ކުރީގެ އަދަދާއި ގުޅޭ:
" އެހެންވަނީ.! އޯކޭ ކޮޓަރިން އިހަށް ނިކުންނަން ބޭނުންވަނީ. އާދޭ ބޭރަށް." އަހަރެން ބުނެލީމެވެ.
އެއާއެކު ހަރުގަނޑުން ފައިބައިގެން އޭނާ ވެސް އަހަންނާއެކު ނިކުތެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެން ގޮސް ދޮރު ހުޅުވީމެވެ. އެއާއެކު އަހަންނަށް ފެނުނީ ދޮރުމަތީގައި ހިނިތުންވެފައި ހުރި ހުސެންގެ ހިނިތުންވުން ގެއްލުނު މަންޒަރެވެ. ހީވީ އޭނާއަށް ވެސް ކުއްލި ސިހުމެއް ލިބުނު ހެންނެވެ. އޭނާ އަވަސް އަވަހަށް އަހަރެންގެ ފަހަތުގައި ހުރި ބިދޭސީ މީހާއާ ދިމާލަށް ބަލައިލިއެވެ.
" ފިނި ނުވާ މައްސަލަ އެކަނި ހުންނަނީ. މި ދައްތަ ބުނަނީ ކިތައް ރުފިޔާ ދަނީ؟" އޭނާ އަވަސް އަވަހަށް ބުންޏެވެ.
ހިންދިރުވާލަމުން އަހަރެން ހުސެންއަށް ޖާގަ ދިނީމެވެ. ނަމަވެސް އޭނާ އެތެރެއަށް ވަންނާކަށް ބޭނުމެއް ނުވިއެވެ.
" މި މެސެޖް ކޮއްލަނީ ތި ފޯނަށް. " އޭނާއަށް ބަލަހައްޓައިގެން ހުރެ، ހުސެން އެހެން ބުނުމަށްފަހު ފޯނަށް ބަލަމުން ބޭރަށް ހިނގައިގަތެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން އަހަރެން އިންތިހާއަށް ދެރަވިއެވެ. ކޮޅަށް ހުންނަން ވެސް އުނދަގޫވިއެވެ. އެހާ ބޮޑަށް އަހަރެން ބާކީ ކޮއްލުމުން ވަރަށް އަސަރު ކުރިއެވެ. ފަހަތުން ގޮސް ހިފަހައްޓަން ވެސް ބޭނުންވިއެވެ. ނަމަވެސް ޒަޚަމްވެފައި އޮތް އިތުރަށް ހަލާކު ކުރާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނޫނަސް، ބިދޭސީ މީހާ އެކަނި ގޭގައި ބަހައްޓާފައި ދެވޭކަށް ވެސް ނެތެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ކޮޓަރިއަށް އައުމަށް އޭނާއަށް އިޝާރާތް ކުރުމަށްފަހު އަހަރެން ހިނގައިގަތީމެވެ.
މެޔަށް ތަދުވާ ވަރަށް ހިތްތެޅޭތީ އަހަންނަށް އުނދަގޫވާން ފެށިއެވެ. ދެ ކޮޅަށް ހިނގާލަހިނގާލަ ހުއްޓާ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަހަރެން ހަރަކާތްތައް ވެސް ހުއްޓުނެވެ. ހަރުގަނޑަށް އަރައިގެން އޭސީ ސާފުކުރަން ހުރި މީހާއަށް ބަލައިލުމަށްފަހު އަހަރެން ތަންކޮޅެއް ކައިރިއަށް ޖެހިލީ ހާސް ހިތަކައިގެންނެވެ.
" އޭ! " އަހަރެން ގޮވާލީމެވެ.
އޭނާ އަވަސް އަވަހަށް އަހަންނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
" ބޮސް މެސެޖް ކުރީތަ؟މީ... އެ ބޮސް ގެ ނަންބަރު ދީބަލަ." ނޭވާ ހިފަހައްޓައިގެން ހުރެ އަހަރެން އެހީމެވެ.
