ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (47)

Ruheveyni kon hithakun

ކުރީގެ އަދަދާ ގުޅޭ:

" މަންމަމެން ޤަބޫލު ނުކުރިޔަސް ހަގީގަތް ހާމަ ކުރަން އެބަ ޖެހޭ... ޖުމާ އެދުވަހު މާހިލްގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ނޫން މަންމާ! އެއީ ތެދު. މިއަދު މާހިލް ޒާރާ ގާތު ވެސް އެކަމަށް އެބަ އެއްބަސް ވޭ." އަސަރާއެކު މާހިލް ބުނެލިއެވެ.

އެއާއެކު ކަފީލާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ޒާރާގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. ޒާރާއަށް އިސްޖަހާލެވުނެވެ.

"އަހަންނަށް ހިއެއް ނުވެ ތިއީ ތެދެއް ހެންނެއް. އަހަރެންގެ މާހިލް އެކަހަލަ ކަމެއް ނުކުރާނެ." ކަފީލާ ބުންޏެވެ. ކަންބޮޑުވެ ހުރެއެވެ.

އޭރު ނަޖީބު ވެސް ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. އަވަސް އަވަހަށް ޖީބުން ފޯނު ނެގުމަށްފަހު ނަޖީބު މަސައްކަތް ކުރީ މާހިލްއަށް ގުޅާށެވެ. ނަމަވެސް އެކަން ކަފީލާ ހުއްޓުވިއެވެ.

"ނަޖީބް. އަންނަ ރުޅީގައި އެސޮރަށް އެއްޗެހި ނުކިޔާތި. އަދިވެސް ތީގެ ހަގީގަތް ބަލަން ޖެހޭނީ." ކަފީލާ ބުންޏެވެ.

"މަންމާ. ދެން މީގަ އެބައޮތްތަ ބަލަން ޖެހޭނެ އިތުރު ކަމެއް. އަޅުގަނޑަށްވެސް ފެންނަނީ ބައްޕަ ކޮއްކޮ ގާތު އަހާލަން." މުއާޒް ބުނެލިއެވެ.

ފޯނު ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނަޖީބު މާހިލަށް ގުޅިއެވެ. ނަމަވެސް އޭރު މާހިލްގެ ފޯނު އޮތީ އޮފް ކޮށްފައެވެ.އޭރު ޒާރާ ހުރީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ.

"ޒާރާ  މިގެއަށް ތިއައީ މި ކަންތައްގަނޑު ހިލުވާލަންތަ؟" ހިތްހަމަ ނުޖެހިފައި ކަފީލާ އެހިއެވެ.

"ނޫން. ނޫން މަންމާ. ކަންތައް ވީ ގޮތް މަންމައަށް އެނގިލައްވާނަމަ ތިހެން ނުބުނާނެ." ޒާރާ ބުންޏެވެ. ދެރަވެލާފައެވެ.

އެއާއެކު ކަފީލާއަށް ދެލޯ ކުޑަކޮށްލެވުނެވެ. އަޑުއަހަން ބޭނުންވެފައި ހުރި ގޮތަކަށް ޒާރާއަށް އޭނާ ބަލަން ފެށިއެވެ.

"މި ފަހުން ޖުމާއާ މާހިލް ބައްދަލްވީ މާހިލް މިހާރު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ލަމްހާގެ ގެއިން. ލަމްހާގެ ގޭގައި އަޅުގަނޑުމެންވެސް މި އުޅެނީ. އަދި ލަމްހާގެ ބޭބެ ޝާހު، ޖުމާއާ ކައިވެނި ކުރަންވެސް ބޭނުން ވޭ." ޒާރާ ކިޔައިދިނެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ހައިރާން ކަމެވެ.

