ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ބައިނަލްއަގްވާމީ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކުގެ ދެފުއްފެނުން ބަލާ ޖަމްޢިއްޔާއެއް ކަމުގައިވާ، ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ) އިން ދެމުން އަންނަ "އިންޓެގްރިޓީ އެވޯރޑް" އެވެ.
އިންޓެގްރިޓީ އެވޯރޑް ރާއްޖެއަށް ހަވާލުކުރެވުނީ ސްވިޒަލޭންޑްގެ ޖެނީވާގައި މި މަހުގެ 17 އިން 22 އަށް ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ، ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ) ގެ ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް) ގެ 11 ވަނަ ސެޝަންގެ ތެރެއިންނެވެ. ދިވެހިރާއްޖެއަކީ އެފް.ސީ.ޓީ.ސީ ގެ މެންބަރު ޤައުމެއްކަމުން، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންއެއް ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ޝަރަފުވެރި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދުއެވެ.
ޖީ.ޖީ.ޓީ.ސީ އަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ މުހިންމު ބައިނަލްއަގްވާމީ ޖަމްޢިއްޔާއެކެވެ. ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެންމެ ބޮޑަށް ރިޢާޔަތްކުރެވުނު އެއް ކަމަކީ، އެ ޖަމްޢިއްޔާއިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޝާޢިޢުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ މަތީ ސްކޯރެވެ. މި އިންޑެކްސް އިން ދައްކައިދެނީ، ރާއްޖޭގެ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަކީ ދެފުއްފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާސަތުތަކެއްކަމެވެ.
ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު މީގެ ކުރިން ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.
ރާއްޖޭގެ ޖީލު ދުންފަތުން ސަލާމަތްކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައ 1 ނޮވެމްބަރު 2025 އިން ފެށިގެން ވަނީ ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައެވެ.
''ޖެނެރޭޝަން ބޭން'' އަކީ ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ.
މިގޮތުން ބަލާއިރު، ޖެނެރޭޝަނަލް ބޭން ހިމަނައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މޭ މަހު ގެނައި އިސްލާޙަށް ވަނީ 1 ނޮވެމްބަރު 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. އެއީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ އިސްލާޙެވެ.
ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މުޅިން މަނާވާނެ އެވެ. އަދި އެ ބަދަލާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ.
މި އިސްލާހާއެކު ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ބައިވެރިކޮށްގެން ނުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!