ކުރީގެ އަދަދާއި ގުޅޭ:

" ތިއީ އަހަންނަށް ވަރަށް މުހިއްމު މީހެއްގެ ގޮތުގައި ދެކުނިން. އަދި އެކަން ހުސެންއަށް އިހްސާސްވެސް ކުރެވޭނެ. އަހަންނަކީ ހުސެންގެ އަނބިމީހާކަމުގައި ނުވިޔަސް، އަނތްބަކު ފިރިޔަކަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމް އަހަރެން ކުރިން. އަދިވެސް ކުރެވޭ. ހުސެން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރިން. އެ ޚަބަރަށް މާލެ ވެސް އައިން. އަދި އެ ދިގު އިންތިޒާރުގެ ނިމުން މިހާ ހިތި ވާނެ ކަމަކަށް ހިއެއް ނުކުރަން. ދެން އެންމެ ހިނދުކޮޅަކު ވެސް މިތާ ހުންނާކަށް ނެތިން. އަހަންނަށް ނަފްރަތު ނުކުރައްޗޭ! " އަހަރެން އެހެން ބުނެ، ބާރަށް ދުއްވައިގަތީމެވެ.

Ad
rt

ދުވެފައި ދިޔައިރު ވެސް ހިތުގައި އޮތީ ހުސެން އަހަންނަށް ގޮވައި، ހުއްޓުވާނެކަމަށެވެ. ސައިކަލާ ހަމައަށް އައިސް އަހަރެން ފަސްއެނބުރި ބަލައިލި އިރު އަހަންނަށް ފެނުނީ އޭނާ ލަސް ހިނގުމެއްގައި އަހަރެން ފަސްދީ ދާ މަންޒަރެވެ. އަހަރެންގެ ގައިން ބާރު ހުސްވި ކަހަލައެވެ. ސައިކަލްގެ ހުންގާނުގައި އަތް ޖައްސާލައިގެން އަހަންނަށް ހުރެވުނީ ހުސެން ދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު ވެސް މަޑުމަޑުން އަހަންނަށް ގިސްލެވެއެވެ. މުޅި އުމުރަށް އޭނާ އަހަންނަށް ގެއްލުނީކަން އިޙްސާސް މި ކުރެވުނީ އަދި އަލަށެވެ. ހިތް ހީވަނީ ފޮތިފޮތި ވެދާނެހެންނެވެ. ނޭވާ ކުރުވެ، ރޯން ވެސް އުނދަގޫ ވެއްޖެއެވެ. ތެމިފޯވެފައި ހުރިކަން ވެސް އަހަންނަށް އިޙްސާސް ނުވާ ކަހަލައެވެ. ޖެހެމުންދާ ގަޔަ ވަޔާއެކު ވިޔަސް، ހުސެންއާ ދިމާލަށް އަހަރެންގެ ހިތް އެއްލާލަފާނަމޭ ހިތަށް އެރިއެވެ. ހިތުގެ ހާލު އޭނާއަށް ދައްކަން ބޭނުންވިއެވެ. އަހަރެންގެ ހިތުގައި ވިންދު ޖަހަނީ ހަމައެކަނި ހުސެންއަށްކަން އަންގަން ބޭނުންވިއެވެ. ދުލުން ބުނެގެން ޤަބޫލު ނުކުރާ މީހަކަށް ހިތް ފެނިގެން ވެސް އެކަން އިޙްސާސް ވެދާނެޔޭ ހިތަށް އެރިއެވެ.

ވިއްސާރާގެ ފިނި ތިކިތަކާއި ލޮލުން ފައިބަމުންދާ ކަރުނަ، އެކުވެގެން އަހަންނަށް ދުރު ފެންނަނީ ވަރަށް ވެސް ފުސްކޮށެވެ. އަޑު ބޭރު ނުވި ކަމުގައި ވިޔަސް، މުޅި ހަށިގަނޑުން އަހަރެން ބާރަށް ރޮމުން ދިޔައީމެވެ. ދުނިޔޭގައިވާ އެންމެ ފަހު ދުވަހަށް ވިޔަސް ހެޔޮ ކަމަށް، އަހަރެން ސައިކަލް ދުއްވީ ނުހަނު ބާރަށެވެ. ގެއަށް ދެވުނަސް، ނުދެވުނަސް ހެޔޮ ކަމަށެވެ. ހިތާއި ސިކުނޑީގެ ހާލު ހުރި ގޮތުން އަހަރެންގެ ޟަމީރު ހަނު ހުރި ކަހަލައެވެ. އަހަރެންގެ ވިސްނުމަކަށް އެއްވެސް އެއްޗެއް ނައެވެ. ކުރިއަށް ފެންނަން އޮތް ދިގު ރާސްތާ ކުރުވާ ހެންނެއް ހިއެއް ނުވެއެވެ. ދާންވި މަންޒިލެއް ނުފެނުނެވެ.