އަތުގައި އޮތް ފޮތިގަނޑު ތިރިއަށް ވައްޓާލަމުން އޭނާ ޖީބުން ފޯނު ނެގިއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިނިތުންވެފައެވެ. ކެތްމަދުވެފައި އޭނާގެ މޫނަށް ބަލަން އަހަންނަށް ހުރެވުނެވެ. ކުއްލިއަކަށް އަހަންނަށް ފެނުނީ އޭނާގެ މޫނުމަތީގައިވާ ފުޅާ ހިނިތުންވުން ގެއްލި، ކަންބޮޑުވެފައި އަހަންނަށް ބަލައިލިތަނެވެ.
" އެއް ހާސް ބުނަނީ. ދެން.. ދެން ބުނަނީ ތި ދައްތައަށް ބޯސްގެ ނަންބަރު ނުދެނީ އޯ." ހައިރާންވެފައި ހުރެ އޭނާ ބުންޏެވެ.
އަހަންނަށް ހިންދިރުވާލެވުނެވެ. މަޑުމަޑުން ބޯ ޖަހާލަމުން އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ. އޭރު ދެ ލޮލަށް ކަރުނަ ޖަމާވެ، ލޯ ފުސްވަމުން ދިޔައެވެ. މަޑުމަޑުން ފާރުގައި އަތް ޖައްސާލައިގެން ހުރެ ކައިރީގައި ހުރި ސޯފާ ގޮނޑީގައި އަހަރެން އިށީނީމެވެ. ހުސެންއާ ހަމައަށް އަހަރެން ވާސިލުވާނެ ހުރިހާ ގޮތެއް އޭނާ ބަންދު ކުރަނީކަން އަހަންނަށް އެނގުނެވެ. ހުސެން ދެން ދުވަހަކު ވެސް އަހަންނާ ބައްދަލްވާން ވެސް ބޭނުން ނުވަނީކަން އަހަންނަށް ޔަގީން ކުރެވުނެވެ. އޭނާގެ ހިތުން އަހަރެންގެ ނަން ވެސް ފުހެލީބާވައޭ ހިތަށް އެރިއެވެ.
އެ ދުވަހަށް ފަހު އަހަންނަށް ބަދަލުތަކެއް އަންނަން ފަށައިފިކަން ޚުދު އަހަންނަށް ވެސް އިހްސާސް ކުރެވެން ފެށިއެވެ. އެއްގޮތަކަށް ވެސް ގެއިން ނިކުންނަ ހިތެއް ނުވެއެވެ. ތަނަކުން ހުސެން ފެނުނަސް، އޭނާ އަހަންނަށް އަޅައިނުލާ ދާ މަންޒަރު ދެކެން ހިތަކަށް ކުޅަދާނައެއްނުވެއެވެ. ތިން ފަހަރު މަތިން އެކަން ތަކުރާރު ވީ ފަހުން އަހަރެންގެ ޟަމީރު ވެސް ހިމޭންވެއްޖެއެވެ. ކިތަންމެ ވަރަކަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކިޔަސް، އަހަންނަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ.
" ކޯލަކަށް ޖަވާބެއް ނުދޭ. މެސެޖެއް ކުރިޔަސް ރިޕްލައިއެއް ނުކުރޭ. ކީއްތަ ތި ކުރަނީ ތިހާ ބިޒީ ވެގެން؟" ފޯނު ނެގުމާއެކު ނޫރާ އެއްޗެހި ގޮވަން ފެށިއެވެ.
" ގޭގަ އުޅެނީ ހަމަ. " އަހަރެން ބުނީމެވެ.
" ހިނގާބަލަ މަށާ އެކު ބޭރަށް ނިކުމެލަން. ލިލީ މި ގޭގަ ބަހައްޓާފަ." ނޫރާ ބުންޏެވެ.
