ކުރީގެ އަދަދާއި ގުޅޭ:

އެއާއެކު މާޔާއަށް ފެނުނީ އަތް އުކައުކާފައި މަންމަ، ބައްޕައާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ މަންޒަރެވެ. ބައްޕަ ގެއަށް ވަންނަން އެނބުރުމާއެކު އަތުގެ މުލައްދަނޑީގައި މަންމަ ހިފެހެއްޓިތަން ވެސް މާޔާއަށް ފެނުނެވެ. އޭރު ވެސް ބައްޕަ ހުރީ މަގުގެ ދެ ކޮޅަށް ބަލަބަލައެވެ. މީހަކަށް އެ މަންޒަރުތައް ފެނިދާނެތީ ބައްޕަ ޖެހިލުންވަނީކަން މާޔާއަށް އެނގުނެވެ.

Ad
rt

މާޔާ އަވަސް އަވަހަށް ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އެނދުގައި އިށީނދެ އިނދެ ރަނގަޅަށް ވިސްނާލިއެވެ.

" ބައްޕަ ލަހުން ގެއަށް އައީމަ މަންމަ ހާޑު ވަނީ ކަމަށް ވާނީ. ކީކޭ ދެން ބުނާނީ." މާޔާއަށް ބުނެވުނެވެ.

ޖެހިގެން އައި ދުވަހެވެ. ރީތި ވެލައިގެން މާޔާ ބަދިގެ ފަރާތަށް ދިޔައެވެ. އޭރު އޭނާގެ ދޮންބެގެ އަންހެނުން ފިރާޝާ އަތުބުރު ނޭނގޭ ވަރަށް ރޮށި ވަށްކުރަމުން ދެއެވެ. އެ މަންޒަރު ފެނި މާޔާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

" ދޮންބެއަށް ރޮށި ކާންދެނީ ހަމަ ތިހާ ވަށްކޮށް ދަމައިގެންތަ؟" ހެމުންހެމުން މާޔާ ބުންޏެވެ.

ޖަވާބުގައި ފިރާޝާ ހީލިއެވެ. މާޔާ ގޮސް ދޭފަތް ނަގާ، ފިރާޝާއަށް އެހީތެރިވެދޭން ފެށީ ހިނިތުންވުމާއެކުގައެވެ.

" އަހަރެން އައީމަ ކިހާ ފަސޭހަ ދޯ؟ މިހެން ވެސް ފަސޭހައެއް ކޮއްލަދޭނެ މީހަކު މިގެއަކު ނުހުންނާނެ. ޖެހިގެން ހުރިގޭ ހަލީމަދައިތަ ވިހޭ ވަރަށް މަންމަ ވެސް ކުދިން ވިހޭ ނަމަ ގައިމު މިއަށް ވުރެ ފަސޭހަވީސް. ގްރޭޑް އެކަކުން ފެށިގެން ދިހަޔަކަށް ހަލީމަދައިތަގެ ދަރިއެއް ނޫޅޭ ގްރޭޑެއް ނޯންނާނެ. މިހާރު އެއް ބަޔަކު ބޮޑެތި ވެގެން ވަޒީފާއަށް ދަނީ. އަނެއް ބަޔަކު އަދިވެސް ކިޔަވަނީ." ޖުމްލައަކަށް ފަހު ޖުމްލައެއް މާޔާ ބޭރު ކުރަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ.

މާޔާގެ ވާހަކަ އަޑު އަހަމުން ދިޔަ ފިރާޝާ ބަހެއް ބުނުމެއް ނެތި ރޮށި ދަމަމުން ދެއެވެ.

" ރޮށި އަނދަނީނު." ސިހިފައި ފިރާޝާ ބުނެލިއެވެ.

" އަނގަޔާ އެއްވަރަށް އަތެއް ނުހެލޭނެ. ކޮންމެވެސް އެއް ކަމެއް ވާނީ." ހެމުންހެމުން މާޔާ ބުންޏެވެ.

ހަމަ އެ ވަގުތެވެ. ސާދުނާ އައިސް ބަދިގެއަށް ވަދެ މޭޒުމައްޗަށް ނަޒަރު ހިންގާލީ މާޔާ ބަލަހައްޓައިގެން ހުއްޓައެވެ. ސާދުނާގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަން ދެނެގަންނާކަށް މާޔާއަކަށް އުނދަގުލެއް ނުވިއެވެ.

