" އަހަރެން ހުސެންދެކެ ވާ ލޯބި އޭނައަށް އިހްސާސް ކުރެވޭނެ. " އަހަރެން ބުނީމެވެ.

" ތިހާ ދެރަވެފަ ވާހަކަ ދައްކާތީ މަ ވެސް ދެރަވެއްޖެ. ޕްލީޒް! ދެން މޫޑު ޗޭންޖްކޮއްލަބަ." ނޫރާ ބުންޏެވެ.

Ad
rt

ނޫރާ އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ހިނިތުންވެލީމެވެ.

" އޯކޭ ވާނެ އިރުކޮޅަކުން. އަސްލު ހުސެންގެ ވާހަކަ ދެއްކީމަ ވަރަށް ދެރަވޭ މިހާރު. މިހާ ގިނަ ދުވަސް ވަންދެން ހުސެންއާ ވާހަކަ ނުދައްކާ، ނުފެނި މިހެން އުޅެން ޖެހުނަސް އަހަރެން އޭނަ މަތިން ހަނދާން ނުނެތޭ. އޭރު އެ އެޓޭޗް ވީ ގޮތަށް އަދިވެސް އަހަރެންގެ ހިތް ހުސެންއާ ވަތްކެއް ނުވެ. އެހެންވެ މިހާ އިމޯޝަނަލް ވެވެނީ." ދުރަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނެލީމެވެ.

ސައިކަލްގެ ހަރު ޖައްސާލުމަށްފަހު ނޫރާ ސައިކަލުން ފޭބިއެވެ. އޭރު ވެސް އަހަރެން ނުތެދުވަމެވެ. އޭނާ އައިސް އަހަރެންގެ ކައިރީ ހުއްޓި ދެ އަތް އުރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަޅޭ. ހާދަ ބޮޑު ވޭނެކޭ ތިއީ. ތައިބާ! އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟" ނޫރާގެ ރާގުގައި ހުރި ސީރިއަސްކަމުން އަހަރެން ހުރީ ނޫރާ ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން ކެތްމަދުވެފައެވެ. އާނއެކޭ ބުނާ ފަދަ ގޮތަކަށް އަހަރެން ނޫރާއަށް ބަލައިލީމެވެ.

" ހުސެންގެ މިހާރުގެ ހާލަތަކީ ކޮބައިހެން ތައިބާއަށް ހީވަނީ؟" ނޫރާ އެހިއެވެ.

އެއާއެކު އަހަންނަށް އަނެއްކާ ވެސް ބަލައިލެވުނީ ދުރަށެވެ. ހަގީގަތުގައި އެކަމާ މެދު އަހަރެން ނުވެސް ވިސްނަމެވެ. އަހަރެން ވިސްނީ ހަމައެކަނި ހުސެންއާ ބައްދަލްވާނެ ގޮތަކާމެދެވެ.

" ނޭނގުނުތަ ބުނާނެ އެއްޗެއް؟" ނޫރާގެ އަޑަށް އަހަންނަށް ބަލައިލެވުނެވެ.

" އަހަރެން ވާހަކައެއް ބުނަންތަ؟ ދެރަ ނުވައްޗޭ." ނޫރާ ބުންޏެވެ.

އަހަރެން ބޯ ޖަހާލީމެވެ.

" އަހަރެން ވަރަށް ދެރަވޭ އަސްލު ހުސެންއާމެދު ތައިބާ ތިހާ ފޮނި އުއްމީދުތަކެއް ކުރާތީވެ. އެކަމަކު ކަންކަން ވެދާނެ ގޮތާމެދު އަހަރެންގެ ހިތަށް އަރާ ފައިބަނީ ވަރަށް ބިރުވެރި ވާހަކަތަކެއް. " ނޫރާ ބުންޏެވެ.

އޭނާގެ ވާހަކަތަކާމެދު ހައިރާންވެފައި އަހަރެން އިނީމެވެ.

