” ކިހިނެއްވީ؟ އަހަރެންގެ އަތުން ކާލަބަ”
ނުހަނު ލޯތްބާއެކު ޒޯޔާ ބުންޏެވެ. ވަގުތަކީ ޒާރާ އައިސް ދޮރު ހުޅުވާލި ވަގުތެވެ. ސިހިފައި ޒޯޔާގެ އިތުރުން މުއާޒަށްވެސް ބަލައިލެވުނީ ޒާރާގެ މޫނަށެވެ.
މުއާޒްއާ ދާދި ގާތުގައި ހުރި ޒޯޔާއަށް ބަލަމުން ޒާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.
"ޒާ؟" ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މުއާޒް ޒާރާއަށް ގޮވާލިއެވެ.
"ކިހިނެއްވީ؟ އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ މިހުރީ ކާކު؟" ގަދަކަމުން ހިނިތުންވެލަމުން ޒާރާ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރު އޭނާގެ ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. އޭނާ ދޮރު ހުޅުވާލި ވަގުތު ޒޯޔާ މުއާޒްގާތު ހުއްޓި ހުރި ގޮތް އޭރުވެސް ޒާރާގެ ހިތަށް ސިފަވަމުން ދިޔައެވެ.
"މިއީ...މިއީ ޒޯޔާ.މަންމަމެންގެ ރައްޓެއްސެއްގެ ދަރިއެއް. " ފުން ނޭވާއެއް ދޫކޮށްލަމުން މުއާޒް ބުނެލިއެވެ.
އެހިނދު ޒާރާ ޒޯޔާއަށް ބަލައިލަމުން ހީލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް އެނދުމަތީގައި ބެހެއްޓުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ތި ތަށި ދީ އަހަރެންގެ އަތަށް."
ޒާރާގެ އެދުމަށް ޒޯޔާ އަވަސް އަވަހަށް އޭނާގެ އަތުގައި ހުރި ބަތްޕެންތަށި ދިނެވެ. އަދި ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.
"މުއާ އަހަރެން ނެތީމަ ރަނގަޅަށް ނުކަނީތަ؟ ނޫނީ ކެއުން ބަދަލުވީތަ؟ ކީއްވެ ހަކުރު މައްޗަށް ދިޔައީ؟" ލޯތްބާއެކު ޒާރާ ސުވާލުކޮށްލިއެވެ. އެއަޑުއަހަން ހުރި ޒޯޔާއަށް ފޫހިކަމާއެކު ހިންދިރުވާލެވުނީ މުއާޒަށް ބަލައިލަމުންނެވެ.
"ދެން ރަނގަޅުވެދާނެ ހުރިހާ ކަމެއްވެސް." ޒާރާގެ އަތުން ބަތްޕެންފޮދެއް ބޯލުމަށްފަހު މުއާޒް ބުނެލިއެވެ.
އޭރު އޭނާ ހުރީ އުފާވެރި ގޮތަކަށް ޒާރާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެމަންޒަރު ބަލަން ހުރި ޒޯޔާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
" އަހަރެން ދެން ދަނީ.. ފަހުން އަންނާނަން." ޒޯޔާ އެހެން ބުނުމަށްފަހު މުއާޒް ބުނާނެ އެއްޗަކަށް ބެލުމެއް ނެތި އަވަސް އަވަހަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތުގައި ރުޅިވެރިކަން އިންތިހާއަށް ކެކި އުތުރި އަރަމުން ދެއެވެ.
"އަހަރެން ދެންމެ ވަރަށް ހިތްހަމަ ނުޖެހުނު. އެކުއްޖާ ކީއްވެތަ އެހުރީ މުއާ އާ އެހާ ގާތްވެފައި." ޒާރާގެ ޖުމްލައިން މުއާޒަށް ހެވުނެވެ.
"ގާތްވެފައިތަ ހުރީ؟ އަހަންނަކަށް ހިއެއްނުވެ." މުއާޒް ބުނެލީ އާދައިގެ ގޮތަކަށެވެ.
"އާނ! އަހަންނަށް ވަރަށް ބައިވަރު އެއްޗެހި ފާހަގަ ކުރެވިއްޖެ ދެންމެވެސް. އޭނަގެ ނިޔަތް ރަނގަޅުހެން ހިއެއް ނުވެ. އަހަރެން ފެނުނީމަވެސް ވަރަށް އުނދަގޫވެފައި ކަންނޭނގެ ހުރީ." ޒާރާގެ ޝަކުވާތައް އަޑުއަހަން މުއާޒް އިނީ ނުތަނަވަސް ވެފައެވެ.