"ޖުމާގެ ދަރިފުޅަކީ މާހިލްގެ ދަރިއެއްކަމެއް ޝާހު އަދި ލަމްހާއަކަށްވެސް ނޭނގޭނެ. ޖުމާ ހުރީ މިހާރު ވަރަށް ބިރުން. އެކަން ކޮންމެވެސް ދުވަހަކުން އެނގޭނެތީ. އެހެންވެ އަހަރެން މާހިލްއާ އެވާހަކަ ދެއްކީ. އޭގެ އަނެއް ދުވަހު މާހިލް، ލަމްހާއާ ރުޅި ވެއްޖެ. އެކަމަކު ޖުމާ އަދިވެސް ހުރީ ވަރަށް ކަންބޮޑުވެފައި. އެހެންވެ އޭނަ ބޭނުންވަނީ ހަަގީގަތް އެމީހުންނަށްވެސް ކިޔައިދޭން." ޒާރާ ވާހަކަ ދައްކަމުން ގޮސް ކަފީލާއަށް ފުރަގަސް ދިނެވެ.

"އެކަމަކު.. އޭރުން ލަމްހާ އަދި ޝާހުގެ ނަފްރަތުވެސް ޖުމާއަށް ލިބޭނެ. އަދި އަހަރެމެންނަށް އެގޭގައި އުޅެންވެސް އުނދަގޫ ވާނެ. ކޮންމެ ގޮތެއް ވިޔަސް ހުރިހާ ކޮޅުކެއްސެއް މި ލިބެނީ އަހަރެންގެ ކޮއްކޮއަށް." ޒާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކޮންފަދަ ބޮޑު ކަންތައްތަކެއްތަ؟ދެން މާހިލް ގާތު ބުނޭ ތި ލަމްހާއާ ގުޅޭނެ ކަމެއް ނެތޭ. ދެން ޖުމާއަށް ތިބުނާ ޝަހަކާ އިނދެވިދާނެ އެއްނު." ކަފީލާ ބުނެލިއެވެ.

އޭނާގެ ޖުމްލަތަކުން ޒާރާއަށް އަވަސް އަވަހަށް ކަފީލާގެ މޫނަށް ބަލައިލެވުނެވެ.

"މަންމާ. އެއީ ޖުމާއަށް އެހާ ފަސޭހަ ކަމެއް ނޫނޭ. ބޮޑު ކަމެއް ސިއްރުކޮށްގެން އެފަކީރަކަށް ނުހުރެވޭނެދޯ. ލަމްހާއަކީ މިހާރު ޖުމާގެ އެންމެ ގާތް އެކުވެރިޔާ. އެމީހުންގެ ހެޔޮކަމުން އަހަންނަށް މިއަދު މިތަނަށްވެސް މި އާދެވުނީ. މަންމަމެން ކީއްވެތަ މާހިލް ބޭޒާރު ވެދާނެތީ އަބަދު އޭނަ ދިފާއު ކުރަނީ؟ އެހެން ހެދީމަ އޭނައަށް ލިބޭނީ އިތުރު ހިތްވަރެކެއްނު." ކެތްތެރިކަން ކޮޅުން ލުމުން ޒާރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ޒާރާ އެބުނީ ތެދެއް. މާހިލް ގޯސް ކަމެއް ކުރިޔަސް ކަފީލާ ހުންނާނީ އެކަމެއް ސިއްރުކޮށް އޭނާ ދިފާއު ކުރަން އެންމެ ކުރީ ސަފުގައި. އެއީ ވަރަށް ބޮޑު ގޯހެކޭ. ތިހެން އަނގައިން ބުނެލަން ކިތަންމެ ފަސޭހަ ވިޔަސް އެކަމެއް ތަހައްމަލް ކުރާ މީހަކަށް އެއީ ހާދަ އުނދަގޫ ކަމެކޭ. މީހުންގެ އިހްސާސް ތަކަށް ކޮންމެވެސް ވަރަކަށް އިހްތިރާމް ކުރަން ޖެހޭނެހެން އަހަންނަށް ހީވަނީ." ނަޖީބު ބުންޏެވެ. ރުންކުރު ރާގަކަށެވެ.