" ހިތަށް އަރަނީ ހުސެން ބަންދު ކުރީމަ އޭނަ ވައިފް ވެސް އޭނައާ މީޓް ކުރަން ދާނެޔޭ. ދެން ހުސެން ތެދަށް ހުރިހާ އެއްޗެއް ކިޔައިވެސް ދޭނެޔޭ. މަޢާފަށް ވެސް އެދޭނެޔޭ. ދެން ފަހަރެއްގައި ހަމަ ހުސެންގެ އަންހެނުން އޭނައަށް މަޢާފް ވެސް ކޮއްފާނެއެއްނު. ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ވެސް ކޮއްފާނެއެއްނު. މިއަދު ހުސެން ސަލާމަތްވީމަ އެ އާއިލާ ވަރަށް އުފަލުގައި ވެސް އުޅެދާނެ. އަހަރެން ބޭނުމެއް ނޫން ތައިބާގެ ސަބަބުން އެ އާއިލާ ރޫޅޭކަށް. ވެދާނެ ކުރަން ތި އުޅެނީ މޮޔަ ކަމެއްކަމަށް ވެސް. " ނޫރާ އަހަރެންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުންޏެވެ.

" ވެދާނެ ނޫރާ ތި ބުނީ ތެދެއް ކަމަށް ވެސް. އެކަމަކު... އަހަރެން ބޭނުންވަނީ ހުސެންގެ ކިބައިން އެންމެ ދެ ތިން މިނެޓޭ. އަހަރެންގެ ކުށެއް ނެތް ކަން ބުނެދޭން ބޭނުމީ. " އަހަރެން ބުނީމެވެ.

" އިރާދަކުރެއްވިއްޔާ ތި ދުވަސް ވަރަށް ފެންނާނެ. ހިނގާ ގެއަށް ވަންނަން. މާދަމާ އަދި ޒިޔާދު އާ ވެސް ދިމާވާނެ އެއްނު. އެކަމާ ވިސްނަބަލަ. އޭނައާ ދައްކާނެ ވާހަކަތަކާމެދު ވިސްނަބަލަ." ނޫރާ އެހެން ބުނެ ގެއަށް ވަންނަން މިސްރާބު ޖެހިއެވެ. އަހަރެން ވެސް ސައިކަލުން ފައިބައިގެން ނޫރާގެ ފަހަތުން ހިނގައިގަތީމެވެ.

" ކޮން ވާހަކައެއް ދައްކާނީ؟ އަހަރެން ފެންނައިރަށް އޭނަ ހަޅޭއްފަޅޭއް ޖަހާނެ ކަންނޭނގެ." އަހަރެން ބުނީމެވެ.

" ހެވޭ! ދާން ވާނެ." ނޫރާ ބުންޏެވެ.

ޖެހިގެން އައި ދުވަހެވެ. ޒިޔާދުއާ ބައްދަލް ކުރަން އޮތް ވަގުތު ކުޑަތަން ވަމުން ދާ ވަރަކަށް އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވަމުން ދެއެވެ. އަހަރެންގެ ކައިރީގައި ނޫރާ އިނީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ.

" ހާދަ ވަރަކަށް ތި ބިރު ގަންނަނީ؟ ދެ އަތް ވެސް ފިނިވެފައެއްނު." ނޫރާ ބުންޏެވެ.

" އޭނައަށް ފިލައިގެން އުޅުނީމަ ވަރަށް ރުޅި އައިސްފަ ކަންނޭނގެ ހުންނާނީ. އެހެންވެ، " އަހަރެން ބުނީމެވެ.

" އޭނައަކަށް އެއްކަމެއް ވެސް ނުކުރެވޭނެ. " ނޫރާ އަހަރެންގެ އަތަށް ފިތާލިއެވެ.

އެ ވަގުތު ކޮޓަރިއަކުން ނިކުތް ފުލުހަކު އަހަރެންގެ ނަމުން ގޮވާލި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ.