" ތައިބާ؟ އަހަރެން ހާދަ ގުޅައިފީމޭ." ގެއަށް އައިސް ވަނުމާއެކު ސިޓިންރޫމްގައި އިން ނޫރާ ފުންމައިގެން ތެދުވެ ބުންޏެވެ.

" ކިހިނެއް ވެފައި ތި ހުރީ؟ މަރުވެފައި ހުރި މައްޔިތަކާ ތަފާތެއް ނެތް." ނޫރާ އުޅުނީ އަހަންނާ ސަމާސާ ކުރަންކަން އަހަންނަށް އެނގުނެވެ. ނަމަވެސް އޭނާ އިތުރަށް އެއްޗެއް ބުނުމުގެ ކުރިން އަހަންނަށް ރޮވުނެވެ.

" އޭ! ކިހިނެއްވީ؟ ކޮބާ ހުސެން؟ ކީކޭ ބުނީ؟ ދިމާ ނުވަނީތަ؟" ނޫރާ އަހަރެންގެ ކޮނޑުގައި އަތް ޖައްސާލަމުން އެހިއެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ތެމިގެން ދޯ ދިޔައީވެސް. ފުރަތަަމ ދޭ ޗޭންޖް ކޮއްލަން. ހުން އައިސްދާނެއެއްނު . މީހާ ތިހުރީ ތެމި ފޯވެފައޭ." ނޫރާ ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. އޭނާއަށް އަދި އަހަރެންގެ ހާލު ދެނެނުގަނެވޭކަން އަހަންނަށް އެނގުނެވެ.

އިތުރަށް އެއްޗެއް ބުނުމެއް ނެތި އަހަރެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީމެވެ. އޭރު ވެސް ނޫރާ ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. ފާހާނާއަށް ވަދެ، ފެންމާގަނޑު ދޫކޮއްލުމާއެކު އަނެއްކާ ވެސް ރޮވެން ފެށިއެވެ. މާގަނޑުން އޮހޮރެމުންދާ ފިނި ފެން ތިކިތައް އަހަރެންގެ ހަށިގަނޑުގައި ބީހެމުން ދިޔައީ ނުހަނު ބާރަށެވެ. އެ ފިނި ފެން ތިކިތަކުން ވެސް ހަށިގަނޑުގެ އެތެރޭގައި އަނދަމުންދާ އަލިފާނުގެ ގިނި ނިއްވައެއް ނުލެވުނެވެ. އަހަންނަށް ކުރެވެނީ އެތެރެހަށި ފިހެމުންދާ ކަހަލަ އިޙްސާސެކެވެ.

ލޯ މަރައިގެން ހުއްޓަސް، އަހަންނަށް ފެންނަމުންދަނީ ހުސެންގެ މޫނެވެ. އޭނާ އަހަންނަށް ނަފްރަތު ކުރާކަން އެނގުނަސް އަހަންނަށް އެކަން ގަބޫލުކުރަން އުނދަގޫވަނީއެވެ. އަދިވެސް އަހަރެންގެ ހަށިގަނޑުގައި ދައުރު ވަމުންދަނީ ހުސެންގެ ލޯތްބެވެ. ހަމަ އޭގެ އެންމެ ތާޒާކަމުގައެވެ. އެ ލޮބުވެތިކަމުގައެވެ. ސިކުނޑީގެ އެންމެ އަޑިން، ލޮލުގެ އެންމެ އެތެރެއިން ހިތުގެ އެންމެ ފުނަށް، އެ ލޯބީގެ އަސަރު މިހާރު ވެސް ދަތުރު ކުރަމުންދެއެވެ. އެ ހަނދާންތަކާ އަހަރެން ވަކިވާނީ ކޮންފަދައަކުންބާވައޭ ހިތަށް އެެރިއެވެ.

