އިސްލާމްދީނުގައި އަންހެނުންނަށް ފުރިހަމަ މިނިވަންކަމާއި ކުރިއަރައި ދިއުމުގެ ޤާބިލިއްޔަތު ލިބިފައިވާއިރު، ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމުގައި އަންހެނުންނަށް ބަލަނީ ހަމައެކަނި މާއްދީ ބޭނުންތަކަށް ބޭނުންކުރާ ވަސީލަތެއްގެގޮތުގައިކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި، ހާމަނާއީ ފާހަގަކުރެއްވީ، މި ޒަމާނުގައި ހުޅަނގުގެ ގިނަ ޤައުމުތަކުން ފެންނަ ގޮތުގައި، އެއް މަސައްކަތެއް ކުރިނަމަވެސް، އަންހެނުންނަށް ފިރިހެނުންނަށްވުރެ މަދު މުސާރައެއް ދެއެވެ. މިކަން ސިފަކުރައްވަމުން ހާމަނާއީ ވިދާޅުވީ މިއީ އެއްވެސް ހާލަތެއްގައި ޤަބޫލުކުރެވޭނެ އަނިޔާވެރިކަމެއް ނޫން ކަމަށެވެ.

Ad
rt

ގޭތެރޭގެ މާހައުލުގައި، އަންހެނާއަށް ދެވޭ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދެވިފައިވާ ޙައްޤުތަކުގެ ތެރޭގައި އަޅާލުމާއި ލޯބި ހިމެނޭކަން ހާމަނާއީ ފާހަގަކުރެއްވިއެވެ. އަދި، އަންހެނުންނަށް "ތިބާދެކެ އަހަރެން ލޯބިވަން" ކަމަށް ބުނުމަށް ފިރިހެނުންނަށް ނަސޭހަތްތެރިވާ ޙަދީޘް ބަސްފުޅެއްވެސް ވާރިދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އާޔަތުﷲ ހާމަނާއީ ވިދާޅުވީ، އިސްލާމްދީން އަންހެނުންނަށް ބަލާ ނަޒަރަކީ ހުޅަނގުގެ ކެޕިޓަލިސްޓް ނިޒާމުގެ ނަޒަރާ މުޅިން ތަފާތު ނަޒަރެއް ކަމަށެވެ. އިސްލާމްދީނުގައި އަންހެނުންނަށް ފުރިހަމަ މިނިވަންކަމާއި، ކުރިއަރައި ދިއުމުގެ ޤާބިލިއްޔަތާއި، ވަކި އަމިއްލަ ސިފައެއް ލިބިގެންވެއެވެ. ނަމަވެސް ހުޅަނގުގައި މިކަންކަމުގެ ހިލަމެއްނުވެއެވެ. އެތަނުގައި އަންހެނުންގެ ޢިއްޒަތާއި ކަރާމަތަށް އިހްތިރާމެއް ނުކުރެވޭއިރު، އަންހެނުންނަކީ ހަމައެކަނި މާއްދީ ބޭނުންތަކަށްޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ދެކޭކަމަށް ހާމަނާއީ ވިދާޅުވެފަވެއެވެ.

ހާމަނާއީ އިތުރަށް ވިދާޅުވީ، ހުޅަނގުގެ ކެޕިޓަލިސްޓް ސަގާފަތުގައި އަންހެނުންނަށް ބަލަނީ ހަމައެކަނި ''ހިތްފުރާލުމުގެ'' ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. މިކަމުގެ ހެއްކަކީ ފަހަކަށް އައިސް އެމެރިކާގައި ހިންގާފައިވާ ކުށުގެ ޖަރީމާތަކުގެ ސަބަބުން މުޅި ޤައުމަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވުންކަމަށް އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

ހުޅަނގުގެ ކެޕިޓަލިސްޓް އާދަކާދަތަކާއި ސަގާފަތުން ހިންގާފައިވާ އެންމެ ބޮޑު އެއް ފާފައަކީ، ޢާއިލާގެ އޮނިގަނޑު ހަލާކުކޮށްލުން ކަމަށް ހާމަނާއީ ވިދާޅުވިއެވެ. އެހެންކަމުން، ގުޅިފައިވާ، އެއްބައިވަންތަ، އަދި ލޯބި އެކުލެވޭ ޢާއިލާއެއްގެ މަފްހޫމެއް އެބައިމީހުންގެ ތެރޭގައި ފަނޑުވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.