ކުރީގެ ޢަދަދާ ގުޅޭ:

ނަމަވެސް ކަންތައް ކުރަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޒާރާގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގުނެވެ. ދުލުން ބޭރުކޮށްލާނެ އެއްވެސް ލަފްޒެއް ހިތަކަށް ނައެވެ.

Ad
rt

" ދޮންތާ! ދެން އެއްޗެއް ކިޔާނެ ކަމެއް. އަހަރެމެންނަށް އޮތީ މިގޮތް. ޝުކުރުވެރިވެލުން ނޫން ގޮތެއް ނެތް. ހުރިހާވެސް ބޭޒާރެއްވާނީ ހަމަ އަހަންނެއްނު" ދެރަވެލާފައި ޖުމާ ބުންޏެވެ.

މާޔޫސީ ނަޒަރަކުން ޒާރާގެ މޫނަށް އޭނާ ބަލައިލިތަން ފެނި މާހިލްގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. ކުއްވެރިއެއްކަން އިޙްސާސް ކުރެވި، އަމިއްލައަށް ކުށަށް އިޢުތިރާފްވާ ހިތްވެއްޖެއެވެ. އެހެންކަމުން އޭނާއަށް އަވަސް އަވަހަށް ޒާރާއަށް ބަލައިލެވުނެވެ. އޭރުވެސް ޒާރާ ހުރީ މާހިލް ދޭނެ ރައްދެއްގެ އިންތިޒާރުގައެވެ.

" އަހަރެން... އަހަރެން ބޭނުމެއް ނޫން ޖުމާއަށް ދެރައެއް ދޭކަށް. އެކަމަކު... އެކަމަކު އަހަންނަށް އޭރު އެގޮތް އިޙްތިޔާރު ކުރެވުނީ މަންމަމެންދެކެ ބިރުން.. ދައްތައަށް ޙަޤީޤަތް އެނގޭނެކަންވެސް އަހަންނަށް އެނގޭ. އަހަންނަކީ މަޢާފް ލިބުމަށްވުރެ ބޮޑު ކުށްވެރިއެއް " ތުރުތުރުއަޅާ އަޑަކުން މާހިލް ވާހަކަ ދެއްކިއެވެ.

އޭނާގެ އަޑާއި ރާގުންވެސް އޭނާ ލަދުގަނެފައިވާވަރު ހާމަވެއެވެ.

" އެދުވަހު މާހިލްއަށް މުޙިއްމުވީ ތިގޮތް. އެކަމުގެ ސަބަބުން މިއަދު އަނެއްކާވެސް ގެއްލިގެން މިދަނީ އަހަންނަށް ލިބެން އުޅޭ ދިރިއުޅުމެއް. އަހަރެންގެ ކައިވެނި!" ޖުމާގެ ތޫލި އަޑު އަރުތެރެއިން ބޭރުވީ ކިރިޔާއެވެ.

" ލަމްހާމެންނަށް ޙަޤީޤަތް ކިޔައިދޭންވީއެއްނު. މާހިލްގެ މަންމަމެންނަށް މިގޭތެރެއިން ޖުމާ ފެނުނީމަ މަޑަކުން ނުތިބޭނެ. "

ދެއަތް އުރާލަމުން ޒާރާ ބުންޏެވެ. އެއާއެކު މާހިލަށް ތެޅިގަނެވުނެވެ. ޖެހިލުންވާފަދަ ގޮތަކަށް އޭނާ ޒާރާއަށް ބަލަމުން ދިޔައެވެ.

" އޭރުން ލަމްހާ މާހިލްއާ އަދި ޝާހު އަހަންނާވެސް ކައިވެންޏެއް ނުކުރާނެ. "

ޖުމާ ބުންޏެވެ. އެހިނދު މާހިލްއަށް ބަލައިލެވުނީ ޖުމާގެ މޫނަށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޖުމާ ބާރު ފިޔަވަޅުތަކުގައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" އެބުނީ ކަންތައް ވާނެގޮތް. އަހަންނަށް އެނގޭ އެއީ ކުރަން މާހިލްއަށްވެސް ފަސޭހަ ކަމެއް ނޫންކަން... ދެން އަޅާނުލާ! އަހަރެމެންނަށް އަދިވެސް ގޮތެއް ހުހެއް ނުވާނެ"

އެހެން ބުނުމަށްފަހު މާހިލް ހުރިފިޔަވަޅުމަތީ ހުއްޓާ ޒާރާވެސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅެއް ވަންދެން އެތާ މަޑުކުރުމަށްފަހު މާހިލް ދޮރާ ދިމާލަށް ހިނގައިގަތީ އެގެއިން ނިކުންނާށެވެ.

