ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ޒޯން 4 ގެ ތ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ވޭމަންޑޫގަައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ (އާރުޓީއެލް) މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ.
މިއަދު މި ޚިދުމަތްފެށި ތ. އަތޮޅު ހިމެނެނީ ޒޯން 4ގައެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4ގައި ޚިދުމަތް ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.
ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދޭނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!