ކުރީގެ އަދަދާއި ގުޅޭ:

ފޯނު މޭމަތީގައި ބާއްވައިގެން އޮވެ، ބޮލުގެ އިސްތަށިތަކާ ކުޅެމުން ގޮސް އަހަންނަށް ލޯ މެރެން ފެށިއެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރޭގައި ހުސެންގެ ސޫރަ އަހަރެން ފޮރުވީމެވެ. އަހަރެންގެ ހިތުގެ ހަމަހިމޭން ދުނިޔޭގައި ހުސެން މުޅި އުމުރަށް ބަހައްޓާނަމޭ ވެސް ހިތަށް އެރިއެވެ. އޭރު ބާރުބާރަށް ހިތް ތެޅެމުންދެއެވެ. ހިތުގެ ތެޅުމުގެ ތެރޭގައި އޭނާގެ ވާހަކަތައް އަހަރެން ރައްކާކުރީމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެން އިންތިހާއަށް ބިރުގެންފިއެވެ. ހިތުން އެ ވާހަކަތައް ފުންމާލަފާނެބާވައެވެ؟ އެހެން މީހުންނަށް އަހަރެންގެ ހިތުގެ އަޑު ފަޅާ އަރާފާނެބާވައެވެ؟ ހިތުގައި ސިއްރު މި ކުރި އުފާވެރިކަން ދުނިޔެއަށް ހާމައެއް ނުވާނެ ހެއްޔެވެ؟ ހިތުގައި މި ފޮޅުނު މާތަކުގެ ކުލަތައް މީހުންނަކަށް ނުފެންނާނެ ބާވައެވެ؟

Ad
rt

ޖެހިގެން އައި ދުވަސް ފަށަން ޖެހުނީ ވެސް ވަރުބަލިކަމުގައެވެ. ކުރަން ހުރި މަސައްކަތް ގިނަ ކަމުން، ބޮލަށް އުނދަގޫވާ ގޮތްވީއެވެ. މިހާ ބޮޑު މަސައްކަތެއް އެކަނި ނުވާނެޔޭ ހިތަށް އެރުމާއެކު އަހަރެން މާޔޫސް ވެއްޖެއެވެ. ލިލީ އުރާލައިގެން ގޮސް އެނދުގައި އިށީނުމާއެކު ޒިޔާދު ގުޅައިފިއެވެ.

" ކޮބާ ކުރިއަށް ކަނޑާތަ؟" ޒިޔާދު އެހިއެވެ.

އަހަންނަށް ބަލައިލެވުނީ ލިލީގެ މޫނަށެވެ. އޭރު ލިލީ ވެސް އިނީ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ. ކައިރީގައި ލިލީ ބައިންދައިގެން ޒިޔާދުއާ ވާހަކަ ދައްކަން އަހަންނަށް އުނދަގޫވިއެވެ. އެހެންވެ، އަތުގެ އިޝާރާތުން އެބަ އަންނަމޭ ބުނެ އަހަރެން ސިޓިންރޫމަށް ނިކުތީމެވެ.

" އެކަންޏަކު ނުވާނެ މިކަމެއް ޒިޔާ. " އަހަރެން ބުނީމެވެ. އާދޭހުގެ ރާގުގައެވެ.

" ދެން؟ އަހަރެން ކެނޑިގެން ދާންވީތަ އެއްޗެހި ބަންދުކުރަން؟" ހިތްހަމަ ނުޖެހޭ ރާގަކަށް ޒިޔާދު ބުންޏެވެ.

އެކަހަލަ އެއްޗެއް އޭނާ ބުނެފާނެކަން ކުރިން ވެސް އަހަންނަށް އެނގެއެވެ. ޒިޔާދަކީ ގޭތެރޭގެ މަސައްކަތްތަކާމެދު ވިސްނާ މީހެއް ނޫނެވެ. ކޮންމެ ހާލެއްގައި ވެސް ގެދޮރު މަސައްކަތް ކުރަންޖެހޭނީ ހަމަ އަހަންނެވެ.