***

ދެފަރާތަށް ފުރޮޅިފުރޮޅިވެސް ޖުމާއަށް ނިދޭގޮތެއް ނުވިއެވެ. މާހިލްއާއެކު ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ހަނދާންތައް ސިކުނޑިތެރޭގައި އާވަނީއެވެ. ވަރަށް މަސައްކަތުން ހަނދާންނައްތާލާފައިވީ އެތައް ކަމެއް ހިތުތެރޭގައި ތާޒާވަނީއެވެ. އެންމެ ފަހުން ނުނިދިގެން އޭނާ ފުންމައިގެން ތެދުވިއެވެ.

" އަހަރެން ކިހިނެއް މާހިލްމަތިން ހަނދާން ނައްތާލާނީ؟ ހަށިގަނޑުތެރޭގައި މިވަނީ މާހިލްގެ ދަރިއެއް."

ޖުމާއަށް ބުނެވުނެވެ. ފާރުގައި ބޯ ޖައްސާލައިގެން ވިސްނަން އޭނާއަށް އެތައް އިރެއް ވަންދެން އިނދެވުނެވެ. ރޭގަނޑުގެ ދިގު ވަގުތުތައް އޭނާ ހޭދަކުރީ އެފަދަ ގޮތަކަށެވެ.

***

މޭޒުކައިރީ މުއާޒް ސައިބޯން އިނީ އެކަންޏެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ޒާރާގެ ކޯލެއް ނާންނާތީ އޭނާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. އޮފީހަށް ގޮސްފައި ގުޅާލާނީއޭ ހިތާ ފޯނު ޖީބަށް ލުމަށްފަހު އޭނާ ތެދުވިއެވެ. އެއާއެކު ކޮޓަރިން ނިކުމެގެން އަންނަ ޒޯޔާ ފެނި މުއާޒް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ.

" މުއާޒް ޗުއްޓީއެއް ނުނަގަންތަ؟ ބުނީމެއްނު ޗުއްޓީ ނަގާ ވާހަކަ؟ " ހައިރާންވެފައި ހުރެ ޒޯޔާ އެހިއެވެ. އެއާއެކު މުއާޒް އާގަންނަ ގޮތްވިއެވެ. ނަމަވެސް ގަދަކަމުން ހިނިތުންވެލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އެއީ ބައްޕަގެ އޮފީހޭ! ބޭނުން ގޮތެއް އަހަންނަށް ހެދޭނެއެއްނު.. މިއަދު މިދަނީ ބައެއް ކަންކަން ނިންމާލަން"

ޒޯޔާގެ ކުރިމަތީގައި ގިނައިރު ހުންނަން ބޭނުން ނުވެގެން މުއާޒް ނިކުމެގެން ދިޔައީ އިތުރަށް ޒޯޔާ ބުނާނެ އެއްޗަކަށް މަޑުކުރުމެއް ނެތިއެވެ.

" ނިންމާލާ! އަވަހަށް ނިންމާލާ! އަހަރެން މިހުރީ ހަމަ އިންތިޒާރުގަ. ކެތްމަދުވެފަ" ވައިއަޑަކުން ޒޯޔާ ބުނެލިއެވެ. ދެލޯ ކުޑަކޮށްލަމުން ދަހިވެތި ނަޒަރަކުން ދޮރާ ދިމާލަށް އޭނާއަށް އެވަގުތު ބަލައިވެސް ލެވުނެވެ. އޭރު މުއާޒް ބޭރަށް ނިކުމެއްޖެއެވެ.

***

ޖުމާ ގޮސް ލަމްހާގެ ކޮޓަރިއަށްވަނެވެ. އޭރު ލަމްހާ އޮތީ އެނދުގައި ބަންޑުން އޮށޯވެ ބާލީހުން މޫނު ފޮރުވައިގެންނެވެ. ނުތަނަވަސްކަމާާއެކު އެނދުމަގަތުގައި އިށީނދެ ޖުމާ ލަމްހާގެ ކޮނޑުގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން ފެށީ ހައިރާންވެފައި އިނދެއެވެ.

