ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް އިތުރު ބޭންކަކަށް، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

މި ލައިސަންސް ދޫކޮށްފައިވަނީ މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށެވެ.

Ad
rt

އެމްއެމްއޭގެ ފަރާތުން މި ލިޔުން ހަވާލުކޮށްދެއްވީ ގަވަރނަރު އަހްމަދު މުނައްވަރެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިލިޔުމާއި ހަވާލުވެފައި ވަނީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، 19 މެއި 2025 ގައި 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން އެ އޮތޯރިޓީން ކަނޑައެޅި ޝަރުތުތައް އެ ބޭންކުން ވަނީ ފުރިހަމަކޮށްފައެވެ. އަދި ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާއެކު، ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް 18 މޭ 2026 ގައި ވަނީ ދޫކޮށްފައެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމްއެމްއޭގެ މަޤްޞަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހިރާއްޖޭގައި ދެމެހެއްޓުމެވެ.