"ކުށްހީ ކުރުމަކީ ވަރަށް ގޯސްކަމެއް." މުއާޒް ބުނެލީ އާދައިގެ ގޮތަކަށެވެ. އެއާއެކު ޒާރާ ދެކޮނޑު ހިއްލާލިއެވެ.
"މިތަނަށް ވަނީއްސުރެން ޒޯޔާގެ ވާހަކަ ތި ދައްކަނީ. ދެން އެވާހަކަ ހުއްޓާލާފަ ބުނެބަލަ! އެކަނި ތިއައީ ކިހިނެއް؟އަހަންނަށް އަދި ގުޅައިވެސް ނުލެވިގެން މިއޮތީ" މުއާޒް ބުނެލީ ޒާރާގެ އަތުގައި އަތް ޖައްސާލަމުންނެވެ.
"މުއާގެ ބައްޕަ ބުނީމަ އެނގުނީ. އެހެން ނޫނަސް އަހަރެން މިހުރީ މުއާއަށް ސަޕްރައިޒަކަށް މިރަށަށް އަންނަން ވެގެން." ޒާރާ ހެވިފައި އިނދެ ބުނެލިއެވެ. އެއާއެކު މުއާޒްގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.
"ސަޕްރައިޒަކަށް އަންނާށޭ؟ ދެން ޖުމާޔޯ؟" މުއާޒްއަށް އަހާލެވުނީ ހައިރާންކަމާއެކުގައެވެ.
"އެއީ ވަރަށް ދިގު ވާހަކައެއް. މިހާރު ކިޔައިދޭންވީތަ؟" މުއާޒަށް ފެންތަށި ދިއްކޮށްލަމުން ޒާރާ ސުވާލު ކުރިއެވެ. އެއާއެކު މުއާޒް އަޑުއަހާހިތުން އާނއެކޭ ބުނެލީ ނުހަނު އަވަހަށެވެ. އެހެންކަމުން ޒާރާ މަޑުމަޑުން ކިޔައިދޭން ފެށިއެވެ. މާލެ ދިޔައިއްސުރެ ދިމާވި ހުރިހާ ކަމެއް ކިޔައިދެމުން ދިޔައެވެ.
"އެއީ ހަމަ މާހިލްގެ ދަރިއެއްތަ؟" ހައިރާންކަމާއެކު މުއާޒް ސުވާލު ކުރިއެވެ. އެއާއެކު ޒާރާ ބޯ ޖަހާލިއެވެ.
"އަހަންނަށް އެނގޭ އަދިވެސް މުއާ ޤަބޫލު ނުކުރާނެކަން.. އަހަރެންގެ ކުރިމަތީގައިވެސް މާހިލް އެއްބަސްވިޔޭ." ޒާރާ ޔަޤީންކަމާއެކު ބުނެލިއެވެ. އެއާއެކު މުއާޒް އިސްޖަހާލިއެވެ. އޭނާއަށް އަސަރުކޮށްފައިވާވަރު ޒާރާއަށް އިޙްސާސް ކުރެވުނެވެ.
"އަހަރެން ބޭނުމެއް ނޫން މަންމަމެންނަށް އެކަން އަންގާކަށް. އަނެއްކާވެސް އަނެއް ކަންތައްގަނޑާ ކުރިމަތިލާން ޖެހޭނީ." ފޫހިކަމާއެކު ޒާރާ ބުންޏެވެ.
"ނޫން! ބުނަންވާނެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ޖުމާއެއް ނޫން. އަހަންނަކަށް ތިކަމުން ހަމަޖެހުމެއް ނުލިބޭނެ." މުއާޒް މަޑުމަޑުން ތެދުވިއެވެ. އެއާއެކު ޒާރާވެސް ތެދުވެއްޖެއެވެ.