ކަފީލާއަށްވެސް އޭނާގެ ކުށް އިހްސާސް ކުރެވެއެވެ. ނަމަވެސް އެގޮތް ގަބޫލު ކުރަން އޭނާ ބޭނުން ނުވަނީއެވެ.

"ހޫމް. ދެން އެންމެ ރަނގަޅޭ. މާހިލް އިންނާނެ މީހަކު އެނގޭނީ އޭނައަށް. އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ގަދަކަމުން ކުރުވާކަށް. ގަދަކަމުން ކުރުވަން އުޅުނަސް މަގޭ ދަރިން މަގޭ ބުނާ ގޮތެއް ނަހަދާނެ." މުއާޒަށް ކަޅި އެއްލަމުން ކަފީލާ ބުންޏެވެ.

"މުއާޒް ދޭ އަރާމު ކޮށްލަން. ބައްޕަ މިދަނީ ފިހާރައަށް." ނަޖީބު ބުނެލިއެވެ.

މުއާޒްއާ އެކު ޒާރާވެސް ކޮޓަރިއާ ދިމާލަށް ދިޔައެވެ. އޭރުވެސް ކަފީލާ ހުރީ ސޯފާ ކައިރީ ކޮޅަށެވެ.

" ނަޖީބު" ދޮރުން ނިކުމެ ނިކުމެ ހުރި ނަޖީބު ހުއްޓުނީ ކަފީލާ އޭނާއަށް ގޮވާލުމުންނެވެ. ތަންކޮޅެއް ބާރަށް ކަފީލާ ގޮސް ނަޖީބު ގާތު ހުއްޓުނެވެ.

"ޒޯޔާ ރުޅި ހަދާފައި ގޮއްސި." ކަފީލާ ބުންޏެވެ. މަޑުމަޑުންނެވެ.

 

ނަޖީބުގެ މޫނުމަތިން ފެނުނު ހައިރާންކަމުގެ ސަބަބުން ކަފީލާ ބޭނުންވީ ކަންތައް ވީ ގޮތް އޭނާއަށް ކިޔައިދޭށެވެ.

"އެމީހުން ބުނި ޒޯޔާ މުއާޒްދެކެ ލޯބިވާ ވާހަކަ. ކޮންމެ ހާލެއްގައިވެސް ޒޯޔާ މުއާޒް ހާސިލް ކުރަން ބޭނުންވި. އޭނަ އެކަމަށް ވަރަށް މަސައްކަތް ކުރި. އަހަންނަށްވެސް އެކަމުގައި ކޮންމެވެސް ވަރަކަށް ބައިވެރި ވެވުނު. ޒީޔާ އެ ދިޔައީ ޒާރާ އައީމަ. އަދި މުއާޒްގެ ފަރާތުން އޭނައަށް އެއްވެސް އެފަދަ އިޝާރާތެއްވެސް ނުވީމަ." ކަފީލާ ބުންޏެވެ. ބިރުން ހުރެއެވެ. ނަޖީބު ރުޅި އަންނާނެވަރު އޭނާއަށް އެނގެއެވެ.

"އަހަރެން ހިއެއް ނުކުރަން އަހަރެންގެ އަނބިމީހާ، އަދި އަހަރެންގެ ދަރިންގެ މަންމައަކީ ތިހާ ނުބައި މީހެއް ކަމަކަށް. އެހެން ބައެއްގެ އުފަލަށްޓަކައި ދަރިންގެ އުފާތަކަށް އަރައިގަންނާނީ ވަރަށް އަހުލާގެއް ނެތީމަ. އެކުދިންނަށް ތިކަން އެނގުނީމަ ކިހާ ފޫހިވާނެ. ތިކަހަލަ އަންހެނުންނަކީ މަންމައިންގެ މަތިވެރި ލަގަބަށް ހުތުރު އަރުވަން ތިބޭ ބައެއް." ރުޅިވެރި ކަމާއެކު ނަޖީބު ބުންޏެވެ.

