ކުރީގެ ޢަދަދާ ގުޅޭ:
" ކަފީލާވެސް މިހާރު މާ އަނގަ ގަދައީއޭ! ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް ހުންނަން ޖެހޭނެހެން ހީވަނީ! ދަރިންނާ ތިގޮތަށް ޖައްސާލައިގެން އުޅެވޭނެ ކަމަށް ހީ ނުކުރައްޗޭ! ތިއީ މީގެ ކުރިން ކަފީލާގެ ގައިގައި ހުރި ސިފައެއް ނޫން.. އަހަރެން އުއްމީދުކުރަން މި ދެއްކި ވާހަކަތަކާ މެދު ވިސްނާނެކަމަށް"
ހަރުކަށި ރާގަކަށް ވާހަކަ ދެއްކުމަށްފަހު ނަޖީބު އެތެރެއަށް ވަނެވެ. އޭރުވެސް ކަފީލާ ހުރީ ތުންދަމާފައެވެ.
***
ޖުމާ ގޮސް ލަމްހާގެ ކޮޓަރި ދޮރު ހުޅުވާލުމާއެކު އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ލަމްހާ މާ ރީތިވާންތަން ފެނި ޖުމާއަށް ހިނިތުން ވެލެވުނެވެ.
" މިގަޑީގައި ކޮންތާކަށް ދާން؟ "
ލަމްހާގެ އެނދުގައި އިށީނދެލަމުން ޖުމާ އަހާލިއެވެ. އެއާއެކު ހިނިތުންވެލަމުން ލަމްހާ ގަޔަށް ސެންޓް ބުރުވާލިއެވެ.
" ޖޮބް ހަމަޖެހިގެން ރޭގަ ގުޅައިފި.."
" ހޭ އަސްލުވެސްތަ؟ ވަރަށް އުފާވެއްޖެ.. ކާންދޭން ވާނެ"
އުނގުމަތީގައި ބާލީސް ބާއްވާލަމުން ޖުމާ ބުނެލީ ހެވިފައި އިނދެއެވެ. އެއާއެކު އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލުމަށްފަހު ލަމްހާ ގަޑި ބަލައިލިއެވެ.
" ހޫމް.. ތިކަން ވެދާނެ.. އެކަމަކު އަހަރެންގެވެސް އެބައޮތް ވަރަށް ބޮޑު އެދުމެއް! "
ލަމްހާ އެހެން ބުނުމާއެކު ޖުމާގެ މޫނުމަތީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ.
" އަހަންނަށް ކޮށް ނުދެވޭނެވަރުގެ ކަމެއް ލަމްއަކަށް ނުބުނެވޭނެ.. އަހަރެން އަބަދުވެސް ލަމް އަހަންނާމެދު ބަހައްޓާ ގާތްކަން ދެކޭނަން"
" ހޫމްހޫމް.. އެއްކަލަ ފަތިވަރު ގޮވަން ފެށީ.. އަހަރެން ހަމަ އެއްޗެއް ބުނާއިރަށް ޖުމާ ޖެހޭތަ ތި ހުރިހާ ވާހަކަތަކެއް ދައްކަން؟ "
އަތު ކުރީގައި ގަޑި އަޅާލަމުން ލަމްހާ ބުނެލިއެވެ. އެއާއެކު ޖުމާ ވެސް ބޭރަށް ނިކުންނަން ހިނގައިގަތެވެ.
