ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓްޖޭންޖް މިނިސްޓަރު ތޯރިގު އިބްރާހީމް (ތޯބެ) އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ލޯކަލް ކައުންސިލްތަކާއި، ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުން ސަފީރުކަމަށް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމަށް ރައީސް ފޮނުއްވި ސިޓީ އިއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ތޯބެ އާދަމް ޝަރީފަކީ މިދިޔަ މަހުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ދެ ބޭފުޅުންނެވެ. މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، މި ދެ ބޭފުޅުން މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ޔޫއޭއީގެ ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވާފައިވަނީ މިހާރު ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ހުށަހަޅާފައިވާއިރު، ރާއްޖެ އިން މިހާތަނަށް އެ ގައުމަށް ރަސްމީ ސަފީރެއް އަދި ކަނޑައަޅާފައެއްނުވެއެވެ. ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގަ އެވެ.
އެހެންކަމުން އާދަމް ޝަރީފް ވެގެންދާނީ ގަތަރަށް ރާއްޖެއިން ކަނޑައަޅާ ފުރަތަމަ ސަފީރަށެވެ.
އެންމެފަހުން ކެބިނެޓަށް ގެންނެވި ބަދަލާއެކު ދެ ޤައުމެއްގެ ސަފީރުގެ މަގާމު ވެސް އޮތީ ހުސްވެފައެވެ. އެއީ ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ގީލާ އަލީ ހެލްތް މިނިސްޓަރުކަަމަށް ޢައްޔަނުކުރެއްވުމުންނާއި އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިރުތިޝާމް އާދަމް ފޮރިން މިނިސްޓަރުކަމަށް ޢައްޔަނުކުރެއްވުމުންނެވެ. އެ ދެ ޤައުމަށް ސަފީރުން ޢައްޔަނުކުރުމަށް އަދޮި މަޖިލީހަށް ނުފޮނުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!