 

މީގެ ކުރިން ނަޖީބަކީ އެފަދަ ގޮތަކަށް ދުވަހަކުވެސް ކަފީލާއާ ވާހަކަ ދައްކާފައިވާ މީހެއް ނޫނެވެ. އެހެންކަމުން ކަފީލާ އިންތިހާއަށް ދެރަވެ،ލަދުވެސް ގަނެއްޖެއެވެ. އޭރު އޭނާގެ މޭ ނުހަނު ބާރަށް ތެޅެމުން ދެއެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް ނަޖީބު ނިކުމެގެން ދިޔައެވެ.

 

ދޮންތަ ދިޔަ ފަހުން ޖުމާއަށް އަދި މާ ބޮޑަށް ފިކުރު ކުރެވެއެވެ. ލަމްހާ އޮހޮރާ ކަރުނައާއި ކުރާ ހިތާމަ ފެނި، ޖުމާ ނުހަނު ކަންބޮޑުވެއެވެ. މާހިލްގެ ސަބަބުން ލަމްހާގެ މިޒާޖަށް އައި ބޮޑު ބަދަލުތައްވެސް ޖުމާއަށް ފެނެއެވެ. އެކަމާ ޝާހު ވިސްނާ ވިސްނުންވެސް އެނގެނީ ހަމަ އޭނާއަށެވެ.

"މާހިލް އެގޮތަށް ކަންތައް ކުރީމަ ކޮއްކޮ މުޅިން ބަދަލު ވެއްޖެ. އެހާ ސަމާސާކޮށް، މަޖާ ކުރާ ކުއްޖެއް އެއީ. އެކަމަކު މިހާރު އެ މޫނުމަތިން ހިނިތުންވުމެއް ނުފެނެ. އަބަދުވެސް އިންނަނީ މާޔޫސްވެފައި. މިއަދު ބުނި އޮފީހުން ކެނޑުނު ވާހަކަ. މާހިލް ފެންނަ ހިސާބަށްވެސް ދާން އޭނަ ބޭނުމެއް ނުވެ." ޝާހު ބުންޏެވެ.

 

ޝާހު އިނީ ޖުމާގެ ގޭގައެވެ. ސިޓިންގރޫމްގައި ހުރި މޭޒު ކައިރީގައެވެ. ކުރިމަތީގައި ހުރި ކޮފީތަށިން ފަހަރަކު އެތިފޮދެއް ބޮމުން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

" އަހަންނަކަށްވެސް ނޭނގެ މާހިލްއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ކަމެއް. ކައިވެނިކުރަން އެއްބަސްވެފައި ހުރިހާ ކަމެއްވެސް އެހާ ރަނގަޅަށް ގޮސް.. ދެން ނޭނގެ! އޭނައަށް ވީ ކީއްކަމެއް؟" ޝާހު ބުންޏެވެ.

ޝާހުގެ ވާހަކަ ތަކުން ޖުމާގެ ހިތް މަޑަކުން ނޯތެވެ. ހިތް ބިރު ގަންނަނީއެވެ. ކުރިމަތީގައި އެ އިން މާތް އިންސާނާއަށް އޮޅުވާލައިގެން އިންނަން ޖެހިލުން ވަނީއެވެ. ހަގީގަތް ހާމަ ކުރަން އެތައް ފަހަރަކު ހިތް އެދުނެވެ. އެކަމަކު އެއީވެސް ފަސޭހަ ކަމެއް ނޫނެވެ.

"ޖުމާ! ކީއްވެ އަނގައިން ނުބުނެ ތި އިންނަނީ؟ އަހަންނަށް ހީވަނީ ޖުމާ ވެސް ވަރަށް ފިކުރު ކުރާ ހެން." ޝާހު އެހިއެވެ.

 

އެއާއެކު ޖުމާ ހީލިއެވެ. ގަދަކަމުންނެވެ. ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޝާހު ކުރިމަތީގައި އިންނަން އުނދަގޫ ވެގެން އޭނާ ތެދުވިއެވެ.