" ކޮންމެ ދުވަހަކުވެސް މެންދުރު އެކެއް ޖަހާއިރު މިގެއަށް ވަދެލައްޗޭ ކާން ހަދާލަން.. ކާއެއްޗެހީގައި މަތި ޖަހާފައި ދޭ! އޭރުން އޯކޭ ވާނެ.. ބޭބެ އަންނައިރު ކާން ނަހަދާ ހުރިއްޔާ ބޭބެއަށް ލަސްވާނެ.. ދެން މިޖެހުނީ ޖުމާއަށް ޑަބަލް ތަޅުދަނޑިއެއްވެސް ދޭންތާދޯ! "
ލަމްހާގެ ވާހަކަ އަޑުއިވުމުން ޖުމާގެ ހިތް ނުތަނަވަސްވީ ނަމަވެސް އޭނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
" އަން! މި ތަޅުދަނޑި ހިފައިގެންދޭ! އަހަރެން ހުންނާނީ ކައްކާފަ! ހަނދާންކޮށް ކާން ހަދާލަން އަންނާތި"
ގެއިން ނިކުންނަމުން ލަމްހާ، ޖުމާގެ އަތަށް ތަޅުދަނޑި ދިނުމަށްފަހު ލިފްޓަށް ފިތާލިއެވެ. އޭރުވެސް ޖުމާ ހުރީ ލިފްޓް ދޮރުމަތީއެވެ.
***
އުސް އިމާރާތެއްގެ ކުރިމަތީގައި މާހިލް އިރުކޮޅަކު މަޑުކޮށްގެން ހުރުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ނުވައެއް ޖަހަން ފަސް މިނިޓަށް ވެއްޖެއެވެ. ވަށައިގެން ބަލަމުން ގޮސް އޭނާ ހުއްޓުނީ ލިފްޓް ދޮރުމަތީގައެވެ. ދާންވީ ކޮން ފަންގިފިލާއަކަށް ކަމެއް ނޭނގިގެން ފޯނުން މެސެޖް ބަލައިލިއެވެ. އެއާއެކު ލިފްޓް ދޮރު ހުޅުވުނެވެ. އަވަސް އަވަހަށް ލިފްޓަށް އެރީ ހާސްވެ ހުރެއެވެ. އެކަނިމާއެކަނި ލިފްޓައި ހުންނަން ޖެހުމުގެ ސަބަބުން މާހިލްހުރީ ނުތަނަވަސް ވެފައެވެ. ހަމަ އެވަގުތެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ލަމްހާ ލިފްޓަށް އެރުމަށްފަހު ނަންބަރު ތަކަށް ބަލައިލިއެވެ. އޭރު މާހިލް އޮތީ މާކުރިން ފަސްވަނަ ނަންބަރަށް ފިތާފައެވެ. އިސްޖަހާލައިގެން ހުރި ލަމްހާގެ މޫނަށް ވަގުލޮލުން މާހިލް ބަލަމުން ދިޔައެވެ. އޭރު މުޅި ލިފްޓުގައިވެސް ހުރީ ލަމްހާގެ ގައިން ދުވާ މީރުވަސް ހިފާފައެވެ.
ލިފްޓްގެ ދޮރު ހުޅުވުމާއެކު މާހިލް ތެޅިގަތެވެ. އަލަށް އައި ތަނަކަށް ވެފައި ހަދާނެ ގޮތް ނޭނގުމުން އޭނާ ބޭނުންވީ ލަމްހާ އާ ވާހަކަ ދައްކާށެވެ.
" ހައި! "
ދުރަށް ހިނގައިގަތް ލަމްހާގެ ކަންފަތުގައި މާހިލްގެ އަޑު ޖެހުމާއެކު ލަމްހާ ހުއްޓި ފަހަތް ބަލައިލިއެވެ. އޭރު ހެވިފައި ހުރި މާހިލް އޭނާއާ ދިމާލަށް އާދެއެވެ. ބީރައްޓެހި ގޮތަކަށް މާހިލަށް ބަލަހައްޓައިގެން ލަމްހާއަށް ހުރެވުނެވެ.
" މެޑަމް ރިންޒީގެ ރޫމް ހުންނަނީ ކޮން ހިސާބެއްގައިކަން އެނގޭތަ؟ "
މާހިލްގެ ސުވާލުން ލަމްހާއަށް ހިނިތުން ވެވުނެވެ.