"އެކަމަކު އޭރުން ކަމަކު ނުދާނެ. އަހަރެމެން މިވީހާ ދުވަހުވެސް މި އުޅުނީއެއްނު. އަހަރެމެންނަށް ކަމެއް އުންޏެއް ނުވެޔޭ. އެހެން ނޫނަސް މާހިލް ޖުމާދެކެ އެއްވެސް ލޯތްބެއް ނުވެ. އޭނަ ޖުމާ ބޭނުންކުރީ ވަގުތީ އުފަލަކަށް. އެހެން ނޫންނަމަ ލަމްހާއާވެސް އޭނަ ކައިވެނި ކުރާކަށް ނޫޅުނީސް." ހިތްހަމަ ނުޖެހޭ ރާގެއްގައި ޒާރާ ބުންޏެވެ. އޭރުވެސް މުއާޒް ހުރީ ފުން ވިސްނުމެއްގައެވެ. ހަމަ އެވަގުތެވެ. މުއާޒްގެ ޓެސްޓްތަކުގެ ނަތީޖާ ހިފައިގެން ނަރުސް ކުއްޖަކު އެ ކޮޓަރިއަށް ވަނެވެ.
"މިހާރު ހަކުރު ދަށްވެފައި ހުރީ. އެހެންވީމަ މިއަދު ދޫކޮށްލާނެ." ހެވިފައި ހުރެ އޭނާ ބުންޏެވެ. ނަރުސް ކުއްޖާ ދިއްކޮށްލި ފައިލްގައި ހިފުމަށްފަހު ޒާރާ ހިނިތުންވެލިއެވެ. އަދި އޭނާ ދާންދެން އިތުރު ވާހަކައެއް ނުދައްކާ މަޑުކޮށްގެން ހުއްޓެވެ.
ފޮށި ހިފައިގެން ކޮޓަރިން ނިކުތް ޒޯޔާ ފެނި، ސިޓިންރޫމްގައި ހުރި ކަފީލާއަށް ޝޮކެއް ލިބުނު ކަހަލައެވެ. ދުވަމުން ކަހަލަ ގޮތަކަށް އޭނާ އައިސް ޒޯޔާގެ ކުރިމަތީގައި ހުއްޓި ހައިރާންކަމާއެކު ޒޯޔާގެ މޫނަށް ބަލައިލިއެވެ.
"މަގޭ ދަރިފުޅާ! ކިހިނެއްވީ؟" ކަފީލާއަށް ސުވާލު ކުރެވުނީ ނުހަނު ބާރަށެވެ.
"ދެން އަހަރެން ބޭނުމެއްނޫން މަޑުކުރާކަށް. އަހަރެން އެތައް ފަހަރަކު މަސައްކަތް ކުރުމުންވެސް މުއާޒްގެ ހިތް ލަންބުވައެއް ނުލެވުނު. އަހަރެންގެ މަންމަ ބުނި، ދައްތަގާތުވެސް ބުނީމޯ އަހަންނަށް މުއާޒް ކަމުދާ ވާހަކަ. ދައްތަމެންވެސް ޤަބޫލު ވާހަކަ ބުނި. އެކަމަކު މުއާޒް ގާތު ދައްތަ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަމެއްނު." ޒޯޔާގެ ރާގުގައި ހިތްހަމަ ނުޖެހުމުގެ އަސަރުތައް ހުއްޓެވެ. އެހެންކަމުން ކަފީލާ ހުރީ ޖެހިލުންވެފައެވެ.
"އެކަމަށް ވަރަށް ވަގުތު ބޭނުންވާނެ. އަދި ހިތްވަރުކޮށްލާ. ދައްތަ ތިކަން ކޮށްދޭނަމޭ. ފުރައިގެން ދާނެ ކަމެއް ނެތް." ޒޯޔާގެ ފޮށީގައި ހިފަމުން ކަފީލާ ބުނެލިއެވެ.
އެއާއެކު ރުޅި އައިސް ހުރި ޒޯޔާ ބާރުބާރަށް ކަފީލާގެ އަތުގައި ހިފައި އަތް ނައްޓުވާލިއެވެ. އޭނާގެ އެ އަމަލުން ކަފީލާއަށް ލިބުނީ ހައިރާންކަމެވެ. އަދި އޭނާގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނި ކަފީލާގެ ހިތަށް ފޫހިކަން ވެރިކުރުވިއެވެ.
"ދެން އިތުރަށް ހިތްވަރު ކުރާކަށް ބޭނުމެއް ނޫން. ވަގުތު ބޭނުން ވިޔަސް، ދެން އެކަމަށް ވަގުތެއް ނެތް." މޮޔައަކު ފަދައިން ކަފީލާގެ މޫނާ، މޫނު ގާތްކޮށްލަމުން ޒޯޔާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ކަފީލާއަށް އެއް ފިޔަވަޅު ފަހަތަށްވެސް ޖެހިލެވުނެވެ.