" އޯކޭ ވާނެ. ގަބޫލުކޮއްބަ." ނޫރާ ބުންޏެވެ.

ބިރުން އިނދެ އަހަރެން ތެދުވެގެން ފުލުސް މީހާގެ ފަހަތުން ހިނގައިގަތީމެވެ. އޭރު އަހަރެންގެ މުޅި ހަށިގަނޑު ވެސް ހީވަނީ ތުރުތުރުލާ ހެންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއެއްގެ ދޮރުމަތީގައި އަހަރެން ހުއްޓުނީމެވެ.

" ވަންނަވާ އެތެރެއަށް." އޭނާގެ އަޑަށް އަނެއްކާ ވެސް އަހަރެން ސިހުނެވެ. އިރުކޮޅަކު އޭނާގެ މޫނަށް ބަލަން ހުރުމަށްފަހު އަހަރެން އެތެރެއަށް ވަނީ ނުހަނު މަޑުމަޑުންނެވެ. އެތެރެއަށް ވަނުމާއެކު އަހަންނަށް އެންމެ ފުރަތަމަ ވެސް ފެނުނީ ޒިޔާދެވެ. އޭރު ޒިޔާދު ވެސް އިނީ ސީދާ އަހަންނަށް ބަލަހައްޓައިގެންނެވެ. މޭޒެއްގެ ކައިރީ އޭނާ އިން އިރު ދެ އަތުގައި ވެސް ހުރީ ބިޑި އަޅުވާފައެވެ. އޭނާގެ ކައިރީގައި އޭރު ވެސް ޖަލު ބަލަހައްޓާ ދެ އޮފިސަރުން ތިއްބެވެ. އަހަރެން ވަނުމާއެކު އެ މީހުން ނިކުމެގެން ދިޔައެވެ.

" ފަނަރަ މިނިޓް ލިބޭނެ. " އަހަންނާއެކު އެތެރެއަށް ވަތް ފުލުސް މީހާ އޭރު ވެސް ހުރީ އަހަންނާ އެއް ހަމައެއްގައެވެ.

" ދެ މީހުން ވަކިން ވާހަކަ ދައްކާލެވިދާނެތަ؟" ޒިޔާދު އެހެން ބުނުމާއެކު އަހަންނަށް ފުލުސްމީހާގެ މޫނަށް ބަލައިލެވުނެވެ.

" މި ފަަރާތުން އެދިލައްވާފައި އޮތީ ރައްކާތެރިކަން ބޭނުން ކަމަށް. އެހެންވެ އަޅުގަނޑަކަށް ނެތް މި ބޭފުޅާ އެކަނި ދޫކޮއްލެވޭކަށް." އޭނާ ބުންޏެވެ.

ޒިޔާދު އަހަރެންގެ މޫނަށް ބަލައިލުމާއެކު އަހަރެން އިސްޖަހާލީމެވެ. އޭނާއާ ހަތަރުކަޅި ހަމަކުރަން ވެސް އަހަރެން ބޭނުމެއް ނުވެއެވެ.

" މިހާރުން ފެށިގެން ތައިބާއަކީ އަހަރެންގެ އަނތްބެއް ނޫން. " ޒިޔާދުގެ ޖުމްލައިން އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ސިހިފައެވެ. އަހަރެން ޒިޔާދު ކައިރިއަށް އައީ އެ އުއްމީދަކު ނޫނެވެ. އެހާ ފަސޭހައިން ޒިޔާދު އަހަރެން ދޫކޮއްފާނެ ކަމަކަށް ހިއެއް ނުކުރަމެވެ. އެއާ ޚިލާފަށް އަހަރެން ހީކުރީ ޒިޔާދު ކުރާނީ ޝަކުވާ ކަމަށެވެ. އަދި އޭނާ ކުރި ކުށުގެ ބަދަލުގައި އަހަރެންގެ ކުށް ދައްކަން އުޅޭނެ ކަމަށެވެ. ހައިރާންވެފައި ޒިޔާދުގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ އޭނާއެވެ.