" އަހަރެންވެސް މިއައީ ރިންޒީ މެޑަމްއާ ބައްދަލް ކުރަން... އާދޭ! "
ހެވިފައި ހުރެ ލަމްހާ ބުންޏެވެ. އެހެންކަމުން ލަމްހާގެ ފަހަތުން މާހިލް ހިނގައިގަތެވެ. ލަމްހާގެ ސޫރައާ އެއްވަރަށް އޭނާގެ އަޑުގައިވާ ޖާދުވީ އަސަރުތައް މާހިލްގެ ހިތަށް ފޯރި ކަހަލައެވެ. އެހެންކަމުން ލަމްހާއާ ވާހަކަ ދައްކާ ހިތުން އޭނާގެ ހިތް ތެޅިފޮޅެން ފެށިއެވެ.
" މިތަނުގައި އުޅެނީ ވަޒީފާގައިތަ؟ "
ލަމްހާއަށް އެއް ހަމައަކަށް އެރުމަށްފަހު މާހިލް ސުވާލު ކުރިއެވެ. އެއާއެކު އަތުގައި އޮތް ފޯނަށް ބަލައިލަމުން ލަމްހާ ބޯ ޖަހާލީ އަނެއްކާވެސް ހީލަމުންނެވެ.
" ހޫމް.. އެކަމަކު އަދި އަލަށް މިއައީ! "
އޭރު ދެމީހުންނަށްވެސް ތިބެވުނީ ރިންޒީ މެޑަމްގެ ކޮޓަރި ދޮރުމަތީގައެވެ.
" ޓަކި ޖަހާލަންވީދޯ! "
ގަޑި ބަލައިލުމަށްފަހު ލަމްހާ މާހިލަށް ބުންޏެވެ. ދެޖީބަށް އަތް ޖަހާލަމުން މާހިލް ދެކޮނޑު ހިއްލާލީ މައްސަލައެއް ނެތޭ ބުނާ ކަހަލަ ގޮތަކަށެވެ.
" ޔެސް.. ކަމިން.."
ޓަކި ޖަހާލުމާއެކު އެތެރެއިން އިވުނު އަންހެނެއްގެ ބަރު އަޑުން ލަމްހާގެ އިތުރުން މާހިލްވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަނީ ދެމީހުން އެކުއެކީގައެވެ. އޭރު މޭޒު ކައިރީގައި ހަމަޖެހިލައިގެން ރިންޒީ އިނެވެ.
" ވަގުތު ބޭކާރު ކުރެވޭކަށްނެތް! މިހާރުވެސް ވަރަށް ގިނަ މީހުން އެބައޮތް އާސަންދައިގެ ޚިދުމަތަށް އެދިފައި! އެހެންވީމަ މަސައްކަތް ލަސްނުކޮށް އަވަހަށް ފަށަންވީ! ކޮންމެ ކުއްޖަކުވެސް މަދުވެގެން ދިހަ ވަރަކަށް ސިއްހީމަރުކަޒުގެ އާސަންދަ ސެކްޝަން ބަލަހައްޓަންޖެހޭނެ! ތި ދެކުދިންނަށް ކިޔައިދޭން އިތުރު މުވައްޒަފެއް ހުންނާނެ... އެހެންވީމަ ދެވަނަ ފަންގިފިލާގެ ކައުންޓަރަށް ގޮސް ބުނެލާ މެޑަމް ބުނެގެންނޭ! އޭރުން އެކުދިންނަށްވެސް އެނގޭނެ"
ރިންޒީ ވާހަކަ ދެއްކީ ވަރަށް ގާތް، އަދި އެހާމެ ސަމާސާ ރާގަކަށެވެ. އޭނާ ވާހަކަ ދައްކާ ނިމުނު އިރު ލަމްހާ އާއި މާހިލަށްވެސް ތިބެވުނީ ހިނިތުންވެވިފައެވެ. ރިންޒީގެ ކޮޓަރިން ނިކުމެވުމާއެކު ލަމްހާގެ ހިނިގަނޑު ނުހިފެހެއްޓިގެން ފަޅައިގެން ދިޔައެވެ.
