" ދެން އެކަމަކު މުޅި މާލެ ބަލައިގެން ވެސް އަހަރެން ބޭނުމޭ ހުސެން ހޯދަން. އެހެން ނޫނީ އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ." އަހަރެން އެހެން ބުނުމާއެކު ނޫރާ އަނެއްކާ ވެސް ހޭން ފެށިއެވެ.
" އޯކޭ އޯކޭ. ތައްޔާރުވޭ އަންނަން. މަ އަބަދުވެސް ތައިބާއަށް އެހީތެރިވާނަން." ނޫރާ އަހަންނަށް އުއްމީދެއް ދިނެވެ.
އިރުއަރާ އޮއްސެންދެން ، ކޮންމެ ދުވަހަކު ވެސް އަހަރެން އިންތިޒާރު ކުރަމުން ދިޔަ ހަބަރު ފެނުމާއެކު އަހަންނަށް ފުރަތަމަ ވެސް މާތްﷲއަށް ޙަމްދު ކުރެވުނެވެ. ހުސެން ޖަލުން މިނިވަންވުމަކީ އަހަރެންގެ ދުޢާއެކެވެ. ހުރިހާ ނޫސްތަކެއްގައި ވެސް ހުރީ ހުސެންގެ ތަފާތު އެކި ފޮޓޯތަކެވެ. ނަމަވެސް އެއީ މާ ކުރީގެ ފޮޓޯތަކަކަށް ވީ ނަމަވެސް އެ ސޫރައަކީ ދުވަހަކު ވެސް އަހަރެން ފޫހިވާނެ ސޫރައެއް ނޫނެވެ. ހިނިތުންވުމެއްގައި ހުރެ އަހަރެން ހުސެންގެ ފޮޓޯއަކަށް ބޮސްދެމުން ހިތާހިތާ ވާހަކަ ދައްކަން ފެށީމެވެ.
" ވަރަށް ބޭނުން މީޓްކޮއްލަން. ވަރަށް ބާރަށް ބައްދާލަން ބޭނުން." އަހަރެން ބުނީމެވެ.
މިހާރު ހުސެން ހުންނާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ކިތަންމެ ބޮޑު ބަދަލެއް އައިސް ހުއްޓަސް، އަހަންނަށް އަބަދުވެސް ހުސެން ރީތި ވާނެއެވެ. މާ ގިނަ ވަސްވާސްތައް ހިތަށް ވަންނަން ފެށުމުން ހުސެން ދެކިލާހިތުން އަހަރެން ކެތްމަދުވާން ފެށިއެވެ.
ކައިރީގައި އޮތް ބާލީހުގައި މަޑުމަޑުން ބައްދާލަމުން ހިޔާލީ ދުނިޔޭގެ ތެރެއަށް ދެމިގަތީމެވެ. މިހާ ގިނަ ދުވަސްކޮއްފައި އޭނާ ފެނުމުން އަހަންނަށް ދުރުގައި ހުންނަން ކެތް ކުރެވޭނެބާވައޭ ހިތަށް އެރިއެވެ. ކިތަންމެ ގިނަ ބައެއްގެ ތެރެއިން ވިޔަސް، ހުސެން ފެނިއްޖެނަމަ އޭނާގެ ގައިން އަހަރެން ދުލެއް ނުކުރާނަމެވެ. ހުސެންގެ އަތުގައި ހިފައިގެން އެންމެންނާ ދުރަށް ދުއްވައިގަންނާމެވެ. ވަރުބަލި ވިޔަސް އަހަރެން ބޭނުންވަނީ ހުސެންއާއެކު އެކަހެރިވެލާށެވެ. އެ ތަނަވަސްމޭމަތީގައި މޫނު ޖައްސާލާށެވެ. އަދި އޭނާގެ ދެ އަތުން އަހަރެންގެ ހަށިގަނޑު ވަށާލާށެވެ. ހުސެންގެ ގައިން ދުވާ މީރުވަސް އަހަރެންގެ ނޭފަތުގައި މިހާރު ވެސް ހީވަނީ ހަރުލާފައި ހުންނަހެންނެވެ.