"އެނގޭތަ؟ ދައްތަގެ ބޯހަރު ދަރިފުޅުގެ އަންހެނުން ޒާރާ އަތުވެއްޖެ!" މަލާމާތުގެ ގޮތަކަށް ހެވިފައި ހުރެ ޒޯޔާ ބުންޏެވެ.
އެއާއެކު ކަފީލާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޤަބޫލު ކުރަން ދަތިވެފައި ހުރެ އޭނާ ޒޯޔާގެ މޫނަށް ބަލަން ފެށުމުން އަނެއްކާވެސް ޒޯޔާ ހީގަތެވެ.
"ޤަބޫލު ނުކުރެވިފަ؟ ދޭބަލަ ހޮސްޕިޓަލަށް އަހަރެން މިބުނީ ދޮގެއްތޯ ބަލަން." ޒޯޔާ ވާހަކަ ދައްކަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް އޭނާއާ ވާހަކަ ނުދައްކާފަދަ ރާގަކަށެވެ. އެހެންކަމުން ޒޯޔާއަކީ ރަނގަޅު ކުއްޖެއް ނޫންކަމުގައި ކަފީލާގެ ހިތް ބުނަމުން ދިޔައެވެ.
" އަހަރެން މިދަނީ އެއަރޕޯޓަށް. މީގެ ފަހުން އަހަރެންގެ އާއިލާއަށް މި އާއިލާގެ އެއްވެސް މީހަކު ގުޅުން ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މެހްމާންދާރީއަށް ޝުކުރިއްޔާ." ދެލޯ ކުޑަކޮށްލަމުން ޒޯޔާ ބުންޏެވެ.
އެއްޗެއް ބުނަން ނޭނގިފައި ކަފީލާއަށް ހުރެވުނެވެ. އޭނާގެ ކުރިމަތިން ޒޯޔާގޮސް ގެއްލުމާއެކު ފަަޔަށް ބާރު ލައިފައި ކަފީލާ ގޮސް ވަނީ ކޮޓަރިއަށެވެ.
"ނަޖީބު! ނަޖީބޫ!" ރުޅިވެރި އަޑަކުން ކަފީލާ ގޮވާލީ ނަޖީބު ފާޚާނާގައި އުޅެނިކޮށެވެ.
" އޫމް.. އަދި ތުނބުޅި ކޮށާލަން ވެގެން މިވަނީ. ކީއްތަވީ؟" ހިތްހަމަ ނުޖެހިފައި ނަޖީބުއަށް އަހާލެވުނީ ކަފީލާގެ ރާގުގައި ހުރި ރުޅިވެރިކަމުންނެވެ.
"ޒާރާ އައީ ކާކު ބުނެގެން؟ ނަޖީބުދޯ ބުނީ؟ބަލަ މަށަށް އޮޅުވާލަން ވެގެންނޭ ތިޔައުޅެނީ؟" ކަފީލާ ދެއަތް އުރާލީ ނަޖީބަށް ލޯ އަޅާލަމުންނެވެ.
"ހަމަޖެހިބަލަ! މުއާޒަށް އެވަރު ވީ އިރު ޒާރާއަށް އަންގަން ޖެހޭނެދޯ! ކަފީލާ ތިޔަ އުޅެނީ ކިހިނެއް ވެގެންތަ؟" މަޑުމަޑުން ވާހަކަ ދައްކާލުމަށްފަހު ނަޖީބު އަނެއްކާވެސް ދިމާކުރީ ފާހާނާއަށް ވަންނާށެވެ. ނަމަވެސް މިފަހަރު ކަފީލާ އޭނާ ހުއްޓުވިއެވެ.
"ޒޯޔާ ގޮއްސި. ޒާރާ އައީމަ ރުޅި އައިސްގެން އެދިޔައީ." ކަފީލާ ބުންޏެވެ.
އެއާއެކު ކަފީލާގެ މޫނަށް ނަޖީބަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. އެގެއަށް ޒޯޔާ އައިސް އުޅޭ މަގްސަދެއް ނަޖީބަކަށް ނޭނގެއެވެ. އެހެންކަމުން ކަފީލާ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
"އެހެންވިއްޔާ ސާބަސް ކަފީލާއަށް. ދަރިންގެ ދިރިއުޅުމާ ކުޅެން ކެރިއްޖެ!އަހަރެން މިހުރީ ހަމަ އަޖައިބުވެފައޭ" އިންތިހާއަށް ރުޅި އައިސް ހުރެ ނަޖީބު އެހެން ބުނުމާއެކު ކަފީލާއަށް އިސްޖަހާލެވުނެވެ.