 

" އަހަރެން ވަރަށް ބޮޑަށް އެބަ ބޮލުގައި ރިއްސާ. ބޭނުންވަނީ އަރާމު ކޮށްލަން." ޖުމާ ބުންޏެވެ. ބަނޑުގައި އަތް ޖައްސާލަމުންނެވެ.

 

"އޯހް. ނުވެސް ބުނަމެއްނު. ބޭސް ކައިގެން އޮށޯވެލާ. ތިހެން ބުނި ނަމަ އަހަރެން މިހާ ގިނައިރު ނުވެސް އިނީމުސް." ޝާހު ތެދުވިއެވެ. ޖުމާ އެއްވެސް އެއްޗެއް ނުބުންޏެވެ. ލުއި ގޮތަކަށް ހީލުމަށްފަހު އޭނާވެސް ތެދުވީއެވެ.

 

ކޮޓަރިއަށް ވަންގޮތަށް ޖުމާ ޒާރާއަށް ގުޅިއެވެ. އޭރު އޭނާއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ.

"ދޮންތާ، އަހަންނަކަށް ދެން މިކަން ސިއްރެއް ނުކުރެވޭނެ،" ޖުމާ ބުންޏެވެ.

"ކޮއްކޯ، އިތުރު ކަމެއް ވީތަ؟" ޒާރާ ސުވާލު ކުރިއެވެ. ހާސްވެފައެވެ.

އެއާއެކު ޝާހު ދެއްކި ހުރިހާ ވާހަކައެއް ޖުމާ ކިޔައިދިނެވެ. އެކަން ވީ ޒާރާއަށް ވެސް ލިބުނު އިތުރު އުނދަގުލަކަށެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ޒާރާ ސޯފާގައި އިށީނެވެ.

"ޝާހުއަށް ކިޔައިދޭން ބޭނުން ވަނީތަ؟" ޒާރާ އެހިއެވެ.

"ބޭނުން. އެކަމަކު ހިތްވަރެއް ނެތް." ޖުމާ ބުންޏެވެ.

ޖުމާ ގޮތް ހުސްވެފައިވާ މިންވަރު ޒާރާއަށް އިހްސާސް ކުރެވުނެވެ. އެހީތެރިވާން އިންތިހާއަށް ބޭނުންވި ނަމަވެސް ދެން ކަންތައް ކުރާނެ ގޮތް ޒާރާއަކަށްވެސް ނުވިސްނުނެވެ.

"ދޮންތާ. އަހަރެން މާހިލްއަށް ގުޅަންތަ؟" ޖުމާ ބުނެލިއެވެ. ފަސޭހަ ކަމާއެކުގައެވެ.

ޖުމާގެ ޖުމްލައިން ޒާރާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެހެންކަމުން ގުޅަނީ ކީއްކުރަންތޯ އޭނާ ސުވާލު ކުރިއެވެ.

"ދެން ނޭނގެ. މާހިލްއާ ވާހަކަ ދައްކާ ލެވުނީމަ ހަމަޖެހުމެއް ލިބޭނީ." ޖުމާ ބުންޏެވެ.

ޖުމާއަށް ލިބިފައިވާ ނުތަނަވަސްކަން ފިލާނީ މާހިލްއާ ވާހަކަ ދައްކައިގެންކަން ޒާރާއަށް ވިސްނުނެވެ. އެހެންކަމުން އެއީ ރަނގަޅު ގޮތެއްކަމުގައި ޒާރާ ބުންޏެވެ. ޖުމާގެ އެދުމުގެ މަތިން މުއާޒްގެ ފޯނުން އޭނާ މާހިލްގެ ނަންބަރުވެސް ޖުމާއަށް ފޮނުވައިދިނެވެ. ޖުމާގެ ހިތްހަމަ ޖެހުމަކީ ހުދު އޭނާގެ ވެސް ހިތްހަމަ ޖެހުމެވެ. މިއަދު ޖުމާގެ އުފަލަށް އޭނާ ކޮންމެ ކަމެއްވެސް ކުރާނެއެވެ.