" އަޅެ ހާދަ މަޖަލޭ! އެއީތަ ހަމަ އަހަރެމެންގެ ބޮސް؟ "
ލިފްޓާ ދިމާލަށް ހިނގައިގަންނަމުން ލަމްހާ ބުންޏެވެ. އެހާ މަޖާ ގޮތަކަށް ލަމްހާ ވާހަކަ ދެއްކި ނަމަވެސް މާހިލްގެ ފަރާތުން އޭނާ އެދޭ ކަހަލަ އިޝާރާތެއް ނުވުމުން ލަމްހާ ލަދުގަންނަ ގޮތް ވިއެވެ. ހިނިތުންވެފައި ހުރެ މާހިލް ލަމްހާއަށް ބަލައިލުމާއެކު ލަމްހާ މައިތިރިވެއްޖެއެވެ.
" ސޮރީ! އަނެއްކާ އަހަންނަށް މާ ގިނައިންތަ ވާހަކަ މި ދެއްކެނީ؟ އުނދަގޫވީދޯ!"
މަޑުމައިތިރިކަމާއެކު ލަމްހާ ސުވާލު ކޮށްލުމާއެކު މާހިލް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.
" ހޭ ނޫން! އުނދަގޫ ވާންވީ ކީއްވެ؟ "
" އުނދަގޫ ނުވަންޏާ ލަދުގަތީތަ؟ ފެންނަ ފެނުމަށްވެސް ހީވަނީ ވަރަށް ލަދު ގަންނަ ހެން... "
ލިފްޓުން ނިކުންނަމުން މިފަހަރުވެސް ވާހަކަ ދެއްކީ ލަމްހާއެވެ.
" އަލަށް ދިމާވީމަ ތިހެން ހީވަނީ! އެކަމަކު ޔޫ އެހާ ފްރެންޑްލީވީމަ ހިއެއް ނުވެ ދުރު މީހެއް ހެންނެއް"
މާހިލްގެ ޖުމްލައިން ލަމްހާއަށް ފަރުވާތެރިކަމާއެކު މާހިލްގެ މޫނަށް ބަލައިލެވުނެވެ.
" އެހެންވިއްޔާ އަހަންނާ ފްރެންޑް ވާންވީނު! ހައި... އައިމް ލަމް! "
ކުރިއަށް އެޅި ފިޔަވަޅު މަތީގައި ހުއްޓި ހުރެ، ލަމްހާ މާހިލާ ދިމާލަށް އަތް ދިއްކޮށްލީ ސަލާމްކޮށްލުމުގެ މަޤްޞަދުގައެވެ. އެއާއެކު މާހިލްގެ ނަޒަރު ހުއްޓުނީ ސީދާ ލަމްހާގެ މަޑުމަޑު އަތްތިލައަށެވެ.
" އައިމް...."
މާހިލަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް އަނެއްކާވެސް ލަމްހާ ވާހަކަ ދައްކަން ފެށިއެވެ.
" ނޯ ނޯ! އަހަރެން ނަމެއް ދޭނަން.. އަހަރެން ދޭ ނަން އަހަރެން ކިޔާނީވެސް..."
މާހިލްގެ ޖުމްލަ މެދު ކަނޑާލުމަށްފަހު ލަމްހާ އެހެން ބުނެލުމުން ލަމްހާއާ މެދު މާހިލް އިތުރަށް ޝައުޤުވެރިވެއްޖެއެވެ.
" ކޮން ނަމެއް؟ "
ހިނިގަނޑެއް ޖަހާލަމުން މާހިލް ލަމްހާގެ އަތަށް ފިތާލިއެވެ. އެއާއެކު ލަމްހާއަށްވެސް ބަލައިލެވުނީ ޖޯޑުވެފައިވާ ދެމީހުންގެ އަތަށެވެ.
" އަހަރެން.... ޔޫއަށް ކިޔާނީ... ބޯއީ!"
މާހިލްގެ އަތުގެ ތެރެއިން އަތް ދަމައިގަތުމަށްފަހު ލަމްހާ ބާރުބާރަށް ހޭންފެށިއެވެ.