ނޫރާގެ އެދުމަށް ފުރަގަސް ނުދޭން ވެގެން އަހަރެން ލިލީ ގޮވައިގެން އެ ގެއަށް ދިޔައީމެވެ. އޭރު ނޫރާ ވެސް ހުރީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ. ލިލީ ބަހައްޓާފައި އަހަރެން ނޫރާގެ ފަހަތުން ބޭރަށް ނިކުތީމެވެ.
" ކޮންތަނަކަށް ދާން؟" ސައިކަލަށް އަރަމުން އަހަރެން އެހީމެވެ.
" ކޮފީއަކަށް ދާން. ވަރަށް ދުވަސް ވެއްޖެއެއްނު ވާހަކަ ދައްކާ ނުލެވެނީ." ނޫރާ ބުންޏެވެ.
" ދައްކާނެ ވާހަކައެއް ނެތޭ." އަހަރެން ބުނީމެވެ.
އަހަރެން އެހެން ބުނުމުން ނޫރާ ޖަހާލީ ބޮޑު ހިނިގަނޑެކެވެ. ބާރުބާރަށް ދުއްވާފައި ގޮސް އޭނާ ސައިކަލް މަޑުކޮއްލީ ލެވެންޑާ ރެސްޓޯރެންޓް ކައިރީގައެވެ. ސައިކަލުން އޭނާ ފޭބި އިރު ވެސް އަހަންނަށް އިނދެވުނީއެވެ.
" އޭ! ނުދަނީތަ؟" ހެމުންހެމުން ނޫރާ ބުންޏެވެ.
އޭނާ އެހެން ބުނުމުން އަހަރެން މަޑުމަޑުން ފޭބީމެވެ. ހުސެން މަތިން މާ ބޮޑަށް ހަނދާންވީއެވެ. ހުސެން އާންމުކޮށް ކޮފީއަށް އައިސް އިންނަނީ އެ ތަނުގައިކަން އަހަންނަށް އެނގެއެވެ. ހިތަށް ވެރިވި، ހާސްކަމާއެކު އަހަރެން އެތެރެއަށް ވަނީމެވެ.
" މައްޗަށް ދޯ ދާނީ؟" ނޫރާ ބުންޏެވެ.
އަހަރެން ބޯ ޖަހާލީމެވެ. ނޫރާގެ ފަހަތުން ސިޑިން އެރީމެވެ. މޭޒާ ދިމާލަށް ދެވުނު އިރު ވެސް ވަގުވަގަށް އަހަންނަށް އެކި މީހުންނަށް ބެލުނެވެ. ފަހަރެއްގައި ވެސް ހުސެން އިނދެ ދާނެތީއެވެ. މަޑުމަޑުން ގޮނޑިއެއް ދަމާލުމަށްފަހު އިށީނުމާއެކު، ފަހަތަށް ދޫކޮށްލާފައިވާ އަހަރެންގެ އިސްތަށިތައް ވަޔާ ވިހުރެން ފެށިއެވެ.
" ކްލިޕެއް ނުގެންނަންތަ؟" އުނދަގޫވެގެން ނޫރާ އެހިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން އަހަރެން މަޑުމަޑުން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލީމެވެ. ބޮލުން އަތް ދޫކޮށް ނުލެވެނީސް އަހަރެންގެ ނަޒަރު ހުއްޓުނީ އަހަންނާ ދިމާލަށް ބަލަަހައްޓައިގެން އިން ހުސެންއަށެވެ. އޭނާ ވެސް އިނީ މީހަކާ އެކު ކޮފީއެއްގައެވެ. ނަސީބު ދިމާކުރި ގޮތުން އޭނާ އިނީ އަހަންނަށް ކުރިމަތިލައިގެންނެވެ. ނަމަވެސް އަހަންނަށް އޭނާ ފެނުނުކަން އެނގުމާއެކު ހުސެން އިސްޖަހާލިއެވެ. އަދި އަހަންނާ ދިމާލަށް ނުބަލަން އުޅޭކަން ވެސް އަހަންނަށް އެނގުނެވެ.
އެހެނަސް ހުސެން ފެނުމުން އަހަރެންގެ ލޯ ސީދާ އޭނާއަށްޓަކައި ފިދާވާން ފެށި ކަހަލައެވެ. އެހެން ދިމާލަކަށް ބަލައިލާކަށް ހިތެއް ނޭދުނެވެ. އާދޭހުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ. އިރުއިރުކޮޅުން ހުސެންއަށް ވެސް އަހަރެންގެ މޫނަށް ބެލެއެވެ. ނަމަވެސް ނަޒަރު ސީދާ ވުމާއެކު ހުސެން އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލައިލައެވެ. އަހަރެން ފެންނަން އިންނާތީ އޭނާއަށް އުނދަގޫވާކަން އަހަންނަށް އެނގުނެވެ.
" އޭ! ކޮން ކަހަލަ ކޮފީއެއްތަ؟" އަހަރެންގެ އަތްމަތީ ޖަހާލަމުން ނޫރާ ތަންކޮޅެއް ބާރަށް އެހިއެވެ.
" ލަވާޒާ މިލްކް... މިލްކެކޭ." ސިހިގެން ގޮސް އަހަރެން ބުނީމެވެ.
" މަ ބުނީ ކިހިނެއްތަ ކަންތައްތައް؟" އޯޑަރ ދިނުމަށްފަހު ނޫރާ އަހަންނާ ވާހަކަ ދައްކަން ފެށިއެވެ.
އަހަރެން އިނީ ނޫރާއާ ވެސް ވާހަކަ ދައްކާ ހިތް ނުވެފައެވެ. ކުރިމަތިން ފެންނަން އެ އިނީ އެތައް ދުވަހެއްގެ އިންތިޒާރެވެ. ހިތުގެ ފަރުވާއެވެ. އަހަރެންގެ ހިތުގެ ތެޅުން އޭނާ ވަގަށް ނެގިތާ ކިތަންމެ ދުވަހެކެވެ. ވީ އިރު އެހެން ކަމަކަށް އަހަންނަށް ސަމާލުކަން ދެވޭނީ ކިހިނެއް ހެއްޔެވެ؟
" އަދިވެސް ހަމަ ހުސެންއަށްތަ އިންތިޒާރު ކުރަނީ؟ އޭނަ އެ ވަރަށް ތައިބާ ދުރުކުރީމަ ވެސް ހަމަ ތި ގޮތުގައި ހިފަހައްޓަނީތަ؟ ތައިބާ ދައްކާ ވާހަކަ ޤަބޫލު ނުކުރާނީ އޭނަ ތައިބާއަށް އިތުބާރު ނުކުރާތީ. އެވަރުގެ މީހަކަށްޓަކައި ތިހެން ނޫޅެބަލަ." ހުސެންއާ ބެހޭގޮތުން ނޫރާ ވާހަކަ ދައްކަން ފެށުމުން އަހަރެން އެ ވާހަކަތައް އަޑު އަހާ ހިތްވިއެވެ.
" ނޫރާއަކަށް ހުސެންއެއް ނޭނގޭނެ." އަހަރެން ބުނީމެވެ.
" ދެން އެނގޭމީހާ ތިއީ؟ ހުސެންއާ ބެހޭ ގޮތުން ތައިބާއަށް ވަކި ކޯއްޗެއް އެނގެނީ؟" ނޫރާ އެހިއެވެ.
ސިއްރުސިއްރުން ހުސެންއަށް ބަލައިލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އެއީ އަހަރެން އެންމެ ދައްކާ ހިތްވާ މައުޟޫވެސް މެއެވެ.
