނެ ހާސް ބަހަނާ. އާނ! ދާން ބޭނުން ނޫނިއްޔާ ބަހައްޓާ. އަހަންނަށް ތި ވެސް އުކޭނެ." ސުވޭދާގެ ރުޅިވެރިކަން ހައްތަހާ ވަނީ އިތުރެވެ.
" މަންމަ ތި އުޅެނީ އަހަރެންދެކެ ރުޅި އައިސްގެންނެއް ނޫން. އަދިވެސް ތި އުޅެނީ ބައްޕަދެކެ އައި ރުޅީގަ." މާޔާ ބުންޏެވެ.
" މީ ހާދަ ލާނެތްކަމެއް ހުރި ދަރިޔެކޭ." ކައިރީގައި އޮތް އިލޮށިފަތި ނަގަމުން ސުވޭދާ ބުންޏެވެ.
އެއާއެކު އަވަސް އަވަހަށް ޑަސްބިން ހިފައިގެން މާޔާ ބޭރަށް ދުއްވައިގަތީ މަންމަގެ އިލޮށިފަތިން ސަލާމަތް ވާންވެގެންނެވެ. ނަމަވެސް އޭނާ ދުވަމުން ދިޔައީ ބާރުބާރަށް ހެމުންނެވެ.
" އަނގަ ގަދައީ ގަދަ ކަމަށް. ނުބެހޭކަށް ކަމެއް ވެސް ނޯވެ." މާޔާއަށް އިވޭ ވަރަށް ސުވޭދާ ބުންޏެވެ. އޭރު މާޔާ ގޮސް މަގުމައްޗަށް ވެސް ނިކުމެއްޖެއެވެ.
" އަހަރެން ހިތަށް އަރާ މަންމައާއި ބައްޕަ އަބަދާއަބަދު މި ކުރަނީ ކޮން ޒުވާބެއް ބާވައޭ؟ ބައްޕަ ގެއަށް ވަނިއްޔާ މަންމަ މޫނުމަތި ނުކެރޭނެ ބަލައިލަން. އަބަދުވެސް ކޮންމެވެސް ކަމަކާ ހާޑު ވެފަ." ކުދި ކިޔަމުން ގޮސް މާޔާ ގޮނޑުދޮށަށް ފޭބީ ހިތްހަމަ ނުޖެހިގެންނެވެ.
އޭރު ވެސް ހޫނު މަޑުވާ ގޮތެއް ނުވެއެވެ. ދެ ލޯ ކުޑަކޮށްގެން ހުރެ ގާތަކު މަތީ ހިނގަމުން ގޮސް އޭނާ ހުއްޓުނީ ރާޅު ޖަހާ ފަށުގައެވެ.
" މި ޗާލު މޫދަށޭ ކަރުގޮހޮރު އަޅަން މި ޖެހެނީ؟ މި ރަށު މީހުން ވިޔާނުދާކަން. މި ނޫން ގޮތަކަށް މި ކަން ކުރަން ވެއްޖެ. އެކަމަކު އަހަރެން ވަކި ކީއްކުރާނީ؟" މާޔާއަށް ބުނެވުނެވެ.
ޑަސްބިން މޫދަށް އޮއްސާލުމަށްފަހު އޭނާ މަޑުމަޑުން އޭގެ އެތެރެ ސާފު ކޮއްލިއެވެ. އެއަށް ފަހު އެއްގަމަށް އަރަން ހިނގައިގަތީ ނުހަނު އަވަހަށެވެ. ނަމަވެސް އޭނާގެ އަވަސް ހަރަކާތްތަކަށް ހުއްޓުމެއް ގެނުވީ ގޮނޑުދޮަށަށް ލައްގާފައި އޮތް ބޮޑު ގަސްބުރިއެއް މަތީ އިން އާއިޒް ފެނުމުންނެވެ. އިރުކޮޅަކު ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ވެސް އެއީ އާއިޒްކަން ޔަޤީންކޮއްލާށެވެ.
އާއިޒް ފެނުމުން ހިތުގައި އުފެިދައި އޮތް ރުޅިވެރިކަން ފިލާ ގޮސް، މާޔާގެ މޫޑު ތާޒާވީ ކަހަލައެވެ. ބާރުބާރަށް ގޮސް ގަސްބުޑުގެ އަނެއް ކޮޅުގައި އޭނާ އިށީނީ ދެ ފަރާތަށް ބޯ ހޫރަމުންނެވެ.
" އަވި ގަދަ ކަމުން ނުނިިކުންނަން ގޭގައި ހުރި މީހާ ކީއްވެ ބޭރަށް ތި ނިކުތީ؟ ޔަޤީނޭ އަހަންނާއެކު ނުދާން ވެގެންކަން އޭރު އިންކާރު ކުރީ. ދޯ؟" މާޔާ ސުވާލު ކުރިއެވެ.
ނަމަވެސް އާއިޒްގެ ނަޒަރު ހުއްޓިފައި ހުރީ މާ ދުރަށެވެ. އެއް ފަހަރު މާޔާއަށް ބަލައިލުމަށްފަހު އޭނާ އަނެއްކާ ވެސް މޫނު އަނބުރާލީ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަހަލަ ގޮތަކަށެވެ.