" ހޭ! ބޯއީއޭ!"
ހެމުންދާ ލަމްހާއަށް ބަލަހައްޓައިގެން ހުރެ މާހިލް ދެކޮނޑު ހިއްލާލިއެވެ.
" ހާނ! ކިޔުޓް ކަމުން.."
އެއްލޯ މަރާލަމުން ލަމްހާ ދޫކޮށްލި ޖުމްލައިން މާހިލްގެ ހިތަށް ގޮތެއްވީކަން އޭނާއަށް އެނގުނެވެ. ކުރިމަތީގައި ހުރެގެން ރީތި އަންހެންކުއްޖަކު އޭނާއަށް އެފަދައިން ތަޢުރީފް ކުރުމުން އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
"އެހެންތަ؟ އެހެންވިއްޔާ އަހަރެން ކިޔާނީ ސެކްސީ! "
މޫނު އަނބުރާލަމުން މާހިލް އެހެން ބުނުމާއެކު ލަމްހާގެ ދެލޯ ބޮޑުވެ އޭނާ ލަދު ގަންނަގޮތް ވިއެވެ.
" އައްޗި! ކީއްވެ ތިހެން ތިބުނީ ؟"
ލަދު ނުގަންނަ ކަމަށް ހަދާފައި ލަމްހާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އެއާއެކު މާހިލް ދެޖީބަށް އަތް ޖަހާލުމަށްފަހު ކުޑަކޮށް ތިރިވެލުމަށްފަހު ސިއްރުސިއްރުން ބުންޏެވެ.
" ސެކްސީ ކަމުންނެއްނު"
" އައްޗީޑި! މަ؟ ނޫން ނޫން"
މާހިލަށް ވުރެ ބާރަށް ހިނގައި ގަންނަމުން ލަމްހާ ބުނެލިއެވެ. އެއާއެކު މާހިލަށް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެވުނެވެ.
***
އަވަސް ޚަރަކާތްތަކާއެކު ޖުމާ މަސައްކަތް ކުރަމުން ދިޔައީ ޝާހު ގެއަށް އަންނަން ވާއިރަށް އެގެއިން ނިކުމެވޭތޯއެވެ. ނަމަވެސް ކަންތައްވީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ކާމޭޒު ކައިރީގައި ހުއްޓާ، އޭނާއަށް ފެނުނީ ޝާހު އެތެރެއަށް ވަދެގެން އަންނަ ތަނެވެ.
" މިހާރު މިގޭ މަސައްކަތްތައްވެސް ކުރަން ޖެއްސީދޯ! އަހަރެމެންނާހެދި އަނެއްކާ އުނދަގޫވޭތަ؟ "
ގަމީހުގެ އަތުކުރީ ގޮށް ނައްޓުވާލުމަށްފަހު ޝާހު އިށީނދެލިއެވެ. އެއާއެކު ޖުމާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އައިސް އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ.
" ލަމްހާ ވަރަށް އަނގަގަދަ ވާނެ! ބައެއް ފަހަރު އޭނައާހެދި އުނދަގޫވެސް ވާނެ"
ޝާހު ބުންޏެވެ. މިފަހަރު ހިނިތުން ވުމަކުން ޖުމާ ފުއްދާލިއެވެ. މޭޒުމަތީގައި ފެންފުޅި ބެހެއްޓުމަށްފަހު އޭނާ ބޭރު ދޮރާ ދިމާލަށް ހިނގައިގަތުމުން ޝާހަކަށް މަޑަކުން ނީނދެވުނެވެ.
" ކީއްވެ ތިދަނީ؟ ހާދަ އަވަހަކަށް ތިދަނީ؟ "
ޝާހުގެ ޖުމްލައިން ޖުމާއަށް ފަހަތް ބަލައިލެވުނެވެ. އެއާއެކު ޝާހު އޭނާއަށް ބަލަމުންދާގޮތުން އިސްޖަހާލަން ޖުމާއަށް މަޖުބޫރުވީ ކަހަލައެވެ.
