ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ އިއްޔެއެވެ. އަދި އިއްޔެ ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ލިބިފައިވާކަމަށެވެ.
''މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.'' މަޖިލީހުން ބުނެފަވެއެވެ.
ނާޒިމް ވަކިކުރަން ޕީއެންސީ ޕީޖީ ގްރޫޕުން ނިންމި ސަބަބު މިހާތަނަށް ސާފުނުވާއިރު އެކަމަށް ހުށަހެޅި ގަރާރުގައި ޕީއެންސީ ޕީޖީގްރޫޕްގެ 76 މެމްބަރުންކުރެ 73 މެމްބަރުންގެ ސޮއިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. މިކަމަށް ހުށަހަޅާ ގަރާރުގައި މަގާމުން ވަކިކުރަން ހުށަހަޅާ ސަބަބު ބަޔާންކުރަން ޖެހެއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ޝަރުތު ހަމަވާ މިފަދަ ޤަރާރެއް މަޖިލީހަށް ލިބުމުން، އެ ޤަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައ،ި އެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންޖެހެއެވެ. މި ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް
މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނ،ީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައިކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފަވެއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގައި ހުރި މީހަކު މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަޤާމުން އޭނާ ވަކިވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!