ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް، ޖުމްލަގޮތެއްގައި ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.

Ad
rt

މި ބަޖެޓު މިއަދު ކޮމެޓީން ފާސްކޮށްފައިވާއިރު، ބަޖެޓްގެ 49.2 ބިލިޔަން ރުފިޔާއަކީ ޚަރަދެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގެ ބޮޑުބައެއް، ނުވަތަ 9.3 ބިލިޔަން ރުފިޔާ ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައެވެ. މި ޚަރަދު ނެގުމަށްފަހު ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމިޓީ މަރުހަލާގައި މާލީ ވުޒާރާއާއި އެކި އިދާރާތަކާ މަޝްވަރާކޮށް، ޖުމްލަ ބަޖެޓަށް ބޮޑު ބަދަލެއް ނާންނަ ގޮތަށް ބައެއް އިސްލާހުތައް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓަށް 3.5 މިލިޔަން ރުފިޔާ އިތުރުކުރުމާއި، ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އަވަހަށް އެޅުމަށް އެންގުން ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ދަތިވެއްޖެނަމަ ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ.

މި ބަޖެޓު ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ ރިޕޯޓް ދެން ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށް ބަހުސްކުރުމަށް، ކޮންމެ މެންބަރަކަށް 7 މިނެޓު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިސަރުކާރުން އަމާޒު ހިފާފައި ވަނީ، ސަޕްލިމެންޓްރީ ބަޖެޓް ހުށަނާޅައި، މަޖިލީހުން ފާސްކުރާ ބަޖެޓުން ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން މެނޭޖުކުރުމަށް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.