ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ ބޯޓުފަހަރަކަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދިނުމާއި ގުޅިގެން، އެ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ މަނަވަރެއް ފޮނުވައިފިއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ރޭގަނޑެއްގެ ވަގުތެއްގައެވެ.

Ad
rt

"ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށްވުރެ ގިނަ އާންމު ބޯޓު ހިމެނެއެވެ. މި ބޯޓުފަހަރުގެ މަޤްޞަދަކީ އިސްރާއީލުން ޣައްޒާ ސަރަޙައްދު ވަށައިގެން ކަނޑުމަގުން ހިންގަމުންދާ ބްލޮކޭޑް ނައްތާލުމެވެ. ބޯޓުފަހަރުގައި ވަކީލުންނާއި އެކްޓިވިސްޓުންގެ އިތުރުން، ސްވިޑަންގެ ތިމާވެށީގެ ކެމްޕޭނަރ ގްރޭޓާ ތުންބާގް ވެސް ހިމެނެއެވެ.

"މާޗް ޓު ޣައްޒާ ގްރީސް" ގެ ތަރުޖަމާނު މާރިކައިޓި ސްޓަސިނޯ ވިދާޅުވި ގޮތުގައި، ގްރީސްގެ ގަވްޑޮސް ރަށުން 30 ނޯޓިކަލް މޭލު (56 ކިލޯމީޓަރު) ދުރުގައި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި މި ބޯޓުތަކަށް 12 ޑްރޯން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި ޑްރޯންތައް ބޯޓުތަކުގެ މަތީގައި ގޮވާފައިވީ ނަމަވެސް، ހުރިހާ ފަސިންޖަރުންވެސް ސަލާމަތްވެފައިވާކަމަށް ''ރޮއިޓާސް''އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެހީ ހިފައިގެންދާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް ތަކުރާރުކޮށް އިސްރާއީލުން ހަމަލާދެނީ

ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ) އިން ބުނި ގޮތުގައި، މި ހަމަލާގެ އަސަރު 11 ބޯޓަށް ކޮށްފައިވާ އިރު، "ގޮވުންތަކާއި، ނޭނގޭ ޑްރޯންތަކާއި، ކޮމިއުނިކޭޝަން ޖޭމްކުރުމަށް" އިސްރާއީލާއި އެޤައުމުގެ އެކުވެރިންނަށް ތުހުމަތުކޮށްފައިވެއެވެ. މިކަމަށް ބިރުދެއްކުމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ދަތުރު ކުރިއަށް ގެންދާނެ ކަމަށްވެސް ޖީ.އެސް.އެފް އިން ބުނެފައިވެއެވެ.

އިޓަލީގެ ނޭވީ މަނަވަރެއް ފޮނުވުން

އިޓަލީގެ ދިފާޢީ ވަޒީރު ގީޑޯ ކްރޮސެޓޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކަނޑު މަގުން ދަތުރުކުރަމުންދިޔަ މި ބޯޓުފަހަރަށް ގޮތް ނޭނގޭ ފަރާތަކުން (އިސްރާއީލުން) ހަމަލާ ދީފައިވާ ކަމަށެވެ. އޭނާ ވަނީ މިކަން އެންމެ ހަރުކަށި ބަހުން ކުށްވެރިކުރައްވާފަވެއެވެ. އަދި އެ އުޅަނދުތަކަށް އެހީވުމަށް ނޭވީގެ މަނަވަރެއް ދިޔުމަށް އަމުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ އިޓަލީގެ ރައްޔިތުންނަށް އިސްކަންދީގެން ކަމަށްވާނަމަ، ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި" އޭނާ ވިދާޅުވެފަވެއެވެ.

ޖީ.އެސް.އެފް އިން އެހެން ޤައުމުތަކަށް ގޮވާލާފައިވަނީ އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކަނޑުމަގުން ބޯޓުތަކަށް އެހީތެރިވުމާއި، ދޮގު މައުލޫމާތު ދިނުމުން ދުރުހެލިވުމަށާއި، ދިފާއީ ގޮތުން ފާޅުކަން ބޮޑު ސަރުކާރުގެ ބައިވެރިވުމެއް ހޯދުމަށެވެ. އިޓަލީން މިހާރު ވަނީ މިކަމުގައި ފުރަތަމަ ފިޔަވަޅެއް އަޅާފައެވެ.

އިސްރާއީލުން މި ބޯޓުފަހަރަށް ތަކުރާރުކޮށް ފާޑުކިޔާފައިވާ އިރު، މި ހަރަކާތްތެރިންނަކީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ގުޅިގެން މަސައްކަތް ކުރާ ބަޔެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ބުދަ ދުވަހު، އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ވަނީ ބޯޓުފަހަރަށް ދެވަނަ ފަހަރަށް ދައުވަތު ދީފައިވަނީ އެހީގެ ސާމާނު އިސްރާއީލުގެ ބަނދަރަކަށް ބާލާށެވެ. އެގޮތަށް ކަންތައްކޮށްފިނަމަ އެހީތެރިކަމުގެ ސާމާނު ޣައްޒާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ކުރާނެ ކަމަށާއި، އެހެންނަމަ ބޮޑެތި ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

"ދިގުދެމިގެންދާ ހަނގުރާމައިގެ ސަރަޙައްދަކަށް ބޯޓުތައް ވަނުމަށް އިސްރާއީލުން ހުއްދައެއް ނުދޭނެ. އަދި ޤާނޫނީ ކަނޑު ބްލޮކޭޑަށް އެއްވެސް އިދިކޮޅެއް އުފެއްދުމުގެ ހުއްދައެއް ނުދޭނެ،" އިސްރާއީލުގެ ބަޔާނުގައިވެއެވެ.