" ދެން ފުލުހުން މެދުވެރިކޮށް ކޯޓަށް މައްސަލަ ލާނަން. އަހަރެން ނެތަސް ލިލީ ރަނގަޅަށް ބަލައްޗޭ. ދެން މިނިވަން ވެވޭނެ ހެންނެއް ހިއެއް ނުވެ. މަރުވާނީ ވެސް ޖަލުގައި އޮވެ ކަންނޭނގެ. މިހާރު ވެސް ލޯ މަރާލިޔަސް އަހަންނަށް ފެންނަނީ ލިލީއާ ތައިބާ." ޒިޔާދު އެހެން ބުނި އިރު އޭނާގެ ދެ ލޮލުން ފެންތައް ފައިބައިގެންތަން އަހަރެން ދުށީމެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަން މީގެ ކުރިން އަހަރެން ދުވަހަކު ވެސް ނުދެކެމެވެ.

އެ މަންޒަރު ނުބަލަން ވެގެން އަހަރެން ވަގުތުން ޒިޔާދުއަށް ފުރަގަަސް ދިނީމެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ފުލުސްމީހާއާ ދިމާލަށް ވަގުވަގަށް ބަލައިލުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.

" އަހަރެން މަތިން ދެން ހަނދާން ނުކުރޭ. ޒިޔާއަކީ އަހަރެން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ގޯސް، ވިޔާނުދާ މީހެއް. ހަބަރުތައް ފެނުނީމަ އަހަރެން ލަދުވެސް ގަތް ތިއީ މަގޭ ދަރިފުޅުގެ ބައްޕައޭ ބުނަން ޖެހޭތީ. ޒިޔާދަށް އެނގޭތަ ޒިޔާދު ހައްޔަރު ކުރީ ކޮން ހާލެއްގައި ހުއްޓަކަން. އަހަރެން ހަނދާން ކޮއްދެންތަ؟ މަސްތުގެ ހާލުގައި އަންހެނުން ތަކަކާއެކު ބަރަހަނާވެ ތިއްބާ. އެހެންވީމަ، މިއަދު އަހަންނަށް ތި ދިނީ ވަރަށް އަގުހުރި ހަދިޔާއެއް. ތޭންކްޔޫ ސޯ މަޗް." ޒިޔާދާ ދިމާލަށް އެނބުރިލަމުން އަހަރެން ބުނީމެވެ. އަދި އެންމެ ސިކުންތަކު ވެސް މަޑުނުކޮށް އަހަރެން އެ ތަނުން ނިކުންނަން ދުއްވައިގަތީމެވެ.

އޭރު ނޫރާ އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމާއެކު އޭނާ ވެސް އަހަންނާ ދިމާލަށް އަތުވެއްޖެއެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ވެސް އަހަންނަކަށް ނޭނގުނެވެ.

" ހާދަ އަވަހަކަށް ތި އައީ؟" އަހަންނަށް ވުރެ ކުރިން ނޫރާ ވާހަކަ ދެއްކިއެވެ. އެ ތަނުގައި މަޑުކުރުމެއްނެތި ނޫރާގެ އަތުގައި ހިފައިގެން ބާރުބާރަށް އަހަރެން ހިނގައިގަތީމެވެ.

" އޭ! ކިހިނެއްވީތަ؟" ނޫރާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އަހަރެން ކުރިއަށް ހިނގަމުން ދިޔައީމެވެ.

" އޭނަ އަހަރެން ވަރިކޮއްފި." މަގުމައްޗަށް ނިކުމެވުމާއެކު ނޫރާގެ އަތަުން ދޫކޮއްލުމަށްފަހު އަހަރެން ބުނީމެވެ.