" ތިހެންނެއް ނޫނޭ މި ބުނީ. އެކަމަކު ކޮންމެވެސް ގޮތެއް ހަދައިދީބަލަ. ޒިޔާ ރައްޓެއްސެއް ލައްވާ ފޮށިގަނޑު ހޯދައިދީބަލަ." އަހަރެން އެދުނީމެވެ.

" ހޫމް. އެބަ ބަލަން. އެހާ ބޮޑު ކަމަކަށް ދެން ނަހަދާ އަވަހަށް ތިކަން ނިންމާލަބަލަ. އިރު އޮއްސޭ އިރަށް އެއްޗެހިތައް ބަލައިދާނެ މީހުން. އެހެންވެ އޭގެ ކުރިން ޕެކިން ހަދާލާ. އަދި ބުނަންތަ؟ މާ ގިނަ އެއްޗެހި ގެންދާނެ ކަމެއް ނެތް. ރީތި އެއްޗެހި ގަންނާނީ ފަހުން. ފަސޭހަ ކޮއްލާ." ހާސްކަމެއް ނެތި ޒިޔާދު ބުނެލިއެވެ.

އެ ވަގުތު އަހަންނަށް ބަލައިލެވުނީ ބަދިގެއަށް އަހަރެން ގަނެފައި ހުރި އެއްޗެއްސަށެވެ. އުކާލަން ދޫކޮށްލާފައި އަހަރެން ދާކަށް ބޭނުމެއް ނޫނެވެ. ޒިޔާދު އެހެން ބުންޏަސް އަހަރެން ދާނީ ހުރިހާ އެއްޗެއް ވެސް ހިފައިގެންނެވެ. އިސްރާފު ކުރުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އަހަރެން ފޯނު ބޭއްވީ ވެސް ހިތްހަމަ ނުޖެހި ހުރެއެވެ.

ފޯނު ކަންފަތާ ދުރުކޮށްލަމުން ސްކްރީނަށް ބަލައިލެވުނީ ވެސް ފޫހިކަމާއެކުއެވެ. ނަމަވެސް ހުސެންގެ ސްނެޕް ނޮޓިފިކޭޝަނެއް ލިބުމާއެކު މިލާފައިވާ އަހަރެންގެ މޫނު އަލިވެގެން ދިޔަ ކަހަލައެވެ.

" ރަނގަޅު؟ ލިލީ ކިހިނެއް؟" އޭނާ އެހިއެވެ.

ލިލީގެ ވާހަކަ އޭނާ އަހާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ހުސެންއާ މެދު ހާއްސަ ޤަދަރެއް އުފެދޭ ކަހަލައެވެ. ލިލީގެ ހާލު އަހާލިޔަސް އަހަރެން ވަރަށް އުފާވެއެވެ.

" ރަނގަޅު. ހުސެން ކިހިނެއް؟ ކިޑްސް އޯކޭތަ؟" އަހަރެން އެހީމެވެ.

" ޔަ އޯކޭ. ކީއްކުރަނީ؟ ޕެކިންގަ ދޯ؟" އޭނާ އެހިއެވެ.

" ޔާ. ރޭގަ އައި ބުނީމެއްނު. " އަހަރެން ބުނީމެވެ.
" އޯކޭ. އަވަސްކޮއްލާ. އަނެއްކާ ރޭގަ ގޮތަށް މިހެން ވާހަކަ ދައްކަން ތިބެވިދާނެ އިރު އޮއްސެންދެން ވެސް. " މަޖާ އިމޮޖީއަކާއެކު އޭނާ މެސެޖް ފޮނުވާލިއެވެ.

އަހަންނަށް ވެސް ހެވުނެވެ. ހުސެން އެ ބުނީ ތެދެކެވެ. ހުސެންއާ ވާހަކަ ދައްކަން އަހަންނަށް ހަމަ ކިތަންމެ އިރެއް ވަންދެން ވެސް އިނދެވިދާނެއެވެ. އެނބުރި މަސައްކަތަށް ދިޔައިރު، އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. ހުސެންގެ އެންމެ މެސެޖަކުން ވެސް އަހަރެންގެ އިހްސާސްތަކާއި މޫޑު ބަދަލުކުރުވައެވެ. މިއީ ކޮންފަދަ ބޮޑު ހިތްހަމަޖެހުމެއްބާވައޭ އަހަރެން ހިތަށް އެރިއެވެ. ފެނުނީކީ ނޫނެވެ. ބައްދަލްވީކީ ނޫނެވެ. އަދި ގުޅައިގެން ވާހަކަ ދެއްކުނީކީ ނޫނެވެ. އެކަމަކު ވެސް އަހަރެންގެ ހުރިހާ ހިއްސެއް އޭނާއަށް ކިޔަމަންވާ ކަހަލައެވެ.