" އަދި އެ ހުރީ ޑަސްބިން އުކާނުލެވި. ކުނި ކަހާ ނުނިމެނިސް އަވި އަރައިފި. އަންހެން ދަރިން ބޮޑެތި ކުރާނެ ކަމެއް ނެތް ފަސޭހައެއް ވާނެ ކަމަކަށް. ބޭރުން އައިސް އުޅޭ އަންހެން ދަރިން ވެސް އަމިއްލަ ދަރިންނަށް ވުރެ މާ ރަނގަޅު. އެހެންނު ވާނީ. ބޮޑެތި ކުރި ހާލެއް ބޮޑު ވީމަ ހަނދާނެއް ނުހުރޭ މިހާރު އުޅޭ ކުދިންނެއް." ސާދުނާގެ ކޮންމެ ޖުމްލައަކީ ސީދާ މާޔާއަށް އަމާޒުކުރާ ވާހަކަ ތަކެއްކަން މާޔާއަށް އެނގުނެވެ.

މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން ސާދުނާ ރުޅިވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

" ގައިމު ރަށަށް އައިސް ހުންނަ މަދު ދުވަސްކޮޅު ކީއްވާނީ މަންމައަށް ފަސޭހަ ކުރަން އަވަހަށް ތެދުވިއްޔާ." އަނެއްކާ ވެސް ސާދުނާ ބުންޏެވެ.

" އަހަރެން އަލަށްތަ ޗުއްޓީއަށް ރަށަށް މި އައީ؟ މީގެ ކުރިން މަންމަ އުޅެނީ އަހަރެން ލައްވާ އެއްވެސް ކަމެއް ނުކުރުވަން ވެގެން. ހޭބަލިވާވަރަށް ކިޔަވަކިޔަވާފަ އައިސް ރެސްޓް ކުރަން ވާނޭ ކިޔާނީ. އަހަންނަށް އެނގެޔޭ ރުޅި އައިސްގެން ތި އުޅެނީ އަހަރެން ދެކެ ނޫންކަން. ބައްޕަދެކެ އައިސް ހުރި ރުޅި ތި ބާލަނީ އަހަންނަށް." މާޔާ ބުނެލީ މަޖާ ގޮތަކަށެވެ.

މާޔާ އެހެން ބުނުމުން ފިރާޝާ ގާތަށް ވެސް ކުޑަކޮށް ހިނިއައެވެ. ނަމަވެސް އޭނާ ބެލީ މަސައްކަތް އަވަހަށް ނިންމާލެވޭތޯއެވެ.

" ސާބަހޭ މާޔާއަށް. ބައްޕަދެކެ ރުޅި އައިސްގެންނެއް ނޫޅެން." ސާދުނާ ބުންޏެވެ.

" އެހެން ނުވާނެ. ރޭގަ ބައްޕަ ގެއަށް ނައިމަ ވަރަށް ރުޅި އައިސް މަންމަ ހުރީ. ދެން މަންމަ ވެސް އުޅޭ ގޮތެއް. ބައްޕައަކީ ކުޑަކުއްޖެއް ނޫނެއްނު. ބައްޕަ ގެއަށް ނައިސްގެން އެހާ ރުޅި އަންނަން ވާނެތަ؟ ގެއަށް އައީމަ ވަނީތަ ކީއްތަ ވަކި؟" ފޫހި ގޮތަކަށް މާޔާ ބުންޏެވެ.

" ފޯރި އެބަހުއްޓެއްނު. މާ ވާހަކަ ގިނަ ނުކޮށް ބައްޕަ ކައިރީ ބުނޭ ސައިބޯން އަންނާށޭ." ސާދުނާ ބުންޏެވެ.

" ޔަގީނޭ އޭރުއްސުރެ މަންމަ ތި ހުންނަނީ ބައްޕައާ ވާހަކަ ނުދައްކަން ވެގެން ކަން. މަންމަ ގޮސް ބުނޭ. އަހަރެން ނުދާނަން." ފިރާޝާއާ ދިމާލަށް އެއް ލޯ މަރާލަމުން މާޔާ ބުންޏެވެ.

" އަހަންނަށް އެނގޭ ދުވަހަކު ވެސް މާޔާ ކައިރިން މަންމައަށް ކުރިއެއް ނުލިބޭނެކަން. މާޔާއާ ހެދި، ބައްޕަދެކެ ވެސް ރުޅި އައިސްގެން ނުހުރެވޭނެ." އެހެން ބުނެވުނު އިރު ސާދުނާއަށް ކުޑަކޮށް ހެވިއްޖެއެވެ.

އެއާއެކު އަވަސް އަވަހަށް މާޔާ ގޮސް ސާދުނާގެ ފުރަގަހުން ބައްދާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މަންމާ! ރުޅިއަކީ ބޮޑު ވެގެންވާ ފަސާދައެއް. އުފާވެރިކަން ނެތިކޮށްލާ އެންމެ ބޮޑު ބައްޔަކީ ރުޅި. ކީއްކުރަންތަ ރުޅި އަންނަނީ؟ އަބަދުވެސް އަހަރެން ހުންނަ ގޮތަށް ހެވިފަ ހުންނަންވާނީ. ދޭ! އަވަހަށް ދޭ ބައްޕަ ގޮވައިގެން ސައިބޯން އަންނަން. " މާޔާ ބުންޏެވެ. އެއާއެކު ސާދުނާއަށް ބާރަށް ހެވުނެވެ. ދުރުގައި ހުރި ފިރާޝާ ވެސް އޭރު ހުރީ ފުޅާ ހިނިތުންވުމެއްގައެވެ.

" މާޔާކޮއްކޮ ރަށަށް އައީމަ ހާދަ މަޖަލޭ އަސްލު." އެއްޗެއް ނުބުނެ ހުންނަން މި ފަހަރު ފިރާޝާއަށް ވެސް އުނދަގޫ ވެއްޖެއެވެ.

ގޭތެރޭގެ މަސައްކަތް ކުރުމުގައި ފިރާޝާއަށް ކުޑަކޮށް އެހީތެރިވެ ދިނުމަށްފަހު މާޔާއަށް ބޭރަށް ނިކުމެވުނީ އެންމެ ހޫނު ގަދަ ވަގުތުގައެވެ. ނަމަވެސް ލީނާއާއި ނުހާ ކައިރިއަށް ދާހިތްވެފައި ހުރިވަރުން، ދެމުންދާ ހޫނަކަށް ނުބަލާ، އޭނާ ބާރަށް ހިނގައިގަތެވެ. އޭރު ވެސް އެއްބަޔަކު ފާރުތަކުގައި ކުލަ ލުމުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ޢީދަށް ގެދޮރު ރީތި ކުރުމަކީ އިހުއްސުރެ އެ ރަށުގެ އާދައެކެވެ.

ހަނި ގޯޅިއެއް ހުރަސްކޮއްލުމަށް ފަހު ވެސް އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅަން މަޖުބޫރު ކުރުވީ ގޯޅި ތެރެއިން ދަންނަ މޫނެއް ފެނުނުހެން ހީވެގެންނެވެ. ފަހަތަށް ޖެހިލުމަށްފަހު، ރަނގަޅަށް ބަލައިލެވުނީ ވެސް ޔަޤީން ކޮއްލާށެވެ. ޖޯލިފައްޗެއްގައި އެ އިނީ އާއިޒްކަން އެނގުމުން މާޔާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ދެ ފިކުރުގައި ހުރެ، އޭނާ މިސްރާބު ބަދަލުކޮއްލީ އާއިޒާ ދިމާލަށެވެ.

" މި ރަށް މާ ފޫހިވަނީތަ؟" އާއިޒް ސިހުނީ މާޔާގެ އަޑުންނެވެ. އެއާއެކު އޭނާ ކުޑަކޮށް ތެދުވެ ހަމަޖެހިލިއެވެ.

" އަބަދުވެސް ފެންނަނީ ވަރަށް އެކަނި އުޅޭތަން؟ ކޮބާ ގޭ މީހުން؟" އަނެއްކާ ވެސް މާޔާ އެހިއެވެ.

" އަދި މަޖާވާނެ ޢީދު ފެށުނީމަ. މިހާރު ވެސް މަގުތައް ރީތި ކުރެޔޭ. ފްރެންޑެއް ވެސް މި ރަށުން ނުހޯދަންތަ؟ އޭރުން ބައިކް ބުރު ޖަހަން ގޮސް، ޢީދު ތައްޔާރީތަކުގައި ބައިވެރި ވެވޭނެ." މާޔާ ބުންޏެވެ.

އާއިޒް އިނީ ހެވިފައެވެ.

" ކޮން ގެއަކު ތި އުޅެނީ؟ މި ގޭގަތަ؟ " ގެއާ ދިމާލަށް ނަޒަރު ހިންގާލަމުން މާޔާ ބުންޏެވެ.

އެއާއެކު އާއިޒް ބޯ ޖަހާލިއެވެ.

" ކުއްޔަށްތަ އުޅެނީ؟" މާޔާ އެހިއެވެ.