" އެއީ އެހެން މީހުންނާ މެދު ގޯސްކޮށް ވިސްނާ މީހެއް ނޫން. އަހަރެން ހުސެންއަށް ދެރަވާ އެއްވެސް ކަމެއް ނުކުރާނެކަން އޭނައަށް އެނގޭނެ. އެހާ ވަރަށް އޭނަ އަހަރެން އެ ދުރުކުރަނީ އަހަންނަށް ރަނގަޅަކަށް. އަހަންނަށް ދިރިއުޅުމެއް ހޯދައިދޭން. އޭނައަށް އަހަރެން ނުގެންގުޅެވޭނެތީވެ. އަހަރެންގެ މުސްތަޤްބަލް ހަލާކު ނުކުރަން ވެގެން. އަދި ހުސެން، އޭނާގެ ދަރިންނާއި އަނބިމީހާ ބޭނުންވާތީވެ. " އޭރު އަހަރެންގެ ދެ ލޮލުން ފެންތައް ފައިބަން ފަށައިފިއެވެ.
" އޭ! ހުއްޓާލާ! ޕްލީޒް. މަށަށް އެނގޭ ހުސެންގެ ވާހަކަ ދައްކާއިރަށް ތައިބާ ވަރަށް ދެރަވާކަން. ސޮރީ." ދެރަވެލާފައި ނޫރާ ބުންޏެވެ.
ލޮލުން ފެންތައް ފުހެލަމުން ވެސް އަހަރެން ހުސެންއަށް ބަލައިލީމެވެ. އޭރު އޭނާ އިނީ ނުހަނު ކަންބޮޑުވެފައިކަން އަހަންނަށް އެނގުނެވެ. ހުސެންގެ ދެ ލޮލުން އަހަންނާ ވާހަކަ ދައްކާހެން ވެސް އަހަންނަށް ހީވިއެވެ. ނުރޯށޭ ބުނާހެން ހީވިއެވެ.
" އަސްލު އަހަންނަށް ރަނގަޅީ ހުސެންގެ ވާހަކަ އަހަރެންގާތު ނުދެއްކިއްޔާ. އެއީ އަހަރެން އެންމެ ލޯބިވާ މީހާ. އެކަމަކު އޭނަ އަހަރެންގެ ޙަޔާތަކަށް ދުވަހަކުވެސް ނާންނާނެ ނޫރާ." އަހަރެން ބުނީމެވެ.
" އެކަމަކު މިހާރު އޭނައަކީ މީހެއްގެ ފިރިއެއް ވެސް ނޫނެއްނު. އަޅެ ތައިބާ ޓްރައި ކުރަންވީނު." ނޫރާ ހިޔާލު ދިނެވެ.
ނޫރާ އެހެން ބުނުމުން، ރޮވިފައި އިނދެ ވެސް އަހަންނަށް ހެވުނެވެ. ޓިޝޫއަކުން މޫނު ސާފުކޮއްލަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
" ނޫރާއަށް ހީވޭތަ އަހަރެން ޓްރައި ނުކޮށް ހުންނާނެހެން. ހުސެންއަށްޓަކައި މުޅި ދުނިޔެއާ ދެކޮޅަށް ވެސް އަހަރެން ހަނގުރާމަ ކުރަން ބޭނުން. އެކަމަކު އެހާ ފާޅުގައި މީހަކު އިންކާރުކޮށް، ދުރުކޮއްލަންޏާ ދެން ކުރެވޭނެ ކަމެއް ނޯންނާނެއެއްނު. އެއްވެސް ފިރިހެނެއްގެ ފަހަތުން އާދޭސް ކުރުމަކީ މޮޔަކަމެއް. އަނެކާ ނޫޅޭވަރުން އުޅޭކަށް ނުވާނެ. " އަހަރެން އެހެން ބުނުމުން ނޫރާ ހިނިތުންވެލިއެވެ.
" ތައިބާއަށް ހީވޭތަ ހުސެން ތައިބާދެކެ ލޯބިވާހެން." ނޫރާ ބުންޏެވެ.
ކޮފީތަށި މަޑުމަޑުން ގިރާލަމުން އަހަރެން އަނެއްކާ ވެސް ހުސެންއާ ދިމާލަށް ބަލައިލީމެވެ. އޭރު އޭނާ ތެދުވަނީއެވެ. ނަމަވެސް އާދަޔާޚިލާފު ނަޒަރަކުން ހުސެން އަހަންނަށް ބަލައިލީ މި ފަހަރު ވެސް އަހަރެން ބަލަހައްޓައިގެން އިންދައެވެ.