އިރު އޮއްސުމާއެކު ފޮށިތައް ބަލައި އަންނަން ބުނި، ޒިޔާދުގެ ރައްޓެހިން އަތުވެއްޖެއެވެ. ލިލީ ގޮވައިގެން އަހަރެން ހުރީ އެ މީހުންގެ އިންތިޒާރުގައެވެ.

" ފަހަރި ނައްޓާލާ ކާރުގަ. އަހަރެމެން ދާނަން ޕިކަޕެއްގަ. " އެކަކު ބުންޏެވެ.

އަހަރެން ހުރީ ވެސް އަވަހަށް ބޭރަށް ނިކުންނަން ބޭނުން ވެފައެވެ. ޕިކަޕަށް އަރުވަން ވީ ސާމާނު ދައްކާފައި އަހަރެން ލިލީ އުރާލައިގެން ނިކުތުމަށްފަހު، ކާރަކަށް އިންތިޒާރު ކުރަން ފެށީމެވެ.

ކާރުގައި އިނދެ ހުސެންއަށް ސްނެޕްކޮއްލުމާއެކު އޭނާ ވަގުތުން ވާހަކަ ދައްކަން ފެށިއެވެ.

" ހޭ! ނިންމާލީތަ؟ ވަރަށް ގަދަ އިނގޭ." އޭނާ ބުންޏެވެ.

އެ މެސެޖަށް ބަލަހައްޓައިގެން އިނދެ އަހަންނަށް ލިލީގެ ގައިގައި ބައްދާލެވުނެވެ. ހުސެންގެ ޖުމްލައިން އަހަރެންގެ ވަރުބަލިކަން ފިލައި، ހިތުގައި ހުރި ޝަކުވާތައް ވެސް ފުހެވިގެން ދިޔަ ކަހަލައެވެ.

" ނިމިއްޖެ. މި ދަނީ މިހާރު އާ ގެއަށް." އަހަރެން ބުނީމެވެ.

" އޯކޭ. ފްރީވީމަ ހަބަރެއް ވައްޗޭ. " އޭނާ ބުންޏެވެ.

އެ މެސެޖަށް ރިޕްލައިއެއް ނުދެވި އުޅެނިކޮށް ޒިޔާދު ގުޅިއެވެ. ފޯނު ނަގާ ހިތް ވެސް ނުވިއެވެ. ނަމަވެސް އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެ، އަހަރެން ޒިޔާދުގެ ފޯނަށް ޖަވާބު ދިނީމެވެ.

" ކޮބާ ދަނީ ދޯ؟ އެއްޗެހިތައް ގެންދިޔައީމަ ދެން މަޑުމަޑުން ކުރާނީ. އަލަމާރިއަށް ހަމަ އަޅާލާކަށްނު ޖެހޭނީ." އޭނާ ބުންޏެވެ.

" ތި ބުނީ އެތަނަށް ފަރނީޗަރ ވެސް ވައްދާފަތަ ހުރީ؟" އަހަރެން އެހީ ހައިރާންކަމާއެކުއެވެ.

" އާނއެކޭ. ހުރިހާ އެއްޗެއް ހަމަވާނެ." އޭނާ ބުންޏެވެ.

އަހަރެން އިތުރަށް ހައިރާންވިއެވެ. ހިތް ނުތަނަވަސްވެ، ވިސްނަން ފެށުނެވެ. ބާރުބާރަށް ދެ ލޯ މަރައިގެން އިނދެ އަހަރެން އޭނާއާ ވާހަކަ ދައްކަން ފެށީމެވެ.