" މި ރަށް މާ ފޫހި ދޯ؟ އަދި މަޑުކޮއްބަލަ. ފޫހިވާން މާ އަވަހޭ. އަދި ކިރިޔާއެއްނު ޢީދު ފެށެނީ. އޭރުން ނުވާނެ ފޫއްސެއް. ރީތި އަންހެން ކުދިން ވެސް ފެންނާނެ." މަޖާވެލާފައި މާޔާ ބުންޏެވެ.
ނަމަވެސް އާއިޒްގެ ސަމާލުކަމެއް އޭނާއަކަަށް މި ފަހަރު ވެސް ނުލިބުނެވެ.
" ކީއްވެތަ އަވީގަ ތި އިނީ؟ ހީވަނީ ކޮންމެވެސް ކަމަކާ މާޔޫސްވެފައި އިން ހެން. ފިކުރު ބޮޑުވެ، ހަނދު އޮއްސިފަ އިންހެން. ބުނެބަލަ ވީ ގޮތެއް. ކޮންކަމަކާތަ ސްޓްރެސްވަނީ؟ އެނގޭތަ؟ ހިތުގައި ކަންކަން ފޮރުވީމަ ތިމާއަށް ލިބޭނެ އެއްވެސް ހިތްހަމަ ޖެހުމެއް ނޯންނާނެ. އެ އެއްޗެހި ބޭރުކުރީމަ އެންމެ އަވަހަށް ތި ވިސްނާ ކަމަކުން މީހާ ސަލާމަތް ވާނީ. ތިހެން ކިތަންމެ އިރަކު އިނަސް ހައްލެއް ލިބޭނެތަ؟" ޖުމްލައަކަށް ފަހު ޖުމްލައެއް މާޔާ ބޭރު ކުރަމުން ދިޔައެވެ. ނަމަވެސް އާއިޒްއަށް މާޔާގެ އަޑު ނީވޭ ކަހަލައެވެ.
" އޭ! އަޖައިބެއްނު މީ. ބީރީތަ؟ ނޫނީ އަޑު ނީވޭ ކަމަށް ހަދަނީތަ؟ ތީ ފަހެ، ޖިންނިއެއްތަ؟ މީހަކު މިތާ އިންކަން އެނގޭތަ އަޅެ؟ ކޮބާތަ މައްސަލައަކީ އަސްލު؟" މާޔާ ތަންކޮޅެއް ބާރަށް ބުނުމާއެކު އާއިޒް ކުއްލިއަކަށް ތެދުވެއްޖެއެވެ.
އޭރު އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
" ތީ މައްސަލައަކީ! " އާއިޒް ބުނީ ނުހަނު ބާރަށެވެ. އެއާއެކު ހައިރާންވެފައި މާޔާއަށް ވެސް ކޮޅަށް ތެދުވެވުނެވެ.
" އަހަރެން ކިތަންމެ ހޫނުގަ އިނަސް، ފިނީގަ އިނަސް ކީއް؟ ތަނެއްކަ ހަމަޖެހިލައިގެން އިނދެވޭކަށް ނެތް. ކޮންމެ ތާކު އިނަސް އެބަ އާދޭ. އައިސް އަނގަ މަޑުން ލައިގެން އިންނަނީކީ ނޫން. ދުނިޔޭގަ ލެއްވިހާ ސުވާލެއް އެބަކުރޭ. ބޮލަށް ތުރާ ކުރޭ. އަނގައިން ނުބުނީމަ ނުވިސްނޭތަ އަހަރެން ބޭނުންވަނީ އެކަނި އިންނަން ކަމެއް؟ އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން އެބައުޅޭ ވާހަކަ ދައްކަން. ތިމާއާ ނުބެހޭ މީހުންގެ މައްސަލަތައް ހައްލު ކުރަން ނޫޅެ، މީހުންނަށް އިހްތިރާމް ކުރަން ފުރަތަމަ ދަސްކޮއްބަލަ." ވާހަކަ ދައްކާ ނިމުނު އިރު އާއިޒް ހުރީ ވަރުބަލިވެފައެވެ.
އޭރު މާޔާ ހުރީ ފެންކަޅި ވެފައެވެ. ރޮވޭ ގޮތް ވުމުން އޭނާ އިތުރަށް މަޑުނުކޮށް އެއްގަމާ ދިމާލަށް ދުއްވައިގަތް އިރު ވެސް އާއިޒް ހުރީ މާޔާއަށް ބަލަހައްޓައިގެންނެވެ. ލޯ މަތިން މާޔާ ގެއްލުމާއެކު އާއިޒް އަނެއްކާ ވެސް ގަސްބުޑުމަތީ އިށީނދެ ފުން ނޭވާއެއް ދޫކޮއްލިއެވެ.
" ދުވަހަކު މީނަ ގޭ މަސައްކަތުން ސަލާމަތެއް ނުވާނެ. ހިނގާބަލަ މާޔާ ހޯދަން ދާން." ނުހާ ވާހަކަ ދެއްކީ ލީނާއާއެވެ.