" އޭ! ކިހިނެއްތަވީ؟ މެސެޖް ކުރިގޮތުންވެސް އަހަންނަށް ހީވެއްޖެ ކޮންމެވެސް ކަމެއް ގޯސް ވެއްޖެހެން. އޮފީހަށްވެސް ނުދަންތަ؟ ތެދުވެބަލަާ"

ޖުމާ އާދޭސް ކުރުމުން ލަމްހާ ބޯ ހިއްލާލައި ބަލައިލިއެވެ. އޭރު އޭނާގެ ދެލޯވަނީ ރޮއިރޮއި ދުޅަވެފައެވެ. ލަމްހާގެ މޫނު ފެނި، ޖުމާ އިތުރަށް ހާސްކުރުވިއެވެ.

" ޖުމާ! މާހިލް.. މާހިލް"

އަނެއްކާވެސް ލަމްހާއަށް ރޮވުނެވެ. ލަމްހާ ބުނަން އުޅޭ އެއްޗެއް ނޭނގިގެން ޖުމާގެ ހިތްވެސް ބާރަށް ތެޅިގަނެތެވެ.

" މާހިލްއޭ؟ މާހިލް ކިހިނެއްވީ؟" މަޑުމަޑުން ޖުމާ އަހާލިއެވެ.

އެއާއެކު ލަމްހާ އަނެއްކާވެސް ވަރަށް އުނދަގުލުން ވާހަކަ ދައްކަން ފެށިއެވެ.

" މާހިލް އަހަންނާ ރުޅިވެއްޖެ! " ރޮވިލާފައި ލަމްހާ ބުންޏެވެ.

ޖުމާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޔަޤީނެވެ. މާހިލް އެގޮތަށް ކަންތައް އެކުރީ ޖުމާގެ އުފަލަށެވެ. ޖުމާއަށް ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އެފަދަ ޚިޔާލްތަކަކުން ޖުމާއަށް އުނދަގޫވާން ފެށިއެވެ.

" ކީއްވެ؟ ކޮބާ ސަބަބަކީ؟ " އަވަސް އަވަހަށް ޖުމާ އަހާލިއެވެ.

" އޭނަ ބުނީ.. އޭނަ ބުނީ އޭނަ ރެޑީއެއް ނޫނޯ! ބޭބެގެ ތައްޕާހަކު އުމުރު ދުވަހަކު ނޫޅެވޭނެޔޯ. ކައިވެންޏަކާ ހަމައަށްދާން މާހިލް ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ވެގެންނޯ. އަދި ކައިވެންޏަކާ ހަމައަށްދާން ޚިޔާލުވެސް ނުކުރަމޯ.. އެހެންވެ އަހަރެން ރުޅި އައިސްގެން ބުނިން ދެން އަހަރެން ބޭނުމެއް ނޫނޭ"

ލަމްހާގެ ވާހަކަތައް އަޑުއަހަން އިން ޖުމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ސަބަބުން ލަމްހާއަށް އެވަރުގެ ބޮޑު ދެރައެއް ލިބުނޭ ހިތާ، އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފެށުނެވެ. ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އިންދާ އަނެއްކާވެސް ވާހަކަ ދެއްކީ ލަމްހާއެވެ.

" އަހަރެން މާހިލްދެކެ ހާދަ ލޯބިވަމޭ. އަހަންނަށް ދުވަހަކުވެސް މާހިލްމަތިން ހަނދާންނައްތައެއް ނުލެވޭނެ. "

" ދެން ލަމް ބުނިނަމައެއްނު މާހިލް ރެޑީވަންދެން އިންތިޒާރު ކުރާނަމޭ" ޖުމާ ބުންޏެވެ.

ނަމަވެސް ލަމްހާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫން. އޭނަގެ ވާހަކަ ހުރިގޮތުން އެހާ އަވަހަށް މެރީ ކުރާ ޚިޔާލެއް ނެތް. އަހަންނަށް ދެން ހީވީ އޭނަ އަހަރެންގެ ފަރާތުން ސަލާމަތް ނުވެވިގެން އުޅެނީހެން. އެއްވެސް މީހެއްގެ ކައިރީ ބާކީވާކަން އިޙްސާސް ވެއްޖެއްޔާ އެމީހަކާ އެކީ އުޅުމަކީ ބުއްދިވެރިކަމެއް ނޫން"

ލަމްހާ އެހެން ބުނެ ޖުމާއަށް ބަލައިލިއެވެ. އޭރު ޖުމާއަށްވެސް އިނދެވުނީ އިންތިހާއަސް ދެރަވެފައެވެ.

" ދެން.... އެކަމާ ނުވިސްނާ. އަދި ފަހުން ރަނގަޅުގޮތެއް ވެދާނެ"

ލަމްހާގެ އަތުގައި ހިފާލަމުން ޖުމާ ބުންޏެވެ.