އެއާއެކު ނޫރާގެ މޫނުމަތިން ވެސް އަހަންނަށް ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ.

" އޭނ؟ ވަރި... ވަރިއޭ؟ ދެން އެހެންވެ ތި އައީ؟" ނޫރާ އެހިއެވެ.

" އޭނައަށް ވެސް އެނގޭ އުމުރު ދުވަހު ދެން ޖަލުގައިކަން އިންނަން ޖެހޭނީ. " އަހަރެން ބުނީމެވެ.

" ނަސީބެއްނު. " ނޫރާ ބުންޏެވެ.

" އާނ! އަހަރެން މި އައީ ތެންކްޔޫއޭ ވެސް ބުނެފައި. ދެން އިތުރަށް މަޑުނުކުރަން ވެގެން ނިކުތީ. އަހަރެން މިހާރު ޒިޔާދުދެކެ ކުރިއަށް ވުރެން ވެސް މާ ފޫހިވޭ. " އަހަރެން ބުނީމެވެ.

" އޭނަ ދެކެ ފޫހި ނުވާވަރެއް ނޫނެއްނު. މަ ބުނީ ހިނގާ ދާން ދެން ކޮފީއަކަށް. " ނޫރާ އެހެން ބުނެ ސައިކަލްއާ ދިމާލަށް ހިނގައިގަތުމުން އަހަރެން ވެސް އޭނާއާއެކު ދިޔައީމެވެ.

" ދެން... އަހަރެން ހަމަ ރަށަށް ދާންވީތަ؟" ސައިކަލަށް އަރަމުން އަަހަރެން އެހީމެވެ.

" ލިލީގެ ސްކޫލް ކަޓުވާލާފައި ހުންނާނެ ކަމެއް ނެތް ކަންނޭނގެ. އެހެން ނޫނަސް ހުސެން މާލޭގައި އުޅޭ ކަމެއް ވެސް ނޭނގެއެއްނު." ނޫރާ ބުނެލިއެވެ.

" އާނ އެހެންވެ އަހަރެން ވެސް ކަންބޮޑުވަނީ. އުޅޭތަނެއް ނޭނގޭތީ. ހޯދޭނެ ގޮތެއް ވެސް ނެތީމަ. އޭނަ ކުރިން ގެންގުޅުނު ނަންބަރަށް ވެސް އަހަރެން ގުޅައިފިން. ހިދުމަތް ކަނޑާފަ އޮތީ އަދިވެސް. " މާޔޫސްވެފައި އަހަރެން ބުނީމެވެ.

" ތިހެން އުޅެން ޖެހިދާނެ ކިތަންމެ ދުވަހެއް ވަންދެން ވެސް. " ނޫރާ ބުންޏެވެ.

އަހަރެން ވިސްނާލީމެވެ. އޭނާ އެ ބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ހުސެން މާލޭގައި އުޅޭކަމެއް ވެސް ނޭނގެއެވެ. ވީ އިރު މިހެން ކިތަންމެ ދުވަހެއް ވަންދެން ވެސް ހުންނަން ޖެހިދާނެއެވެ. ބައެއް ފަހަރު ކިތަންމެ ހިތް އެދުނަސް، ނުވާނެ ކަންކަން ހުންނާނެކަން އަހަރެން ގަބޫލު ކުރަމެވެ. ތިމާ ބޭނުންވާ ގޮތަށް ކޮންމެ ކަމެއް ވާކަށް ވެސް ނުޖެހޭނެއެވެ. ބައެއް ފަހަރު ނުވާ ކަންކަމަށް ރުހެން ޖެހެއެވެ. ހިތްތިރިކޮށް، އަމިއްލަ ނަފްސާމެދު ވިސްނަން ވެސް ޖެހެއެވެ. ކެތްތެރިވާން ވެސް ޖެހެއެވެ. ދިރިއުޅުމަކީ އިމްތިހާނެއްކަން ގަބޫލު ކުރަން ވެސް ޖެހެއެވެ.