ކުއްލިއަކަށް އަހަރެންގެ ފޯން ރިންގްވާން ފެށިއެވެ. މާލޭގެ ކޮންމެވެސް އޮފީހެއްގެ ނަންބަރެއްހެން ހީވުމުން އަހަރެން ޖެހިލުންވާ ގޮތްވިއެވެ. ނަމަވެސް ފޯނު ނަގާ، ކަންފަތުގައި ޖައްސާލީމެވެ.
"އައްސަލާމްއަލައިކުމް.. ތައިބާއާ ގުޅޭ ނަންބަރެއްތޯ މިއީ ؟" ވާހަކަ ދެއްކީ ފިރިހެނެކެވެ.
އަހަރެން ޖެހިލުންވެފައި ހުރެ އާނއެކޭ ބުނީމެވެ.
" މި ގުޅާލީ ފުލުހުންގެ އިދާރާއިން. މާލެއިން." އެ އަޑަށް އަހަރެންގެ މެޔަށް ހީވީ ފިނިވެގެން ދިޔަހެންނެވެ.
" ކި...ކިހިނެއްތޯ ވީ؟މި ނަންބަރު ކިހިނެއްތޯ ލިބުނީ؟" ބޭއިހްތިޔާރުގައި އަހަންނަށް ސުވާލު ކުރެވުނެވެ.
" ތިބޭފުޅާ ދެއްވާފައި އޮތް ބަޔާނެއްގައި ނަންބަރު ލިޔެފައި އޮތީ. މި ގުޅާލީ، މި ވަގުތު ދޫނިދޫ ޖަލުގައި ހައްޔަރުކޮއްފައި ހުރި އަހްމަދު ޒިޔާދު ތިޔަ ފަރާތާއި ބައްދަލްކުރަން ހުށަހަޅާފައި އޮތީމަ." އޭނާ ބުންޏެވެ.
" ޒިޔާދޭ؟ ބައްދަލް ކުރަން ދިޔައީމަ އަޅުގަނޑަށް... އެއްވެސް ރައްކާތެރިކަމެއް ލިބޭނެތޯ؟" އަަހަރެން ސުވާލު ކުރީ ޖެހިލުންވެ ހުރެއެވެ.
" އާދެ! ރައްކާތެރިކަމަށް އެދިލައްވައިފިނަމަ ފޯރުކޮއްދެވޭނެ. ކުރިއަށް އޮތް ތިން ވަރަކަށް ދުވަސް ތެރޭ އޭނާ މާލެ ގެންނާނެ. މި ސްޓޭޝަނުން ބައްދަލް ކުރެވޭގޮތް އިންތިޒާމް ކުރެވިދާނެ. އެ މީހުންނަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީމަ، އެ މީހުންނާ ބައްދަލް ކުރެވޭނީ ވެސް އަޅުގަނޑުމެންގެ މުވައްޒަފުންގެ ހާޟިރުގައި." އޭނާ ބުންޏެވެ.
އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ޒިޔާދުއާ ބައްދަލް ކުރަން ބޭނުން ނުވި ނަމަވެސް، އޭނާގެ އެދުމަށް ފުރަގަސްދޭކަށް ބޭނުމެއް ނޫނެވެ. އެ ފޯނު ބޭއްވުމަށްފަހު އަހަރެން ނޫރާއަށް ގުޅީމެވެ. އަދި ކަންތައް ވީ ގޮތް ކިޔައިދިނުމަށްފަހު އޭނާގެ އެހީއަށް އެދުނީމެވެ.
" މާދަމާއަށް ރެޑީވޭ ފުރަން. ދެން ހިޔާލު ބަދަލު ނުކުރައްޗޭ. ޒިޔާދު ދައްކާ ވާހަކަ ވެސް އަޑުއަހަން ޖެހޭނެ އެއްނު. އޭ! މަ ބުނީ ލިލީ ގެންދާކަށް ނުބުނޭތަ؟" ނޫރާ އެހިއެވެ.