" ޒިޔާދު ކޮންތާކުން އެ ވަރަށް ލާރި؟" އަހަރެން އެހީމެވެ.

" އަހަރެން ލާރި ހޯދާ ގޮތެއް ނޭނގޭތަ؟ ރެޔާ ދުވާލު މި މަސައްކަތް ކުރަނީ ލާރި ހޯދާކަށްނު. އަހަރެންގެ މަސައްކަތުން ލިބޭ ފައިސާއިން ތައިބާއާއި ލިލީގެ އުފަލަށްޓަަކައި އަހަރެން ނުކުރަނީ ކޮންކަމެއް؟ މި ކަހަލަ ފިރިޔަކު ނުވެސް ލިބޭނެ މީހަކަށް." ޒިޔާދު ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ.

ކާރުތެރޭގައި އެއްޗެއް ނުބުނަން ވެގެން އަހަރެން ވެސް ހީލީމެވެ.

" ލިލީ ވަރަށް އުފާވާނެ ބޮޑު ތަނަކަށް ދެވުނީމަ ދޯ. ޓެރަސް ވެސް އަހަރެމެންނަށް ލިބޭ. ފިފްތު ފްލޯ. ލިފްޓް އިނީމަ އޯކޭ އެއްނު." އޭނާ ބުންޏެވެ.

" އޯހް. އެހެންތަ؟ އެހެންވިއްޔާ ވަރަށް ހިތް ފަސޭހަ ވާނެއެއްނު." އަހަރެން ބުނީމެވެ.

އޭރު، ގެއާ ހަމައަށް އާދެވިގެން ކާރު ވެސް އޭގެ ދުވެލި މަޑުކޮށްފިއެވެ. ފޯނު ބޭއްވުމަށްފަހު އަހަރެން ލިލީ ގޮވައިގެން ކާރުން ފޭބީމެވެ.

ލިފްޓްގައި ހުރި އިރު ވެސް އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. އަހަންނާ އެއްވެސް ކަމެއް ހިއްސާ ކުރުމެއްނެތި ޒިޔާދު އެކަނި ހުރިހާ ކަމެއް ނިންމީތީ އަހަރެން ހިތްހަމައެއް ނުޖެހުނެވެ. ތަނަކީ އަހަރެމެން ދިރިއުޅެން ހުރި ތަނެވެ. އެކަމަކު ގޮތް ނިންމާއިރު ޒިޔާދުއަށް އަހަރެން މުހިއްމެއް ނުވިއެވެ. ޝަކުވާތައް ހިތުގައި ތޮއް ޖެހެމުން ދަނިކޮށް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ.

އަތް ދަބަހުގައި އޮތް ތަޅުދަނޑި ނަގައި، އެޕާޓްމަންޓް ދޮރު ހުޅުވާލީމެވެ. އެއާއެކު ލިލީ ދުވެފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ. އޭރު ވެސް އަހަންނަށް ހުރެވުނީ ދޮރުމަތީގައެވެ. ސިޓިންރޫމްގެ އެކި ދިމަދިމާލަށް ކަޅި ހިންގާލެވުނެވެ. އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތް ކަހަލައެވެ. އެތެރެއަށް ވަދެ، އެކި ދިމަދިމާލަށް ބަލަން ފެށީމެވެ. ޒިޔާދު ހެދީ ތެދެކެވެ. ގެއަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް އޭނާ ހުރީ ހޯދާފައެވެ. ތަންކޮޅެއް ބާރަށް ގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ. ސިޓިންރޫމާ އެއްގޮތަށް ކޮޓަރީގެ ހުރިހާ އެއްޗެއް ވެސް ހުރީ ހުދުކުލައިންނެވެ. އެކަން އަހަންނަށް ވަރަށް ކަމުދިޔައެވެ.

ކޮޓަރިއަށް ވަދެ، އެނދުގައި އިށީނދެ ހަމަޖެހިލީމެވެ. ޒިޔާދުއާ ވާހަކަ ދައްކަން އިންތިހާއަށް ބޭނުންވިއެވެ. އަހަރެން ބޭނުންވާ ކަންތައްތައް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

ފޯނު ނަގައި ޒިޔާދުއަށް ގުޅީމެވެ. އެއް ރިންގުން އޭނާ ފޯނު ވެސް ނަގައިފިއެވެ.

