ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާންތައް އިއްޔެ އާންމުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުލީގެ ގޮތުގައި 240,000 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ސޭވިންގްސް އެކައުންޓުގައެވެ. އެއީ 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތެރޭގައި މ. ދިމްޔާތު، ހުޅުމާލެ ރޯހައުސް، އަދި 260,000 ރުފިޔާގެ އަގުހުރި ކާރެއް ހިމެނެއެވެ. ނަމަވެސް، އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް އޮތްކަންވެސް ބަޔާނުން ހާމަވެއެވެ.
ނައިބު ރައީސްގެ މާލީ ބަޔާން
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާން ދައްކާ ގޮތުން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 314,664 ރުފިޔާއެވެ.
ނައިބު ރައީސްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ނެތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގެ ތަފްސީލަށް ބަލާއިރު، ބީ.އެމް.އެލް އެކައުންޓުގައި ހުރީ 8,390 ރުފިޔާ އާއި 61 ޑޮލަރެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އެކައުންޓުގައި ހުރީ 39 ރުފިޔާ އާއި 397 ޑޮލަރެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭ ކަމަކަށް މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!