" އާނ. އަހަންނާ ބައްދަލްކުރަން ބޭނުމޯ ބުންޏޯ. އެހެން ނޫނަސް އެތަނަކަށް ލިލީއެއް ނުގެންދާނަން. ލިލީ ކިހާ ސުވާކު ކުރާނެ." އަހަރެން ބުނީމެވެ.
ޒިޔާދު އަހަންނާ ބައްދަލް ކުރަން ބޭނުންވާކަން އެނގުނީއްސުރެ އަހަރެން ހުންނަނީ ބިރުގެންފައެވެ. އޭނާ ރުޅި އައިސްފައި ހުންނާނެ ވަރު ހިތަށް އެރިޔަސް އަހަންނަށް އުނދަގޫވެއެވެ. ކުރިމަތިލާކަށް ވެސް ބޭނުމެއް ނޫނެވެ. އިތުރަށް ޒިޔާދު އަހަންނާ ދައްކަން ޖެހޭނެ ވާހަކައެއް ވެސް ނޯންނާނެއެވެ. ޔަގީނެވެ. އޭނާ އެ އުޅެނީ މަޢާފަށް އެދޭށެވެ.
އެ ފަދަ އެތައް ހިޔާލުތަކަކުން އަހަރެންގެ ސިކުނޑި ތަޣައްޔަރުވަމުން ދިޔައެވެ. މާލެ ދާން ދަތުރު ހަދަމުން ދިޔައިރު ވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަހަރެން މާލެ ދާން ނިންމީ ވަރަށް އުފަލުންނެވެ. ހުސެންއާ ބައްދަލް ކުރުމުގެ ފޮނި އުއްމީދާއެކުއެވެ. ނަމަވެސް މުޅި ދަތުރަށް ޒިޔާދުގެ ހިޔަނި އެޅުން ވެގެން ދިޔައީ އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔަ ކަމަކަށެވެ.
ރަށުން ފުރައިގެން މާލެ ދެވުނު އިރު ވެސް އަހަރެންގެ މޫޑު ބަދަލެއް ނުވިއެވެ. ނޫރާ ލިލީއާ ވާހަކަ ދައްކަމުން ދިޔައިރު ވެސް އަހަރެންގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތެވެ.
" ދަރިފުޅޫ. ދޭބަލަ ލިލީ ގޮވައިގެން ސިޓިންރޫމަށް ކުޅެލަން." ނޫރާގެ އަޑަށް އަހަންނަށް ބަލައިލެވުނެވެ.
އޭރު ނޫރާގެ ދަރިފުޅު ކޮޓަރިއަށް ވަދެގެން އާދެއެވެ. އޭނާ އައިސް ލިލީގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. އެއާއެކު ނޫރާ އަހަންނަށް ބަލައިލިއެވެ.
" ދެން ތައިބާ. ހާދަ ވަރަކަށް ތި ސްޓްރެސް ވަނީ." ނޫރާ ބުންޏެވެ.
" ދެން. އެހާ އުފަލުން މާލެ އަންނަން އުޅުނީ. އެކަމަކު ޒިޔާއާ ދިމާވާން ޖެހޭތީ ވަރަށް ފޫހި." އަހަރެން ބުނީމެވެ.
" ޒިޔާދު ދައްކާ ވާހަކަ ވެސް އަޑުއަހަން ޖެހޭނެ އެއްނު. " ނޫރާ ބުންޏެވެ.
" އެކަމަކު އަހަރެން ވަރަށް ފޫހިވޭ އޭނަ ދެކެން ވެސް. އޭނަ ފެންނަން ވެސް. " އަަހަރެން ބުނީމެވެ.
