ދުވާލަކު 41،000 މީހުން: އުފެއްދުންތެރިކަމުގެ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯއަށް މިހާތަނަށް ޒިޔާރަތްކުރި މީހުންގެ ޖުމްލަ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި މަޢުރަޒާއި އެކްސްޕޯއަށް މިހާތަނަށް ޖުމްލަ 205،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ދުވާލަކަށް 41،000 މީހުންގެ ނިސްބަތެކެވެ.
ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މި މަޢުރަޒާއި އެކްސްޕޯ އަލުން ބާއްވަން ފަށާފައިވަނީ ވިލުންތެރި ވިސްނުންތަކާ އެކު ވަރަށް ފުޅާ ދާއިރާއެއްގައެވެ. އަދި އަހަރުން އަހަރަށް މި ހަރަކާތް ކުރިއަށްގެންދާ ގޮތް ވެސް ތަރައްޤީ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މި މަޢުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، މި ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި އިންތިޒާމުކުރި ހަރަކާތެކެވެ. މި މަޢުރަޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޢުރަޒު ކުރިއަށްގެންދަނީ ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމަނައިގެންނެވެ. އެގޮތުން 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ، 4،400 އަށް ވުރެ ގިނަ އުފެއްދުން ވަނީ މި މަޢުރަޒުގައި ބައިވެރިކޮށްފައެވެ.
އޮކްޓޯބަރު 25 ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މި މަޢުރަޒު ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަޢުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!