" ޓައިމް އެބައޮތްތަ؟ ވާހަކަ ދައްކަން ބޭނުން." އަހަރެން އެހީމެވެ.

" ކޮން ވާހަކައެއް؟ ރާގު ހުރި ގޮތުން ހީވަނީ ކަމަކާ ހިތްހަމަ ނުޖެހިގެންހެން." ޒިޔާދު ބުންޏެވެ.

" ޒިޔާ. އަޅެ ބުނެބަަ ކިހިނެއްތަ މިހާ ރުފިޔާ ހޯދީ؟ ހާދަ އަގުބޮޑު އެއްޗެއްސޭ މި ހުރީ. މި ހުރިހާ އެއްޗެއް ހޯދި އިރު އަހަރެންގެ ބަހެއް ވެސް ބަލައިނުލާ. އަހަންނަށް ކަމުދާ އެއްޗެއް ހުރިތޯ ވެސް އަހައިނުލާ. " އަހަރެން ބުނީމެވެ.

" ދޯ!ދޯ! ތައިބާ ހިތް ފުރޭނީ ކޮން ދުވަހަކުންތަ؟" ޒިޔާދު އެހިއެވެ.

އޭނާގެ ސުވާލުން އަހަރެން ދިޔައީ ސިހިގެންނެވެ. ޒިޔާދު ރުޅި އަންނަން ޖެހޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ނަމަވެސް އަހަރެން އެއްޗެއް ބުނެފިނަަމަ، އަހަންނަށް ވުރެ ބޮޑަށް ޒިޔާދު ރުޅި އަންނާނެއެވެ.

" އަދި ތިހާ ރުޅި އަންނާކަށް ނުވެއެއްނު. މިހާ ބޮޑު ކަމެއް ކުރާއިރު އަހަންނާ ޝެއާ ނުކުރީމަ ދެރަވީ." އަހަރެން ބުނީމެވެ.

" ބުނެބަލަ ތައިބާއަށް ހަޑި އެއްވެސް އެއްޗެއް އެބަހުރިތަ؟ ތައިބާއަށް އެންމެ ރީތި ހުދު ކުލައިން ހުރިހާ އެއްޗެއް ހޯދީ. އެހެން ނޫނަސް ތައިބާ އަބަދުވެސް ދައްކާނީ އަހަރެން ސަޕްރައިޒެއް ނުދޭ ވާހަކަ. ދެން ތިހާ ބޮޑު ސަޕްރައިޒެއް ދޯ މީހަކަށް ދެވޭނީ. އެކަމަކު ވެސް ގޯސް މި ވީ އަހަރެން." ޒިޔާދު ބުނެލީ ފޫހި ގޮތަކަށެވެ.

އަހަރެން ބުނާ އެއްޗެއް ޒިޔާދަކަށް ދުވަހަކުވެސް ނުވިސްނޭނެޔޭ އެ ވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ތެދެކެވެ. އޭނާ ކޮއްދިން ކަންތައް ރަނގަޅެވެ. އެކަމަކު އަހަންނަށް ގޯސް ވީ އޭނާ އެކަން ކުރި ގޮތެވެ. އަހަރެންގެ ނަޒަރުގައި މިފަދަ ބޮޑެތި ކަންތައްތައް ކުރާއިރު ދެމަފިރިންގެ ހިއްސާ އޮންނަން ވާނެއެވެ.

" ތިހެން ނުބުނެބަ. ޒިޔާދުގެ މަސައްކަތަށް އަހަރެން އެޕްރިޝިއޭޓް ކުރަމޭ. އުފާވެޔޭ. އެކަމަކު... އެކަމަކު ދެރަވީ މި ކަހަލަ ކަންކަމުގައި އަހަރެންގެ ހިޔާލެއް ނުހޯދީމަ." އަހަރެން ބުނީމެވެ.