 

މާހިލްގެ ނަންބަރަށް ބަލަހައްޓައިގެން ޖުމާ އިރުކޮޅަކު އޮތެވެ. މާހިލްއާ ވާހަކަ ދައްކަން އޭނާގެ ހިތް އިންތިހާއަށް ދެކޮޅު ހަދާ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. އެކަމަކު ހިތާ ދެކޮޅަށްވެސް އޭނާ މާހިލްއަށް ގުޅައިފިއެވެ.

"ހަ...ހަލޯ؟" މާހިލްގެ އަޑު ޖެހުމާއެކު ޖުމާ ބުންޏެވެ.

ޖުމާގެ އަޑު މާހިލްއަކަށް އޮޅިފައެއް ނެތެވެ. މޭމަތީގައި އޮތް ބާލީސް ނަގަމުން އޭނާ ފުންމައިގެން ތެދުވިއެވެ. އޭރު މަތީ އެނދުގައި އޮތް ހަސަންވެސް އޮތީ ފޯނެއްގައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، މާހިލް ބެލްކަންޏަށް ނިކުތީ އެކަނި ވެލުމަށެވެ.

"ހަލޯ" ދެވަނަ ފަހަރަށް ޖުމާ ގޮވާލިއެވެ.

"ޖުމާ؟ ކި...ކިހިނެއްވީ؟" އޯގާތެރިކަމާއެކު މާހިލް ބުނެލިއެވެ.

މާހިލްގެ އަޑުން ޖުމާއަށް ދެލޯ މަރާލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން މާހިލް ޖުމާއާ ވާހަކަ ދެއްކީ ހަމަ އެހާ އޯގާތެރިކޮށެވެ. އެހާ ލޯބިވެތި ގޮތަކަށެވެ. އެ އަޑާއި އެ ރާގުން ޖުމާގެ ހިތް މަޑުވެގެން ދިޔަ ކަހަލައެވެ.

"މާހިލް." މާޔޫސީ ރާގެއްގައި ޖުމާ ގޮވާލިއެވެ.

"މްމްމް" އަޑުއަހާ ހިތުން މާހިލް ހޫމް އަޅުވާލިއެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ޖުމާއަށް އިތުރު ތަކުލީފުތަކެއް ލިބޭކަށް،" މާހިލް ބުންޏެވެ.

"އިތުރަށް އަހަންނަށް ދެވޭނެ ތަކުލީފެއް އެބަ އޮތްތަ؟" ޖުމާ އެހިއެވެ.

"ލަމްހާ އަދިވެސް ވަރަށް ހިތާމަ ކުރޭ. އަހަންނަށް އެނގޭ މާހިލް ލަމްހާދެކެ ލޯބިވިކަން. ދެމީހުން އުޅުނީ ވަރަށް ލޯބިންކަންވެސް އެނގޭ. މާހިލް ލަމްހާއާ ވަކިވީ އަހަންނާހެދި އެއްނު؟" ޖުމާ އިތުރު ކޮށްލިއެވެ.

"އަހަރެން ލޯބިވީ ޖުމާދެކެ. އެކަމަކު ކައިވެނީގެ ކުރިން އަހަންނަށް ހެދުނު ގޯހަކުން ވަކިވާން މަޖުބޫރުވީ. އޭރު އަހަންނަށް  އެގޮތަށް ކަންތައް ކުރީ ބިރުން. " މާހިލް އަވަސް އަވަހަށް ބުންޏެވެ.

"ދެން އެވާހަކަތައް ބާއްވާ. އެކަން ވެ ނިމިއްޖެ. އަހަންނަށް ކުރިމަތިލާން ޖެހުނު ކަންކަމާ ކުރިމަތިވެސް ލީން،" ޖުމާ ބުނެލިއެވެ.

