ކުރިއަށް އޮތް 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ގޮތުގައި ކަނޑައަޅައި، އެ އަހަރު ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކާއެކު ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިކަން މިފަދިން ވިދާޅުވީ ވަޒީރު 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ.

Ad
d

ވަޒީރުގެ ވާހަކާގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލީގެ މައި ހަކަތައަކީ ފަތުރުވެރިކަމުގެ ސިނާއަތްކަން ވަނީ ފާހަގަކުރައްވާފައެވެ. މިގިތން ވަޒީރު ވިދާޅުވިގޮތުގައި ކުރިއަށް އޮތް އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރަށް ވަރުގަދަކޮށް، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް މަޤްޞަދު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިންގެ އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު އާންމު އުޞޫލުން ރާއްޖެއަށް ގާތްގަނޑަކަށް 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް 'ވިޒިޓް މޯލްޑިވްސް އަހަރު' ގެ ޚާއްޞަ ހަރަކާތްތަކުގެ ސަބަބުން އިތުރު ދެ ލައްކަ ފަތުރުވެރިން ގެނެވި، 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ވަނީ ރޭވިފައެވެ.

މި އަމާޒު ކާމިޔާބުކުރެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އޮފް-ޕީކް ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށާއި، ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ޢަދަދު އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

Ad
df

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ މުޅި ޖުމްލަ 59,704,440,795 ރުފިޔާގެ ބަޖެޓެކެވެ.