***

" އަހަރެމެން އެހުރިހާ އެއްޗެއް ކީމަ އޭނައަށް ނުކެރިގެން ކަންނޭނގެ ލަމްހާއާ ދުރުވީ"

ޒާރާ ބުންޏެވެ.

" އެކަމަކު... ލަމްހާ ކިހާ ހިތާމައެއް ކުރާނެ. ދޮންތާ! އަހަންނަށް އަމިއްލަ ނަފްސު އެބަ ކުއްވެރި ކުރެވޭ.. އަހަރެންގެ މި ދަރިފުޅަކީ މާހިލްގެ ދަރިއެއްކަން ކޮންމެވެސް ދުވަހަކުން އެނގޭނެ. އެހިސާބުން އަހަރެން ޝާހުގެ މީހެއްގެ ގޮތުގައި ހުއްޓަސް، އަހަރެންގެ ދިރިއުޅުންވެސް ހަމަ ހަލާކުވާނެ. މާތްކަލާކޯ! ކޮންފަދަ ބޮޑު އިމްތިހާނެއް؟ އަހަރެން ކިހިނެއްތަ ހަދަންވީ؟ މިކަމާ ވިސްނާވިސްނާ އެބަ މޮޔަހީވޭ. ނިދެނީއެއްވެސް ނޫން"

އެނދުގައި އިށީނދެ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާވެސް ގޮސް ޖުމާއާ ދާދި ގާތުގައި އިށީނދެއްޖެއެވެ.

" ލަމްހާއާ މާހިލް ދިމާ ނުވި ނަމަ...." އަނެއްކާވެސް ޖުމާއަށް ބުނެވުނެވެ. އެއާއެކު ޒާރާ ޖުމާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ޝާހުއަށް ކިޔައިދީ ހުރިހާ އެއްޗެއް... ދެން ކަންތައްވާނެގޮތެއް އެނގިދާނެއެއްނު.. ކަމެއް ސިއްރުކޮށް، ފޮރުވައިގެން އުޅުމަކުން ލިބޭނެ އެއްވެސް ހަމަޖެހުމެއް ނޯންނާނެ. އޭރުން މުޅި އުރުމުވެސް ކޮއްކޮ ޖެހޭނީ ބިރުން ސިހިސިހި ހުންނަން.. ދޮންތައަށް ފެންނަނީ ހަމަ ހުރިހާ ވާހަކައެއް ޝާހުއަށް ކިޔައިދޭން"

ޒާރާގެ ނިންމުން ޖުމާއަށް ކަމުދިޔައެވެ. އެހެންކަމުން އޭނާވެސް އެގޮތް ބޭނުންވިއެވެ.

***

ގެއަށް އައިސް ވަނުމާއެކު މުއާޒްގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ކޮޓަރިއާ ހަމައަށް ނުދެވި އުޅެނިކޮށް މޫނުމައްޗަށް އަނދިރިވެ އޭނާ ތިރިވެއްޖެއެވެ. އެއާއެކު މީހާގެ ޚަބަރު ހުސްވިއެވެ.

" ކީކޭ؟ " ފުންމައިގެން ތެދުވެ ޒާރާއަށް ބުނެވުނެވެ.

" މިހާރު އޮތީ ހޮސްޕިޓަލްގައި.. ވަރަށް ބޮޑަށް ހަކުރު މަތިވެފައި ހުރީމަ ދެތިން ދުވަސްވެސް ނަގާފާނެޔޯ ދޫކޮށްލަން"

ނަޖީބު ވާހަކަ ދެއްކީ ޒާރާއާއެވެ. އެއާއެކު ޒާރާގެ ދެލޮލުން ފެންތައް އޮހޮރިގަތެވެ.

" މިވަގުތު އޮތީ ނިދިފައި.. ބައްޕަ ގުޅާލާނަން މުއާޒް ހޭލީމަ" އަނެއްކާވެސް ނަޖީބު ވާހަކަ ދެއްކިއެވެ. އާނއެކޭ ބުނެ ޒާރާ ފޯނު ބޭއްވުމަށްފަހު އަވަހަށް ގޮސް ކޮޓަރިއަށް ވަނެެވެ. އޭރު ޖުމާއަށް އޮތީ ނިދިފައެވެ. ނަމަވެސް އަވަސް އަވަހަށް ޖުމާއަށް ގޮވުމަށްފަހު އޭނާ އެނދުގައި އިށީނދެލިއެވެ. އަދި އެއްނޭވާއިން އަވަސް އަވަހަށް ޖުމާއަށް ކަންތައްވީގޮތް ކިޔައިދިނެވެ.

" ދޮންތަ ދެން ދާންވާނެއެއްނު. ބަލިވީމަ ވާނެ ދާން. އެހެން ނޫނަސް އަހަރެން އެހާ ބައްޔެއްވެސް ނޫނެއްނު. ޝާހުވެސް އެހުރީ. އަވަހަށް ބަލަން އުޅެންވީއެއްނު މެންދުރު ފްލައިޓުން ޖާގަ ލިބޭތޯ!"

ޒާރާގެ މޫނުމަތިން އޭނާ ރަށަށް ދާން ބޭނުންވާވަރު ފެނި ޖުމާ ހުރީ އޭނާ ފޮނުވާހިތުންނެވެ. ޖުމާގެ ޖުމްލަ އިވި ޒާރާއަށް އޭނާގެ ގައިގައި ބައްދައިގަނެވުނެވެ.

***

އިންޖެކްޝަން ޖެހުމުގެ ސަބަބުން މުއާޒްގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް އޭނާއަށް ހަމަ ނިދެނީއެވެ. ތެދުވާ ހިތް ނުވެ އޮވެވެނީ ބޯ އަނބުރާގޮތްވެ ހޮޑުވެސް ލަވާތީއެވެ.

" ބޭބެ ދޭ ކާން. އަހަރެން މިއައީ މިތާ އިނދެލަން"

ނަޖީބު ތެދުވީ ޒޯޔާގެ އަޑަށެވެ.

" ބޭބެ އަންނާނަން ދެން އަސްރު ނަމާދު ކޮށްގެން މަންމައާއެކު.. މުއާޒް ތެދުވީމަ މި ބަތްޕެންކޮޅު ދީ"

ކަބަޑުމަތީގައި ހުރި ކޮތަޅެއް ދައްކަމުން ނަޖީބު ބުންޏެވެ. އެއާއެކު ޒޯޔާ އުފަލުން ބޯ ޖަހާލިއެވެ. ނަޖީބު ދިޔުމާއެކު އޭނާ މުއާޒްގެ މުޅި ހަށިގަނޑަށް ބަލައިލިއެވެ. އޭރުވެސް މުއާޒް އޮތީ ނިދާފައެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި ޒޯޔާ އިށީނދެލިއެވެ. ޕްރައިވެޓް ކޮޓަރިއެއް ކަމުން އިތުރު މީހަކު އެތާކު ނެތެވެ. ޒޯޔާ އިނީ ހިތް ފުރެންދެން މުއާޒަށް ބަލަން ބޭނުންވެފައެވެ. އެތައް އިރެއް ވަންދެން އޭނާ އެހެން އިނެވެ.

މެރިފައިވާ މުއާޒްގެ ދެލޯ ހުޅުވާލެވުމާއެކު ކައިރީގައި އިން ޒޯޔާ ފެނުނެވެ. ހިތް ނުތަނަވަސްވީ ނަމަވެސް އެއްޗެއް ބުނާނެ ހިތްވަރު ނެތް ކަހަލައެވެ.

“ އުޅޭ ބަތްޕެން ފޮދެއް ބޯލަން “ ހެވިފައި ޒޯޔާ ބުންޏެވެ.

އޭނާގެ ހަރަކާތްތަކަށް ބަލަން އޮވެ މަންމަ ކޮބައިތޯ މުއާޒް އެހިއެވެ.

“ މަންމަމެން އަންނާނެ ހަވީރު. ދެން މިހާރު ހަވީރު ވަނީއެއްނު. “
ސަމްސާ ނަގާ މުއާޒްގެ އަނގަޔާ ގާތްކޮށްލަމުން ޒޯޔާ ބުންޏެވެ. އެއާއެކު މުއާޒް މޫނު ދުރުކޮށްލިއެވެ.

” ކިހިނެއްވީ؟ އަހަރެންގެ އަތުން ކާލަބަ”
ނުހަނު ލޯތްބާއެކު ޒޯޔާ ބުންޏެވެ. ވަގުތަކީ ޒާރާ އައިސް ދޮރު ހުޅުވާލި ވަގުތެވެ. ސިހިފައި ޒޯޔާގެ އިތުރުން މުއާޒަށްވެސް ބަލައިލެވުނީ ޒާރާގެ މޫނަށެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)