"މުއާޒް ޒާރާދެކެ އެހާ ލޯބިވާކަމާ، އެދެކުދިންގެ ގުޅުން އަބަދުވެސް ރަނގަޅުކަން ކަފީލާއަށްވެސް އެނގޭނެ. ދެން މިތަނަށް ކޮން ޒޯޔާއެއް ގެނެސް ވައްދާކަށް؟ އެކަމުން ކަފީލާއަށް ލިބެނީ ކޮން މޮޅެއްތަ؟ ނަސީބެއް ތިޔަ މީހަކު އަވަހަށް ދިޔަކަން." ނަޖީބުގެ އަޑުން މިފަހަރުވެސް ކަފީލާއަކަަށް ރައްދެއް ދޭކަށް ނުކެރުނެވެ.
މުއާޒްއާއެކު ޒާރާ އެގެއަށް އައިސް ވަތް އިރު އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑު ވެފައެވެ. އެއީ އެގެއިން ނިކުމެގެން ދިޔައިރު މުއާޒްގެ އާއިލާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތީއެވެ. ނަމަވެސް މުއާޒްގެ އުފަލަށްޓަކައި އޭނާގެ ހިތް ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން ފަސް ނުޖެހޭނެކަން އޭނާއަށް އެނގެއެވެ.
"މަންމާ!" ކޮޓަރިން ނިކުތް ކަފީލާ ފެނި ޖެހިލުންވެފައި ޒާރާ ގޮވާލިއެވެ. އެއާއެކު ކަފީލާ ހީލީ ގަދަކަމުންނެވެ. ފަހަތުން އައި ނަޖީބުވެސް ހުރީ ހެވިފައެވެ.
"ދުވަސްކޮޅަކު މަޑުކޮށްލަން މިއައީ." ހެވިފައި ހުރެ ޒާރާ ބުންޏެވެ. އެއާއެކު ކަފީލާ މަޑުމަޑުން ބޯ ޖަހާލިއެވެ.
"އާނ. ދަރިފުޅުމެން ނެތީމަ މިގޭގައި އެއްވެސް ދިރުމެއް ނެތް." ނަޖީބު ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ. އެއާއެކު ޒާރާއަށް ބޭ އިޙްތިޔާރުގައި ކަފީލާގެ މޫނަށް ބަލައިލެވުނެވެ.
" މަންމާ! އަޅުގަނޑު އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފައި." މުއާޒް އެހެން ބުނުމާއެކު ސިހިފައި ޒާރާއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭރު ޒާރާގެ މޫނުމަތީގައިވަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. އަދި އާދޭހުގެ ނަޒަރަކުން އޭނާ އެވާހަކަތައް ނުދައްކާށޭ ބުނަމުން ދިޔައެވެ.
"ވާހަކައެކޭ؟ ކިހިނެއްވީ؟ އަނެއްކާ ދަރިފުޅުގެ ޓެސްޓްތައް ރަނގަޅުތަ؟" ކަންބޮޑުވެފައި ކަފީލާ ސުވާލު ކުރުމާއެކު މުއާޒް ގޮސް ސޯފާގައި އިށީނެވެ. ޒާރާ ހުއްޓުނީ ސޯފާގެ ފަހަތުގައެވެ.
" ލައްބަ! ހުރިހާ ކަމެއްވެސް ރަނގަޅު. އަޅުގަނޑު ދައްކަން މިއުޅެނީ ކޮއްކޮގެ ވާހަކައެއް." އިސްޖަހާލަމުން މުއާޒް ބުންޏެވެ. އެއާއެކު ކަފީލާއަށް ބަލައިލެވުނީ ދާދި ގާތުގައި އިން ނަޖީބަށެވެ. އޭރުވެސް ޒާރާ ހުރީ އިސްޖަހައިގެންނެވެ.
" މަންމަމެން ޤަބޫލު ނުކުރިޔަސް ހަގީގަތް ހާމަ ކުރަން އެބަ ޖެހޭ... ޖުމާ އެދުވަހު މާހިލްގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ނޫން މަންމާ! އެއީ ތެދު. މިއަދު މާހިލް ޒާރާގާތުވެސް އެކަމަށް އެބަ އެއްބަސްވޭ." އަސަރާއެކު މާހިލް ބުނެލިއެވެ.
އެއާއެކު ކަފީލާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ޒާރާގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.