"އަހަންނަށް އެނގޭ ޖުމާ ދުވަހަކުވެސް އަހަންނަށް ދެން ނުލިބޭނެކަން. އަހަރެންދެކެ ޖުމާ އިންތިހާއަށް ރުޅި އަންނާނެކަންވެސް އެނގޭ. އެހެންވެ އަހަރެން އުއްމީދެއް ނުކުރަން ޖުމާއާ ގުޅުމެއް ބާއްވާކަށްވެސް. ލަމްހާއާ ރައްޓެހިވީ ސީރިއަސްވެގެން. ދިރިއުޅުމެއް ފަށަން  ބޭނުން ވެގެން. އެކަމަކު އަހަރެންގެ ހިތުގައި އަދިވެސް އޮތީ ޖުމާގެ ނަން. " މާހިލްގެ ވާހަކަތަކުން ޖުމާއަށް އުނދަގޫ ކުރުވަން ފެށިއެވެ.

"ޕްލީޒް މާހިލް ތިހެން ވާހަކަ ނުދައްކަ ފާނަންތަ؟ އަހަރެން މިއުޅެނީ މިދަރިފުޅުގެ ބައްޕައަކީ ކާކުކަން ލަމްހާއާއި ޝާހު ގާތު ބުނަން ބޭނުން ވެގެން. އެކަމާ އަބަދު ބޯ ހާސްވަނީއޭ،" ޖުމާ އަވަސް އަވަހަށް ބުންޏެވެ.

"އަހަރެން ތިކަމާ ކީކޭ ބުނާނީ؟ ޖުމާގެ ދިރިއުޅުމަށް އެއީ ރަނގަޅު ނިންމުމެއް ކަމުގައި ވަންޏާ އެމީހުން ގާތު ބުނޭ." މާހިލް ބުންޏެވެ. އެ އަޑުގައިވާ ނުތަނަވަސްކަން ޖުމާއަށް ދެނެގަނެވުނެވެ. ނަމަވެސް މާހިލް އެކަމާ އެއްބަސް ވުމުން ޖުމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

"ޖެހިލުންވޭ ބުނަން ވެސް. އެކަމަކު ނޭނގުމެއްގެ ތެރޭގައި ޝާހު ބަހައްޓައިގެން އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް." ޖުމާ އިތުރު ކޮށްލިއެވެ.

"ޖުމާ ހަމަ އެ ކައިވެނި ކުރާނަންތަ؟" ބޭއިހްތިޔާރުގައި މާހިލްއަށް އަހާލެވުނެވެ.

"މްމް. އެއީ އަހަންނަށާ އަހަރެންގެ މި ދަރިފުޅަށް އެންމެ ރަނގަޅު ގޮތް. އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހަކު އަހަރެން ނިހާޔަތަށް ބޭނުން. މި ހާލުގައި ވެސް ޝާހު ހުރީ އަހަރެން ގަބޫލު ކުރަން ތައްޔާރަށް. އެކަމަކު މި ދަރިފުޅުގެ ބައްޕައަކީ މާހިލްކަން އެނގުނީމަ ދެން ނޭނގެ ކަންތައް ވާނެ ގޮތެއް. ލަމްހާގެ ހިތާމަތަކާމެދު ޝާހު ވަރަށް ކަންބޮޑުވޭ."

ޖުމާ ކިޔައިދިނެވެ. އަޑުއަހަން ހުރި މާހިލްއަށް ޖުމާގެ ވާހަކަތަކުން އަސަރު ކުރުވައިފިއެވެ. އެހެން މީހަކަށް ޖުމާ ލިބޭކަށް އޭނާގެ ހިތެއް ނޭދުނެވެ. ނަމަވެސް ހިތް ބޭނުންވާކަންތައް ހާމަ ކުރާކަށް އޭނާއަކަށް ނުވެސް ކެރުނެވެ.

"ޖުމާ ޝާހުދެކެ ލޯބިވޭތަ؟" މާހިލް އެހިއެވެ.

ޖަވާބެއް ދޭން ޖުމާއަށް އުނދަގޫވިއެވެ. އެވަގުތު އޭނާއަށްވެސް އެސުވާލު ހިތުގައި ތަކުރާރު ކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *