މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މެއި 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ޖަނަވަރީގެ، މުޝްތާޤު ޝާކިރު (37އ) އާއި ގއ. މާމެންދޫ / ބިލަތްމާގެ، މުޙައްމަދު ފަޒީނު (36އ) އެވެ.

Ad
rt

ފުލުހުން މަޢުލޫމާތު ދިންގޮތުގައި މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެއިތުރުން، އެހެން މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން އިތުރު މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު. ނަންބަރުދރ 310، އަޙްމަދު ޝުޖާޢު (44އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މިއަދު 11:08 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލްކުރަމުންދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި ހިޔާޓަވަރު 2 ގެ ތިންވަނަ ފަންގިފިލާގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ ޓަވަރުގެ ސިޑިން އޭނާ ފޭބިއިރު ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރުމުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލަތައް މިހާރު ތަޙްޤީޤު ކުރަމުންދާކަމަށް ބުނެފައެވެ.