ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހި މަސްވެރިން މަސައްކަތްކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު ދާއޫދު ކުރެއްވި ސުވާލު: ''އަޅުގަނޑުގެ ސުވާލަކީ 2010ގައި އެމ.ްޑ.ީޕީ ވެރިކަމުގައި ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ހުއްޓައިލުމުގައ،ި މަނާކުރުމުގެ ކުރިން ރާއްޖޭގެ ބޯޑަރު ބަލަހައްޓަމުން އައީ މަސްވެރިން ކަމަށް އަޅުގަނޑަށް ބޮޑަށް މަޢުލޫމާތު މި ލިބެނ.ީ އަދި ދިފާޢީ ވުޒާރާއަށް މަޢުލޫމާތު ވެސް މި ފޯރުކޮށްދެނީއެ ފަރާތްތަކުން. އާދެ! އޭގެފަހުން މިހާރު ޑްރޯން ތައާރަފުވެގެން މިފަދަ މައްސަލަތައް މި ބެލެނީ، މިހާރު މަސްވެރިންގެ ފަރާތުން މި މިޔަރު މަސްވެރިކަން ހުއްޓައިލިފަހުން މިފަދަ ރިޕޯޓުތައް އަންނަނީ ކިހާވަރަކަށްތޯ؟''
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ޙަޤީޤަތުގައި ޤައުމެއްގެ ދިފާޢުގެ ޒިންމާ ނަގަންޖެހެނީ ހަމަ ހުރިހާ ރައްޔިތުންކަމަށެވެ. އަދި ވަކި މުއައްސަސާއެއް ޤާނޫނުއަސާސީއާއި ގާނޫނާއި ގަވާއިދުގެ ތެރެއިން އުފައްދަވާފައި އޮތް ކަމުގައި ވިޔަސް ދިވެހިރާއްޖެ ހިމާޔަތްކޮށް ދިވެހި މިނިވަންކަން ހިމާޔަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް، ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެގޮތުން ވަރަށް އުފަލާ އެކު އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުނ،ް ދިވެހި މަސްވެރިންނަކީ ޤައުމީ ރޫހުން ފުރިފައި ތިބި ބައެއް، ޤައުމީ ޖޯޝް ދައްކަވަމުންގެންދަވާ ބައެއް، ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހި މަސްވެރިން މަސައްކަތް ކުރައްވާ،'' ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނަށް މިހާރު ވެސް ބޭރުގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ ކަމުގެ މަޢުލޫމާތެއް ލިބިއްޖެ ނަމަ ނޫނީ ފެނިއްޖެ ނަމަ ސިފައިންނަށް އަންގަމުން އަންނަކަމަށެވެ. އަދި ގައުމީ ދިފާއީބާރުގެ ގާބިލިއްޔަތު ހުރި މިންވަރަކުން އެ ކަންކަމަށް އެޓެންޑުވަމުން އަންނަކަމަށް ވެސް ވިދާޅުވެއެވެ.
ދިވެހި އިގްތިސާދީ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަންނަ އުޅަނދުތަކުގެ މައުލޫމާތު ދިފާއީ ވުޒާރާއަށް ފޯރުކޮށްދިނުމަށް ދިވެހި މަސްވެރިން މުހިންމު ދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!