ކޮޓަރިން ނުނިކުމެ އުޅެނިކޮށް ނޫރާ އައިސް ވަނެވެ. އޭރު އަހަރެން އިނީ ޑްރެސިންޓޭބަލް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ.

" ލަސްވެގެން މި ވަނީ." ނޫރާ އައިސް ހުއްޓުނީ އަހަންނާ ދާދި ގާތުގައެވެ.

" ހުސެން ބޭނުމެއް ނުވެ އަހަންނާ ވާހަކަ ދައްކާކަށް. ހުސެން ހުރީ އަހަރެން ކުއްވެރިކޮއްގެން." ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެންގެ ދެ ތުންފަތް ހަރަކާތްކޮއްލީމެވެ.

" އަސްލު؟ ހުސެންއަށް ގަބޫލު ނުކުރެވެނީދޯ. " ނޫރާ ބުންޏެވެ.

އޭނާއަށް އެހެން ބުނެލަން ފަސޭހަ ވެދާނެއެވެ. އެކަމަކު އަހަރެންގެ ހިތުގެ ތަކުލީފްތައް އެނގޭނީ ކާކަށް ހެއްޔެވެ؟ އެކަމާ އަހަރެން ދެރަވާވަރު ދަންނާނީ ވެސް ކާކު ހެއްޔެވެ؟ ބުނެދިނަސް އިހުސާސެއް ނުކުރެވޭނެއެވެ. އެހެންވެ، އަހަރެން ވެސް ގޮތެއް ނިންމީމެވެ. އަހަރެންގެ އިހްސާސްތައް ހުދު ނޫރާއަށް ވެސް އަންގައި ނުދިނުމަށެވެ. ހުސެންގެ ސަބަބުން އަހަރެން ކުރާ ހިތާމަ ސިއްރު ކުރަން އަހަރެން ބޭނުންވިއެވެ. އިތުރު މީހަކާއެކު އަބަދު އެ ވާހަކަ ދައްކައިގެން އަހަންނަށް ލިބޭނީ އިތުރު ވޭނެއްކަން ވެސް އަހަންނަށް އެނގެއެވެ.

ވަރަށް އުނދަގުލުން އަހަރެން ހީލީމެވެ. އޭރު ނޫރާ ވެސް ހުރީ ލޯގަނޑުން އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އޯކޭ ދެން. ކިތަންމެ ވަރަކަށް ކިޔައިދިނަސް ހުސެން ގަބޫލު ނުކުރަންޏާ އަހަރެން ކީއްކުރާނީ؟ އިތުރަށް ހުސެން ކައިރީ ދައްކާނެ ވާހަކައެއް ވެސް ނެތް. " އެ ހިސާބަށް ބުނެވުމާއެކު އަނެއްކާ ވެސް ލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. ނަމަވެސް ނޭވާތައް ހިފަހައްޓައިގެން ވެސް އަހަރެން ބޭނުންވީ ނޫރާގެ ކުރިމަތީގައި ކަރުނަވެސް ހިފަހައްޓާށެވެ. ދެ ތުންފަތް އެތެރެއަށް ފިއްތާލަމުން އަހަރެން ބޮޑު ނޭވާއެއް ދޫކޮއްލީ އިސްޖަހާލަމުންނެވެ.

" ޔެސް. ޔޫ އާ ރައިޓް! ދުރަށް ދާ މީހަކު ދިޔަ ދީ. ހިފަހައްޓާނެ ކަމެއް ނެތް. ކަންތައް ވީ ގޮތް މިހާރު ބުނެދެވިއްޖެއެއްނު. ދެން އެކޮޅުން އެކަން ގަބޫލު ނުކުރީމަ، ފަހަތުން ދުވާނެ ކަމެއް ނެތް. " ނޫރާ ބުންޏެވެ.

އެހެން އިނދެ އަހަރެން ބޯ ޖަހާލީމެވެ.

" އާދޭ ހޫނު ސައިތައްޓެއް ބޯލަން. އަހަރެން މި އިންނަނީ ތައިބާ އަންނަން ދެން އެއްޗެއް ނުކައި. އަޔާޒް ވެސް ނިދައިފި މިހާރު." ނޫރާ އެހެން ބުނެ އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ.