އާއިޒް ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

" އެ ކީއްވެ ކުއްޔަށް ނޫޅެނީ؟ ރައްޓެހި ބައެއްތަ މީ؟ " މާޔާ އެހިއެވެ.

" ނޭނގެ. މަންމަމެންގެ ފްރެންޑްސް ކަންނޭނގެ." އާއިޒް ބުނެލިއެވެ.

އެ ވަގުތު މާޔާ ދެ ބުމަ ހިއްލާލަމުން ބޯ ޖަހާލިއެވެ.

" ހިނގާ އަހަންނާއެކު އަހަރެންގެ ފްރެންޑްސް ކައިރިއަށް. އޭރުން ވެސް ތިހެން ވައިވެފަ އިންނާކަށް ނުޖެހޭނެ. ޢީދަށް އައިސް ތިހާ މަޑުމަޑުން އުޅޭތަ މީހުން؟ ތި އިންނަނީ އަދިވެސް ބީރައްޓެއްސެއް ހެން. " މާޔާ ބުންޏެވެ.

" މި ގަޑީގަ ނެތް ދާހިތެއް. " އާއިޒް މަޑުމަޑުން ބުނެލިއެވެ.

" ވަކި ވަގުތެއް އޮވޭތަ ތަންތަނަށް ދާން؟ ބަލާ އަހަރެން؟ ދޭހާ އަތްވަކަށް ބަލައިގެން މި ދުނިޔޭގަ އުޅެވޭތަ؟ އެހެން ނޫނަސް ދިވެހިރާއްޖެއަކީ ހޫނު ގަދަ ތަނެއް. ހޫނަށް ކެތްކުރަން ޖެހޭނެ. އޯޒޯންފަށަލަ ތުނިވާ ވަރަކަށް ހޫނުމިން ދާނީ މައްޗަށް. އަދިވެސް ކާރާ ސައިކަލާ ދެން ވެސް ދުން އަރާހާ އެއްޗެއް އެބަ ރާއްޖެ އެތެރެ ކުރޭ. އޯޒޯންފަށަލަ ތުނި ނުވިއްޔާ ދެރައެއްނު. ހާދަހާ އަވި ގަދައޭ އަސްލުވެސް. އާނ ދެން، އަވިކޮޅެއްގައި ނުޖެހި އުޅެންޏާ އާއިޒް ޖެހޭނީ ހަވީރު ފަހެއްގެ ފަހުން ބޭރަށް ނިކުންނަން؟ ކަޅު ވެދާނެތީތަ އަސްލު ނުދާނަމޭ ތި ބުނީ؟ ތިހެން ވިއްޔާ ބިރުގަންނަން ޖެހޭނީ އަހަންނެއްނު. އާއިޒަށް ވުރެ އަހަރެން މާ ދޮނެއްނު." އެއް ލޯ މަރާލަމުން މާޔާ ބުނެލީ މަޖާ ރާގެއްގައެވެ.

އޭރު ވެސް އާއިޒް އިނީ ލުއި ހިނިތުންވުމެއްގައި މާޔާއަށް ބަލަހައްޓައިގެންނެވެ.

" ހަމަ ނުދާނަންތަ؟" މާޔާ އެހިއެވެ.

އާއިޒް ބޯ ޖަހާލުމާއެކު މާޔާ ތެދުވެއްޖެއެވެ.

" އެހެންވިއްޔާ އަހަރެން ދަނީ. އަހަރެން ރަށަށް އައީ ވައިވެފަ އިންނާކަށް ނޫން ތިހެން." މާޔާ އެހެން ބުނުމަށްފަހު ދުރަށް ހިނގައިގަތެވެ.

މާޔާ ދިޔުމާއެކު އާއިޒް ފުން ނޭވާއެއް ދޫކޮށްލަމުން ޖޯލީގައި ބުރަކަށި ޖައްސާލަމުން ލޯ މަރާލިއެވެ.

" އާއިޒް." ކުއްލިއަކަށް ކަންފަތުގައި ޖެހުނު އަޑާއެކު އާއިޒް އަވަސް އަވަހަށް ޖޯލިފަތިން ތެދުވެ، ގެ އާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ދޮންތަ އާމިރާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

" ވާހަކަ ދައްކަބަލަ. މަންމަ." އާއިޒްގެ އަތަށް ފޯނު ދިއްކޮއްލަމުން އާމިރާ ބުންޏެވެ.

" ކޮބާ ފޯނު؟" ފުރަތަމަ ވެސް އާއިޒަށް އަމާޒުވީ މަންމަގެސުވާލެކެވެ.

" ނިވިފަ. ޗާޖަށް ޖަހާފައި ވީ." އާއިޒް މަޑުމަޑުން ބުނެލިއެވެ.

" އުލްފާގެ މަންމަމެން ހާދަ ވަރަކަށް އާއިޒަށް ގުޅައިފިއޭ." މަންމަ ޖަމީލާ ބާރުބާރަށް ބުނެލިއެވެ.

" އެ ކީއްކުރަން؟" އާއިޒް އެހިއެވެ.

" ކީއްކުރަން ހޭ؟ އުލްފާ ލަންޑަނަށް ކޯސް ހަދަން ފުރާތީވެ. އާއިޒްގެ ޖަވާބެއް ހޯދަން ވެގެން." ޖަމީލާ ބުންޏެވެ.

" ކޮން ޖަވާބެއް؟ " ވާނުވާ ނޭނގޭ ހާލު އާއިޒް ސުވާލު ކުރީ އާމިރާއަށް ބަލައިލަމުންނެވެ.

" އުލްފާ އެ ފުރަނީ ދެ އަހަރު ދުވަހުގެ ކޯހަކަށް. އޭނަ އެނބުރި އައީމަ ބޮޑު މުސާރައިގެ ވަޒީފާތައް ލިބޭނެ. އަނެއްކާ ބަލައިލަން ރީތި ރަނގަޅު ކުއްޖެއް. ކީއްވެ ޖަވާބެއް ނުދޭންވީ؟ އުލްފާ ދަރިފުޅުދެކެ އެހާ ލޯބިވޭ. އެއީ ޤަދަރުވެރި އާއިލާއެއް. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު. އެ މީހުން ކޮންމެހެން ވެސް ބޭނުންވޭ ދަރިފުޅު އެ ކައިވެންޏަށް ރުހެން." ޖަމީލާ ކިޔައިދިނެވެ.

އެ ޖުމްލަތައް ވެގެން ދިޔައީ އާއިޒް މާ އަޑު އަހަން ބޭނުންވާ ޖުމްލަތަކަކަށް ނޫނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ފެންކަޅިވެ، ރުޅިގަދަ ވާ ގޮތް ވެއްޖެއެވެ.

" ރުހޭކަމެއް ނޫން." އާއިޒް ދިނީ ކުރު ޖަވާބެކެވެ.

" ރުހޭ ކަމެއް ނޫނޭ؟ ބަލަ ކަލެއަށް އެއްޗެއް ކިޔެވިފައި ހުރީއެއް ނޫން. ރަނގަޅު ވަޒީފާގަނޑެއް ލިބޭނީއެއް ނޫން. އުލްފާއާ ކައިވެނި ނުކޮށް އެއްވެސް މޮޅެއް ނުވާނެ. އުލްފާ ބުންޏޯ އާއިޒް އޭނައާ އިންނަން އެއްބަސް ވަންޏާއޭ އޭނަ ކޯހަށް ވެސް ދާނީ. އެ މަންޖެ އެ ހުރީ އާއިޒާ ހެދި މޮޔަވެފަ. ދެން ނުރުހެންވީ ސަބަބެއް އެބައޮތްތަ؟ އަދި ބުނެފިއެއްނު ރުހޭ ކަމެއް ނޫނޭ." މަލާމާތުގެ ރާގަކަށް ޖަމީލާ ބުންޏެވެ.

" އަހަރެން ތި ކައިވެންޏަކަށް އެއްބަހެއް ނުވާނަން. " އާއިޒް އެހެން ބުނުމަށްފަހު، އާމިރާ އަތަށް ފޯނު ދިނެވެ. އަދި ބާރުބާރަށް ގޮސް ގޭތެރެއަށް ވަނެވެ. އާއިޒަށް ބަލަހަައްޓައިގެން ހުރެ އާމިރާ ޖަމީލާއާ ވާހަކަ ދައްކަން ފެށިއެވެ.

" ގަދަކަމުން ތިހެން ކޮއްކޮ ލައްވާ ކަންކަން ކުރުވަން ނޫޅެބަލަ މަންމާ." އާމިރާ ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

" ކަން ކުރަން ވީ ގޮތް އެނގޭނީ މަށަށް. މަންޖެ ނުުޖެހޭނެ މަށަށް ކިޔައިދޭކަށް." އެހެން ބުނެ، ޖަމީލާ ފޯނު ކަނޑާލިއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)