ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފްގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މަޚްލޫފް އެ މަގާމަށް ޢައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، އޭނާ އެ މަގާމަށް ޢައްޔަނުކުރުމުގެ މައްސަލަ މިއަދު ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އަށް ފޮނުވާފައެވެ.
މަހްލޫފް ވަނީ 14 ނޮވެމްބަރު 2025 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ބޭއްވި ބޮޑު ޖަލްސާގައި އެ ޕާޓީ އަށް ސޮއިކުރަށްވާފައެވެ.
10 އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ.
މަހްލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރަކު ކުރަށްވާފައެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ބައެއް މަގާމުތައް ވެސް ވަނީ ފުރުއްވާފައެވެ.
މަހްލޫފް މި މަގާމަށް ހަމަޖެއްސުމަށް ނަން ފޮނުވާފައި މި ވަނީ އޭނާ އެމްޑީޕީ ދޫކޮށްލެއްވީ މި މަގާމަށް ވަޑައިގަތުމަށް ކަމަށް އަޑުއަރާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!