ދުރަށް ދާ މީހަކު ދިޔަދޭށޭ ނޫރާ ބުންޏަސް، ހުސެން އަހަންނާ ދުރަށް ފޮނުވާލާނީ ކިހިނެއް ހެއްޔެވެ؟ ހުސެން ނުހިފަހައްޓާ އަހަރެން މަޑުން ހުންނަން ވީ ހެއްޔެވެ؟ އޭނާ ހުއްޓުވަން ކިތަންމެހާ ވެސް ބޭނުމެވެ. އެއީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އޭނާ އަހަންނާ ދުރަށް ދާ މަންޒަރު ބަލަން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ މި ލޮލުގެ ފިނިކަމެވެ. ކަރުނައިން ފުރި ދެ ލޯ ފާރު ވިޔަސް ހުސެންއަށްޓަކައި މުޅި އުމުރު އަހަރެން ރޯނަމެވެ. ހިތުން ވިންދު ކެނޑެންދެން ލޯބިވާނަމެވެ. ސިކުނޑި ވަރުބަލިވިޔަސް އޭނާއާމެދު ވިސްނާނަމެވެ. މިއަދުން ފެށިގެން އަހަރެންގެ އުފަލަކީވެސް މިއީއެވެ. އަނެއްކާ ވެސް ލޯގަނޑުން މޫނު ބަލައިލަމުން، ދުޅެވެފައި ދެލޮލުން ފެންތައް ފުހެލީމެވެ.

އެ ދުވަހަށް ފަހު، ހުސެން މަސައްކަތްކުރާ ފިހާރަ ހުންނަ މަގަށް ވެސް ނާރަމެވެ. އޭނާ ބޭނުންވާ ގޮތަށް އަހަރެން އޭނާއާ ދުރުވީމެވެ. އޭނާގެ ހިތްހަމަޖެހުމަށް، އަހަރެން ހުސެންއަށް ގެއްލުނީމެވެ. ހިތުގައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ އަހަރެންގެ ކުށެއް ނެތްކަން ހުސެން ޤަބޫލު ނުކުރާތީއެވެ. ހުސެންގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހި، އޭނާގެ ޤަދަރު ގެއްލި ދިޔައީ އަހަންނާހެދިކަން އޭނާ ޤަބޫލު ކުރާތީއެވެ. އެހެން ހިތަށް އެރިޔަސް، އަހަންނަށް ހީވަނީ އަހަރެންގެ ހިތް ފުނޑުފުނޑު ވެދާނެހެންނެވެ.

" މަންމީ! ކޮއްކޮ ބެލޫން ދޫވެއްޖެ." އަހަރެން ސިހުނީ ލިލީގެ އަޑަށެވެ.

އޭރު ޖެހެމުންދާ ވަޔާއެކު ލިލީގެ ފުއްޕާހަން މަޑުމަޑުން އެއްގަމާ ދިމާލަށް ދެއެވެ. ވެލިގަނޑުމަތިން ތެދުވެ އަހަރެން ތަންކޮޅެއް ބާރަށް ގުންޑޮޅިމަތިން އެރީމެވެ. ފަހަތުން ލިލީ ވެސް ދުވެފައި އާދެއެވެ. އަހަރެމެންނާ ފުއްޕާހަމާ ހަމައަށް ދެވެން ވާއިރަށް، ހަން ފަޅައިގެން ގޮއްސިއެވެ. އެއާއެކު އަހަންނަށް ބަލައިލެވުނީ ލިލީގެ މޫނަށެވެ. ވަގުތުން ލިލީ ރޯންފެށިއެވެ. އަވަސް އަވަހަށް ލިލީ ގާތަށް ގޮސް އެ މަންޖެ އުރާލީމެވެ. ވަރަށް މަސައްކަތުން ލިލީ ލޮއްސައިގެން، ސައިކަލާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. ސައިކަލް ސްޓާޓް ކޮއްލަމުން ވެސް މުޅި ސަރަހައްދަށް ނަޒަރު ހިންގާލެވުނީ މި ފަދަ ތަނަކުން ވެސް ހުސެން އަހަންނަށް ފެންނާނެ ނަމައޭ ހިތާއެވެ. ކޮންމެ ތަނަކަށް ދިޔަސް އަހަރެންގެ ހިތުގައި އޮންނަނީ އެ އުއްމީދެވެ. އެންމެ ކުޑަމިނުން އަހަންނަށް ފެނިލުމަށެވެ. އެ ވަރުން ވެސް އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެކަން ކަށަވަރުވާތީއެވެ.