" މި އެއްޗެހި ހިއްކަން އަޅާފައެއްނު ދެން ދެވޭނީ. " ލީނާ ބުނެލިއެވެ.
" ކޮބާ ލީންގެ މަންމަ؟" ނުހާ ސުވާލު ކުރިއެވެ.
" ދަފި ނަގަން ވެސް އަރަމޯ ބުނި. އެކަމަށް ތައްޔާރުވާން ބޭރަށް ގޮސް ވީ." ލީނާ ބުންޏެވެ.
" ދެން އެއްޗެއް ބުނާނެ ކަމެއް ނެތް. ތި ދެމައިން ޒުވާބު ކުރުން ނޫން ކަމެއް ނުކުރޭ މިހާރު. އަޅާނުލާ ބަހައްޓާ. " ނުހާ ބުންޏެވެ.
" މިހާރު އަހަރެން ނުބެހެން މަންމަގެ އެއްވެސް ކަމަކާ. ރޭގަނޑު މިހާރު ވެސް ގެއަކަށް ނާދެ ބާރައިގެ ކުރިންނެއް. އެއްޗެއް ބުނިއްޔާ އަހަރެން ސައިޒް ކޮއްލާނެ." ލީނާ ބުންޏެވެ.
" އެހެންވެޔޭ އަޅާނުލާންވީ. ނިމުނީދޯ މިހާރު. ހިނގާ ނައްޓާލަން. އޭނަ މިއަދު އަހަންނަށް އެއްވެސް ހަބަރެއް ނުވެޔޭ. މާޔާ ގޮވައިގެން ބޭރަށް ނިކުންނާނީ ދޯ." ލީނާގެ އަތުގައި ހިފާ، ހިނގައި ގަންނަމުން ނުހާ ބުންޏެވެ.
އޮލަ ވާހަކައިގައި ތިބެ ދެ މީހުން ގޮސް މާޔާގެ ގެއަށް ވަތް އިރު މާޔާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ދެ ތިން ފަހަރު ޓަކި ޖެހުމުން ވެސް އެތެރޭން ހަބަރެއް ނުވިއެވެ.
" އޭ ނިދަނީތަ؟ " ލީނާ ގޮވާލުމާއެކު ނުހާ އަނެއްކާ ވެސް ދޮރުގައި ޓަކި ޖެހިއެވެ.
" އޭނަ ނުނިދާނެ މި ގަޑިއަކު. އޭނަ އޮވެދާނެ އަހަރެމެންނަށް ޖެއްސުމަށް ވެސް ދޮރު ނުހުޅުވާން." ހެމުން ހެމުން ލީނާ ބުންޏެވެ.
އެއާއެކު މާޔާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެ ވަގުތު ބާރުބާރަށް ނުހާމެން އެތެރެއަށް ދެމި ގަނެއްޖެއެވެ. އެ މީހުން ވަތް ގޮތަށް ގޮސް މާޔާގެ އެނދުގައި ޖައްސާލީ ވަރުބަލިކަމާއެކުއެވެ.
" ވަރުބަލި ވެއްޖެ އެހާ ގިނަ އިރު ތިބެން ޖެހުނީމަ. ކަލޭ ނިދަނީ ދޯ؟" ނުހާ ބުނެލިއެވެ.
" މީނަ ހާދަ މަޑުމަޑުން މި ހުރީ؟ ބަލީތަ؟" ލީނާ ސުވާލު ކުރީ މާޔާއާއެވެ. އެނދު ކައިރީ ހުރި ގޮނޑީގައި މާޔާ އިށީންނަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" ރޮނީތަ؟ ހާދަ ފާޑަކަށް ދެ ލޯ؟ މަންމަ އެއްޗެހި ކީ ދޯ؟" ނުހާ އެހިއެވެ.
" ނޫން. އެއްވެސް ކަމެއް ނުވެ. ކުޑަކޮށް ނިދުނީމަ ހީވާ ގޮތް." އާއިޒްގެ ވާހަކަ މާޔާ ސިއްރު ކުރިއެވެ.
" ކަލޭ އަލަށްތަ ތި ނިދީ އަހަރެމެންނަށް ނުފެނި. ބުނޭ ބުނޭ! ކިހިނެއްވީ؟ އާދައިގެ ކަމެއް ނޫން ތި އުޅެނީ ދިމާ ވެގެން. " ނުހާ ބުނެލީ ތަންކޮޅެއް ބާރަށެވެ.
" ރޮއިފަ ތި ހުރީ. މަށަށް ޔަޤީން." ލީނާ ބުންޏެވެ.
" ނޫނެކޭ ބުނީމަ ދެން ޤަބޫލު ކުރަން ވީނު." ރުންކުރު ރާގަކަށް މާޔާ އެހެން ބުނުމާއެކު ލީނާއާއި ނުހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މީގެ ކުރިން ދުވަހަކު ވެސް މާޔާ އެ ފަދަ ގޮތަކަށް އެ މީހުންނާ ވާހަކަ ދައްކާފައެއް ނުވެއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!