" ހުސެން ނުބުންޏަސް، އަހަންނަށް އިޙްސާސް ކުރެވޭ ލޯބިވާކަން." އަހަރެން ބުނީމެވެ.
" ތިއޭ މައްސަލައަކީ." ނޫރާ ބުންޏެވެ.
އޭރު ހުސެންއާއި އޭނާގެ އެކުވެރިޔާ އަހަރެމެން ފަސްދީ ހިނގައިގެންފިއެވެ. އަހަރެން ނޫރާއަށް ބަލައިލީ ހިތްހަމަޖެހިގެންނެވެ. ހިތް ފުރެންދެން އަހަންނަށް މިއަދު ހުސެން ފެނުމުން އަހަރެންގެ ހިތަށް އާދަޔާޚިލާފު އުފާވެރިކަމެއް ލިބުނެވެ.
" ކޮބާ މައްސަލައަކީ؟" އަހަރެން އެހީމެވެ.
" ޔަޤީން ނުވާ ކަމަކަށް މީހާ ޖާނު ގުރުބާން ކުރާތީ. ތައިބާއަށް ވާ ވަރު އަހަންނަށް ފެނެޔޭ. އެނގެޔޭ." ނޫރާ ބުންޏެވެ.
" އަހަންނަށް ޔަޤީނޭ. ހުސެން އަހަންނަށް ދިން ސަމާލުކަން، އެ ނޫން އެއްވެސް މީހަކު މީގެ ކުރިން އަހަންނަށް ދީފައެއް ނެތޭ." އަހަންނަށް ބުނެވުނީ ބާރަށެވެ. އެއާއެކު ހުސެންއާއެކު ހޭދަވީ ދުވަސްތައް ސިފަވާން ފެށިއެވެ. އެ ދުވަސްތަކުގެ އުފާވެރިކަން އިޙްސާސްވާން ފެށިއެވެ. ހިތުގެ އެންމެ ފުނުން އެ ހަނދާންތައް އާވާން ފެށިއެވެ.
" ހުސެންއާ ވާހަކަ ދެއްކި ދުވަސްވަރު، ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބުނުކަން އިހްސާސް ކުރެވުނު. އޭނަ ވަރަށް ލޯބިން އަހަންނާ ސުވާލު ކުރާނެ. ތަނަކަށް ދިޔަސް ކާކާ އެކުގައިތޯ، ނިމެނީ ކޮން އިރަކުންތޯ، ސޭފްކޮށް ގެއަށް ދެވުނުތޯ ބަލާނެ. ހުސެން އަހަރެންގެ ހަޔާތުން ދިޔުމަށްފަހު، އަހަރެންގެ ދިރިއުޅުން މުޅިން ފަޅުވެއްޖެ ނޫރާ. ހުސްކަމެއް އަތުވެއްޖެ. ކޮންމެ ދުވަހަކީ ވަރަށް ފޫހި، ވަރަށް ދިގު ދުވަހަކަށް ވަނީ. އޭނައާ ނުލާ ވޭތުކުރާ ކޮންމެ ދުވަހެއް، އަހަންނަށް ހީވަނީ ބޮޑު ހަނގުރާމައަކަށް ވާހެން. މި ކަމުން އަރައިގަންނާނީ ކިހިނެއް ކަމެއް ވެސް ނޭނގެ. އަހަންނަށް އެނގޭ އެއްޗަކީ ދެން ދުވަހަކު ވެސް އަހަންނަށް މީހަކު ދެކެ ލޯބި ނުވެވޭނެކަން. އަހަންނަށް އިތުރު އެއްވެސް މީހަކާ ގަޔާ ވެސް ނުވެވޭނެ. އެހެން މީހަކު އަހަރެންގެ ގައިގައި ބީހޭކަށް ވެސް ނުދެވޭނެ." އެ ހިސާބަށް ވާހަކަ ދިޔައިރު އަނެއްކާ ވެސް ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!