އެ ވަގުތު ނޫރާ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަންނަށް ނޫރާގެ މޫނަށް ބަލައިލެވުނީ ފެންކަޅިވެފައި އިނދެއެވެ.
" އަހަންނަށް އެނގޭ ތައިބާ ފިކުރު ކުރާ ވަރު. ވިސްނާވަރު. އަހަރެން ނަމަ މިހާރު މަރުވެއްޖައިސް ކަންނޭނގެ. އަދިވެސް ހިތްވަރު ކުރޭ. ޒިޔާދާ ކުރިމަތިލާ! އޭނައާ ދިމާލަށް ކިޔަން ބޭނުންވާ ހުރިހާ އެއްޗެއް ފުރުސަތު ލިބުނު ވަގުތު ކިޔާލާތި." ނޫރާ ބުންޏެވެ.
" އަހަރެން އަސްލު އޭނައާ ވާހަކަ ދައްކާކަށް ވެސް ނެތިން. އެކަމަކު... އޭނަ އެދިފައި އޮތީމަ އަހަރެން އެ ތަނަށް ދާނަން. ނޫރާ އަހަންނާއެކު ދާނަން ދޯ؟" އަހަރެން އެހީމެވެ.
" ދެން އަހާކަށް ވެސް ނުޖެހޭނެއެއްނު. އެކަމާ ފިކުރު ނުކުރޭ. އަހަރެން މި ހުރީ ހަމަ ދާން ރެޑީގަ." ނޫރާ ބުންޏެވެ.
" ހިނގާބަ އަހަންނާއެކު މާލެ ތެރޭ ބުރެއް ޖަހާލަން." ތެޅިގަނެފައި އަހަރެން ބުނީމެވެ.
އެއާއެކު ނޫރާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.
" ބުރެކޭ؟ މިހާ އަވި ގަދައިރު؟ ކީއްކުރަންތަ؟" ނޫރާ އެހިއެވެ.
" ހުސެން ހޯދަން. ޕްލީޒް." އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.
" އަދި މަޑުކޮއްބަލަ. އަދި ރަށުން އައިސް އެއްޗެއް ނުވެސް ކައި ތި އުޅެނީ." ހެމުންހެމުން ނޫރާ ބުންޏެވެ.
" ދެން އެކަމަކު އަހަރެން ބޭނުން ހުސެންއާ މީޓް ކުރަން. ކާނީ ވެސް ހުސެންއާ ދިމާވީމަ." އަަހަރެން ބުނީމެވެ.
" ސާބަސް މަންޖޭ. މީނަ ހާދަ ލޯތްބެކޭ ތި ވަނީ. އަހަންނަކަށް ނޭނގޭ ކަންނޭނގެ ތިހާ ވަރަށް ލޯބިވާކަށް. " ނޫރާ ބުނެލިއެވެ.
އޭނާ އެހެން ބުނީމަ އަހަންނަށް ހެވުނެވެ. ނަމަވެސް އަހަރެން ހުސެންދެކެ ލޯބިވާ މިންވަރު ނޫރާއަށް އިހްސާސްވީތީ އޭނާގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލަން ބޭނުންވިއެވެ.
" ތެދެއް ތި ބުނީ! އަހަރެން ހުސެންދެކެ ވަރަށް ލޯބިވޭ. ހުދު ހުސެންއަށް ވެސް އަހަރެން ލޯބިވާވަރު ނޭނގޭނެ. ބައެއް މީހުންނަކީ ސިފަ ފެނިގެން، ސިފަ ރީތި ވެގެން ލޯބިވާ މީހުން. އެކަމަކު އަހަރެން އޭނަދެކެ ލޯބިވީ އަހަންނާ އޭނަ ދިމާވެސް ނުވަނީސް. އެންމެ ދެ ތިން މެސެޖުން ވެސް އެއީ ކިހާ ކެއަރިން މީހެއްކަން އިހްސާސް ކުރެވުނު. ދެން އަހަންނަށް އޭނަ ފެނުނު ފަހުން އަދި މާ ބޮޑަށް ގަޔާވެވުނު." އަހަރެން ކިޔައިދިނީމެވެ.
" އޯހް. އެއީ؟ މާ ރީތީތަ؟" ގަޔާވެލާފައި ނޫރާ އެހިއެވެ.
" ހޫމް. ވަރަށް ހޭންޑްސަމް. ވަރަށް ރޮމޭންޓިކް. ހަމަ އަހަރެން ކަހަލަ." އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
" އޯހް! " ނޫރާ ބުންޏެވެ.
" އެންމެ ގަޔާވަނީ ހުސެން އަހަންނާ ވާހަކަ ދައްކާ ގޮތުން. އަހަރެންގެ ހިތް ފަތަހަ ކުރީ އެ މަޑުމައިތިރިކަމުގެ ސަބަބުން. އޭނަ ހީލާނީ ވަރަށް މަދު ފަހަރަކު. އަހަރެން ހުންނަނީ ހުސެން ހީލާ ތަން ވަރަށް ބަލާ ހިތުން. ނޫރާ! ހަމަ އަސްލުވެސް އަހަރެން ހުސެން މަތިން ހާދަ ހަނދާންވެޔޭ." އަހަރެން ބުނީމެވެ.
" ހޫމް. މިރޭ ދަރިން ނިންދަވާފައި ބުރު ޖަހަން ދާންވާނެ. މަ ވެސް މިހާރު ތައިބާގެ ހުސެން ދެކިލާ ހިތްވަނީ." ނޫރާ ބުނެލީ ސަމާސާ ރާގަކަށެވެ.
" ހިތް ނުކިޔައްޗޭ." އަހަރެން ބުނީމެވެ.
" ހިތް ކިއްޔާ؟ " ނޫރާ އެހިއެވެ.
" އައްދޭ! ހިތް ކިއްޔާއޭ؟ އެ ކަހަލަ ނަޒަރަކުން ހުސެންއަށް ބަލައިގެން ނުވާނެ." އަހަރެން ދިމާކޮއްލީމެވެ.
" ބެލިއްޔާ؟" ނޫރާ ބުންޏެވެ.
" ލޯ ދަމައިގަންނާނަން." އަހަރެން އެހެން ބުނުމާއެކު ނޫރާ ބާރުބާރަށް ހޭންފެށިއެވެ.
" އަހަރެން މިހާރު ގަބޫލު ކޮއްފިން ތައިބާ ހުސެންދެކެ ވަރަށް ލޯބިވާކަން. " އޭރުވެސް ނޫރާ ހުއްޓުމެއްނެތި ހެމުން ދެއެވެ.
" ތިހާ ބާރަށް އަންހެނުން ހޭކަށް ނުވާނެ. މަށަށް ވަރަށް ބޮލަށް އުނދަގުވާ އަޑެއް ތީ. އެހާ ބާރަށް ހޭ އަޑު." އަހަރެން ބުނީ ހަގީގަތުގައި ވެސް ބޮލަށް އުނދަގޫ ވެގެންނެވެ.
" ތީ އެހެން ނޫނަސް ކިރިޔާ އަޑެއް އިވޭ އިރަށް ބޮލަށް އުނދަގުވާ މީހެއް. މީނަ ބޭނުންވާނީ އިންސާނުން ވެސް ނޫޅޭ ތަނެއްގައި އުޅެން. " ނޫރާ އަހަންނާ ދިމާކޮއްލިއެވެ. އަހަރެން ވެސް އޭނާއާ ބައިވެރިވެލީމެވެ.