" ދެން ދެރަވާނެކަމެއް ނެތެއްނު. ތިކަން ނުވާ ކަމަކަށް ނުވާނެ. އަހަރެން އަބަދުވެސް ބުނަމެއްނު ނިމިފަ ހުންނަ ކަންކަމާމެދު އިތުރަށް ބޭކާރު ވާހަކަ ނުދައްކާށޭ. އޭރުން ހަމަ ދެ މީހުން މައްސަލަޖެހޭނީ. ހަމަޖައްސާލަބަލަ! " އޭނާ ބުނެލިއެވެ.

ކޮންމެ ކަމެއް ވެސް ހަމަޖައްސާލައިގެން އަހަރެން ނިންމާލަނީއެވެ. މިއަދު މިކަން ވެސް މި ވީ އެހެންނެވެ. ފޯނު ބޭއްވި އިރު ލިލީ އައިސް ކޮަޓަރިއަށް ވަދެއްޖެއެވެ. ލިލީ ފެނުމާއެކު އަހަރެން އަވަސް އަވަހަށް މޫޑު ބަދަލު ކުރީމެވެ.

އެ ރޭ ނިދަން އޮތް އިރު ވެސް ޒިޔާދުއާ މެދު އަހަންނަށް އިންތިހާއަށް ވިސްނެން ފެށިއެވެ. ޒިޔާދު އަހަންނަށް ކަމެއް ފޮރުވަނީބާވައޭ ހިތަށް އަރާވަރުން ހިތް ނުތަނަވަސްވާން ފެށިއެވެ. އެ ވަގުތު ހުސެން މަތިން ހަނދާންވާން ފެށިއެވެ. އޭނާއާ ވާހަކަ ދައްކާލުމުން ހިތުގައި ހުރި ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދާނެކަން އަހަންނަށް މިހާރު ޔަގީންވެއެވެ. ބާލީސް ކައިރީ އޮތް ފޯނު ނަގައި ސްނެޕްޗެޓް ހުޅުވާލީމެވެ.

ހުސެން ހަބަރެއް ނުވާތީ އަހަރެން ހުރީ މެސެޖް ކުރަން ކުޑަކޮށް ޖެހިލުން ވެފައެވެ. ކުރިން ދެ މީހުން ދައްކާފައި ހުރި ވާހަކަތައް ޝައުގުވެރިކަމާއެކު އަލުން ކިޔަން ފެށީމެވެ. އެއާއެކު އަނެއްކާ ވެސް އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރުތައް ފާޅުވާން ފަށައިފިއެވެ. ކުއްލިއަކަށް ހުސެން ހައި ޖަހާލިއެވެ. ކެތްތެރިކަން ކޮޅުންލައިފައި ވާ ހާލު އަހަރެން އަވަސް އަވަހަށް ރިޕްލައި ކުރީ ވާހަކަ ދައްކާ ހިތުންނެވެ.

" ކޮބާ ހުރިހާ ކަމެއް ރަނގަޅުތަ؟" އޭނާ އެހިއެވެ.

އަހަރެން އާނއެކޭ ބުނީ ހިތްހަމަ ޖެހިގެންނެވެ.

" މާދަމާ މި އުޅެނީ ކުޑަ ޕިކްނިކެއް ދާން ވެގެން ހުޅުމާލެ ބީޗަށް." އޭނާ ބުނެލިއެވެ.

" އޭ. އައި ވެސް މާދަމާ ހުޅުމާލެ ދަމޭ. ކަޒިންސްއާއެކު ބީޗް ޑޭއަކަށް ހަމަ." އަހަރެން ބުނީމެވެ.

ހުސެން އެ ތަނުން ފެންނާނެ ނަމައޭ ހިތަށް އެރުމާއެކު އަހަރެން ލަދުގެންފިއެވެ. އިންތިހާއަށް ހުސެން ދެކޭ ހިތްވެއެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ކިބައިގައި ހުރިހެންނެއް ހިއެއް ނުވެއެވެ. އަހަރެން ހައިރާންވަނީ އެހެންވެއެވެ. އެކުވެރިއެކޭ ބުންޏަސް، އަހަރެންގެ ހިތުން ހުސެންއަށް މި ދެވުނީ އެކުވެރިއެއްގެ މަގާމެއް ނޫންކަންނޭނގެއޭ ވެސް ހިތަށް އަރައެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)