ކޮންމެ ދުވަހެއް ވެސް ނިމިގެން ދަނީ އަހަރެންގެ އެއްވެސް އުއްމީދެއްގައި ކުލަ ޖެހުމެއް ނެތިއެވެ. ނިދަން ޖެހެނީ އެ މާޔޫސްކަމުގައެވެ. ދުވަސް ފަށަން ޖެހެނީ ފޫހިކަމާއި ވަރުބަލިކަމުގައެވެ. އާދައިގެ މަތިން ގޭގެ މަސައްކަތްތައް ނިންމުމަށް އަހަރެން ހަރަކާތްތެރިވަމުން ދިޔައީމެވެ. މެޑަމްގެ ކޮޓަރީގެ އޭސީ މައްސަލަ ޖެހިފައި ހުރުމުގެ ސަބަބުން އޭސީ ހަދަން މީހަކު އަންނާނެ ވާހަކަ މެޑަމް އޮތީ ބުނެފައެވެ. އެހެންވެ، މިއަދު ބޭރަށް ނުގޮސް އަހަރެން މަޑުކުރީމެވެ.

ބެލް ޖެހި އަޑަށް އަހަރެން ގޮސް ދޮރު ހުޅުވި އިރު އޭސީ ހަދަން އައިސް ހުރި ބިދޭސީ މީހާ އަހަންނަށް ހިނިތުންވެލިއެވެ. ރައްދުގައި ހީލަމުން އޭނާއަށް އެތެރެއަށް ވަންނަން ފުރުސަތު ދިނީމެވެ.

" މެޑަމް ކިޔައިދެނީތަ އޭސީގަ ހުރި މައްސަލަތައް؟" އަހަރެން އެހީމެވެ.

" އާނ ކިޔައިދެނީ. " އޭނާ ބުންޏެވެ.

" ކިހާވަރަށް އަގު ނަގަނީ؟ " އަހަރެން ސުވާލު ކުރީމެވެ.

" ބޯސް އެނގެނީ. ބޯސް އަންނަނީ ބަލަން. " އޭނާ ބުންޏެވެ.

އެ ކޮޓަރިއަށް އޭނާ ވަނުމުން ކޮޓަރި ދޮރުމަތީ އަހަރެން މަޑުކުރީމެވެ. މެޑަމްގެ ކޮޓަރިއަށް ވާތީ އެއީ މެޑަމް ބުނެފައި އޮތް ގޮތެވެ. އެހެން ހުންނަން އަހަންނަށް ފަސޭހައެއް ވެސް ނޫނެވެ. ނަމަވެސް އެ ތަނުން އެއްޗެއް ގެއްލުނަސް، އެ ޒިންމާ އަހަރެން އުފުލަން ޖެހޭނެތީ އަހަންނަށް އިތުރު ގޮތެއް ވެސް ނެތެވެ.

" ހަލޯ! އާނ. އަންނަނީ. އޯޕަން ކުރަނީ." ކުއްލިއަކަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތީ ބޭރުމީހާގެ އަޑަށެވެ.

" ކާކު އަންނަނީ؟" އަހަރެން އެހީމެވެ.

" ދައްތަ ދޮރު ހުޅުވަން ބޭނުންވަނީ. މަގޭ ބޯސް އަންނަނީ." އޭނާ ބުންޏެވެ.

" ބޮސް އެ ދިވެހި މީހާތަ؟ " އަހަރެން އެހީމެވެ.

" އާނ ދިވެހި މީހާ. ބަރާބަރު ހުންނަނީ؟ ވާހަކަ ނުދައްކަނީ ބާރަށް. ރުޅި ނާންނަނީ." އޭނާގެ ބޮސް އަހަންނަށް ތަޢާރަފް ކޮއްދިން ގޮތުން އަހަރެން ވަރަށް ހިނި އައެވެ.

" އެހެންވަނީ.! އޯކޭ ކޮޓަރިން އިހަށް ނިކުންނަން ބޭނުންވަނީ. އާދޭ ބޭރަށް." އަހަރެން ބުނެލީމެވެ.

އެއާއެކު ހަރުގަނޑުން ފައިބައިގެން އޭނާ ވެސް އަހަންނާއެކު ނިކުތެވެ. ހިޔާލެއް ފިކުރެއްނެތި އަހަރެން ގޮސް ދޮރު ހުޅުވީމެވެ.

( ނުނިމޭ )

(ނިމުނީ)