މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ މަތިވެރިވެގެންވާ ޞަދަޤާތެއް ކަމަށާއި، އެއީ އާޚިރަތް ދުވަހުގެ ބިރުވެރިކަމުން މިންޖުވުމަށް އޮތް މަގެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ "މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރިކަން" މި މައުޟޫއަށެވެ. ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، މުދަލާއި ފައިސާއިން ހޭދަކުރުމަކީ ދަރުމަހުރި ކަންކަމެވެ. އެންމެ ކުޑަމިނުން ހިނިތުންވުމަކާއެކު މީހަކާ ބައްދަލުކޮށް ހެޔޮ ބަހެއް ބުނުމަކީވެސް ޞަދަޤާތެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

Ad
rt

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ބައެއް ހެޔޮ އަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރުން ހިމެނެއެވެ. މިއީ ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ލިބި، ﷲގެ ދީދާރުފުޅު ފެނުމުގެ ނަސީބު ލިބިގެންދާނެ ކަމެއް ކަމަށް ކީރިތި ޤުރުއާނުގެ އާޔަތްތަކުން ހެކިދައްކަމުން ޚުޠުބާގައި ފާހަގަކުރިއެވެ.

މުސްލިމް އަޚުންނަށް ޖެހޭ ދަތިތަކާއި ބޭނުންތައް ފުއްދައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން، މިއަދު ދުނިޔޭގައި މީހަކަށް ޖެހޭ މުޞީބާތެއް ފިލުވައިދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުން ﷲ މިންޖުކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދެއްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޚުޠުބާގައި އިތުރަށް ބުނީ، އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީ މުޅި އިންސާނިއްޔަތު ދިރުވުން ފަދަ ކަމެއް ކަމަށެވެ. ބަލިމީހަކަށް ބޭނުންވާ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްދާންޖެހިދާނެ ކަމަކަށްވާއިރު، ލޭ ހަދިޔާކުރުމަކީ އޭނާއަށް ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކުރެވޭ ވަރަށް ބޮޑު ހެޔޮ އަމަލެކެވެ.

"މިއަދު ރާއްޖޭގެ ބުލަޑު ބޭންކުތައް ވަނީ ލޭ ހަދިޔާކުރާނެ މީހުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި. ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތިން ލޭ ހަދިޔާކުރެވޭނެ އެންމެހައި ފަރާތްތަކުން މި އިންސާނިއްޔަ މަސައްކަތުގައި ބައިވެރިވުމަށް ގޮވައިލަން،" ޚުޠުބާގައި ބުނެފައިވެއެވެ.

ދީނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ލޭ ހަދިޔާކުރުމަކީ "ޞަދަޤާތުލް ޖާރިޔާ" ނުވަތަ ދެމިގެންވާ ޞަދަޤާތެކެވެ. އެއީ އެ ލޭގެ ސަބަބުން ފުރާނަ ސަލާމަތްވި މީހާ ދުނިޔޭގައި ހުރިހާ ހިނދަކު، ލޭ ހަދިޔާކުރި މީހާއަށް އޭގެ ސަވާބު މަރުވުމަށްފަހުވެސް ލިބިލިބި ހުންނާނެ ކަމެކެވެ.

ލޭ ހަދިޔާކުރުމުގެ އިތުރުން، ބޭސްފަރުވާއަށް އެހީވުމާއި، ކާންބޯން ނެތް މީހުންނަށް އެހީވުމާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަކީވެސް ފުރާނަ ސަލާމަތްކުރުމުގެ ތެރޭގައި ހިމެނޭ މަތިވެރި އަމަލުތައް ކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.