އެރޭ ނިދަން އޮތް އިރު ވެސް އަހަންނަށް ވިސްނެނީއެވެ. ހުސެން ދެކިލުމުގެ އުއްމީދުގައި އައި ދަތުރު ކުރުކޮއްލަން މި ޖެހުނީ އެ އުއްމީދު ހާސިލް ނުކޮށެވެ. ނަމަވެސް އަހަރެންގެ ޟަމީރު އަހަންނަށް ވިސްނައިދިން ގޮތަށް އަހަރެން ހުރީ ރުހިގެންނެވެ. މީގެ ކުރިން ހަމަޖެހިގެން އެ ރަށުގައި އުޅުނަސް، ދެން އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގެއެވެ. އެ ރަށުގައި ހުންނަ ހިތް ނުވާނެކަން ވެސް އެނގެއެވެ. އިންތިޒާރު ކުރުމަކީ އަހަރެން މިހާރު ނަފްރަތު ކުރާކަމެކެވެ. އިންތިޒާރު އަހަރެން ސިފަކުރަނީ އުފުލަން ބަރު، ވޭންދެނިވި ކަމެއްގެ ގޮތުގައެވެ. އިންތިޒާރުގެ ނިމުން ފޮނިވާނެކަމަށް އަހަރެން މިހާރު އެއްބަހެއް ނުވަމެވެ. ސަބަބަކީ ކަމަކަށް އިންތިޒާރު ކޮއްފިނަމަ އަހަންނަށް އެކަމަކުން ލިބެނީ ހިތްދަތިކަން ކަމަށް ވާތީއެވެ.

ފުރާމީހުންގެ ދޮރާށިން ނިކުމެގެން ގޮސް ކުރިމަތީގައި އޮތް ބަހަށް އަހަރެން އެރީ ލިލީ އުރާލައިގެންނެވެ. އޭރު ލިލީއަށް އޮތީ ވެސް ނިދިފައެވެ. ލިލީ ގޮވައިގެން ހުރުމުން، ގޮނޑިއެއްގައި އިން މީހަކު އަހަންނަށް ޖާގަ ދިނީ ހިނިތުންވަމުންނެވެ. ވަރުބަލިވެފައި ހުރުމުން އަހަރެން ވެސް އިންކާރެއް ނުކުރަމެވެ. އެ ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށްފަހު ބޭރަށް ނަޒަރު ހިންގާލީމެވެ. އެއާއެކު އަހަންނަށް ތެޅިގަނެވުނީ ފުރާމީހުންގެ ދޮރާށިން ނިކުމެގެން ދިޔަ މީހުންތަކެއްގެ ތެރޭގައި ހުރި ހުސެން ފެނިގެންނެވެ. ބިއްލޫރިގަނޑުގައި އަހަރެން އަތް ޖައްސާލަމުން މޫނު ވެސް ކައިރި ކޮއްލީމެވެ. އެއީ ހުސެންކަން އަހަންނަށް ހަމަ ޔަގީނެވެ.

ވަގުތު ބޭކާރު ނުކޮށް، އަހަރެން ތެދުވީމެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ވަގުތު ބަހުގެ ދޮރު ލައްޕާލުމަށްފަހު ބަސް ދުއްވާލައިފިއެވެ. އެއާއެކު، ލިލީއާއެކު ވެއްޓިދާނެތީ އަހަންނަށް މަޖުބޫރުވީ ގޮނޑީގައި އިށީންނާށެވެ. އޭރު ވެސް އަހަރެން މަސައްކަތް ކުރީ ހުސެން ފެނޭތޯއެވެ. ނަމަވެސް ބާރު ދުވެލީގައި ދިޔަ ބަސް އޭނާ ފަހަނަ އަޅާ ގޮއްސިއެވެ.

( ނުނިމޭ )

(ނިމުނީ)