އެރޭ އަހަރެން ނޫރާއާއެކު މާލޭ މަގުތަކުގައި ވަރަށް ދުއްވީމެވެ. ހުޅުމާލެއަށް ވެސް ދިޔައީމެވެ. ނަމަވެސް މަގެއް މަތިން ވެސް ހުސެންގެ އެއްވެސް ހިލަމެއް ނުވިއެވެ. އަހަރެންގެ ލޯ އަމާޒު ނުވާ މީހެއް އަދި ސައިކަލެއް ވެސް ނުދާނެއެވެ. ހުސެން ދެކިލާ ހިތުން ކެތްމަދުވެފައި ހުރި އިރު ވެސް އޭނާ ނުފެނުމުން އަހަރެން އިންތިހާއަށް ދެރަވިއެވެ.
" ދެން ނުދުއްވޭނެ. ބުރަކަށީގައި ރިއްސައިގެންފި." ގޭ ދޮރުމަތީ މަޑުކޮއްލަމުން ނޫރާ ބުންޏެވެ.
" ދީ އަހަރެން އަތަށް. ދުއްވަފާނަމޭ." އަހަރެން ބުނީމެވެ.
އެއާއެކު ނޫރާ އަހަންނާ ދިމާލަށް ލޯ އަޅާލިއެވެ.
" ދެން މަ ތައިބާ ފަހަތުގައި އޮށޯވެތަ އޮންނަނީ. މިހެން އިނދެއިނދެ ބުރަކަށީގައި ރިއްސައޭ މި ބުނީ. މިހާރު ކިހާ އިރެއް ދުއްވާތާ. އަދިވެސް ހިތް ނުފުރޭތަ؟" ނޫރާ ބުންޏެވެ.
" ހިތް ފުރޭނީ ހުސެން ފެނުނީމައެއްނު." ދެރަވެލާފައި އަހަރެން ބުނީމެވެ.
" ދެން އެކަމަކު ވެސް ހިނގާ ގެއަށް ވަންނަން." ނޫރާ ބުންޏެވެ.
" އަހަރެން އެކަނި ދަންތަ އަދި؟ " އަހަރެން ބުނީމެވެ.
" ތައިބާ! އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ ތި އުޅޭ ގޮތުން މަ ބިރުވެސް ގެންފި. ކިހިނެއްތަ އެނގެނީ ހުސެން ތަނަކަށް ފުރައިގެން ނުދާކަމެއް ވެސް. " ނޫރާ އެހެން ބުނުމާއެކު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ހުސެން އަހަރެން ނުހޯދާނެތަ؟ ހުސެން އަހަރެން މަތިން މިސް ނުވާނެތަ؟ ބުނެބަ ނޫރާ! " އެހެން ބުނެވުނު އިރު އަހަންނަށް ރޮވިއްޖެއެވެ.
" ހުސެން ރުޅި އައިސް ހުރި ވާހަކައެއްނު ތައިބާ މަ ކައިރި ބުނީ. އޭނަ އެ ވީ ބޭޒާރާއި ބަދުނާމުގެ ސަބަބުން ވެސް އޭނަ އަދިވެސް ނަފްރަތު ކުރާނީހެން ހީވަނީ. " ނޫރާ އެހެން ބުނުމުން އަހަންނަށް އެކަމާ އެއްބަހެއް ނުވެވުނެވެ.
" ނަފްރަތެއް ނުކުރާނެ. ހުސެން އަހަރެންދެކެ ދުވަހަކު ވެސް ރުޅިއެއް ނާންނާނެ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެކޭ ބުންޏަސް ހުސެން އަހަރެންދެކެ ރުޅި އެއް ނާންނާނެ.އެ ޔަގީންކަން އަަހަންނަށް އޮވޭ އަބަދުވެސް. " ޖަޒްބާތުގައި ޖެހުނު ވަރުން އެހެން ބުނެވުނު އިރު ވެސް އަހަރެންގެ ލޮލުން ކަރުނަ ހިލެއެވެ.
ނޫރާ ހުރީ ބަސް ހުއްޓިފައި އަހަރެންގެ މޫނަށް ބަލާށެވެ.
" އަހަރެން ހުސެންދެކެ ވާ ލޯބި އޭނައަށް އިހްސާސް ކުރެވޭނެ. " އަހަރެން ބުނީމެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!