" ލަމް ބުނި ކަންތައްތައް ކޮށް ނިމުނީމަ ދެން މަޑުކުރުމެއް ނެތެއްނު"
ލުއި ގޮތަކަށް ހީލަމުން ޖުމާ ބުންޏެވެ. އެއާއެކު ޝާހު ތެދުވެއްޖެއެވެ. އަދި މަޑު ހިނގުމެއްގައި އައިސް ޖުމާގެ ކުރިމަތީގައި ހުއްޓި ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނާމެދު ގޯސް މީހެއްގެ ގޮތުގައި ނުދެކެއްޗޭ! އަހަންނަކީ އަންހެން ކުދިންނަށް ފްލާރޓް ކުރާ މީހެއްނޫން.. އަދި ލަމް ގޮތަށް މާ ވާހަކަ ގިނަ މީހެއްވެސް ނޫން. އަސްލު އަހަންނަކީ ވަރަށް އެކަނިވެރިކަމަށް ލޯބި ކުރާ މީހެއް.. އެކަމަކު.. ޖުމާ އަހަރެން ކައި ނިމެންދެން މިގޭގައި މަޑުކޮށްލިއްޔާ އަހަރެން ވަރަށް އުފާވާނެ.. "
ޝާހު އެހެން ބުނުމާއެކު ޖުމާ އިސް އުފުލާލައި ބަލައިލިއެވެ. އޭރުވެސް ޝާހުގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ޖުމާގެ މޫނަށެވެ.
" އެކަނިވެރިކަމަށް ލޯބި ކުރާ މީހަކު ދެކަނިވެރިވާން ތި މަސައްކަތް ކުރަނީ ކީއްވެ؟ "
ބޭއިޙްތިޔާރުގައި ޖުމާއަށް ބުނެލެވުނެވެ. ޖުމާގެ ފަރާތުން ސުވާލެއް އަމާޒު ވުމުން ޝާހުގެ ހިތް ފުރުނު ކަހަލައެވެ. އެހެންކަމުން އޭނާއަށް ދެބުމަ އުފުލާލުމަށްފަހު ބޯ ޖަހާލެވުނީ ޖުމާއާ ވާހަކަ ދައްކަން ޝައުޤުވެރިވީލެއް ބޮޑުކަމުންނެވެ.
" އެކަނިވެރިކަމާއި ހަމަހިމޭންކަމަށް ބައެއް ފަހަރު އުފާވެރިކަން ބޭނުންވާނެ! އަދި ލޯތްބާއި އޯގާތެރިކަމާ، ހިނިތުންވެ ސަމާސާ ކޮށްލާނެ ބައިވެރިޔަކުވެސް ބޭނުންވާނެ..."
ޝާހު އެހެން ބުނުމާއެކު ޖުމާއަށް އޭނާއަށް ފުރަގަސް ދެވުނެވެ.
" ބައިވެރިއެއްގެ ޙައިޞިއްޔަތުން އަހަރެން މިތާކު މަޑުކުރާކަށް ނެތިން ޝާހު"
ޖުމާގެ ޖުމްލައިން ޝާހަށް ލިބުނީ ހައިރާން ކަމެވެ. އެހެންކަމުން އޭނާ ފުންކޮށް ވިސްނާލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަކަށް ނޭނގެ މިހާ އަވަހަށް އަހަންނަށް މައުޟޫ ބަދަލުކުރެވުނީ ކީއްވެކަމެއްވެސް؟ އަދި އަހަންނަކަށް ނޭނގެ ޖުމާއަކީ ކާކު ކަމެއްވެސް؟ ޖުމާގެ ބައިވެރިޔަކު ހުއްޓަސް ނެތަސް އަހަންނަށް މި ގޮތަށް ވާހަކަ ދެއްކުމަކީ އަހަރެންގެ ކުށްކަން އަހަރެން ޤަބޫލު ކުރަން. ޖުމާއާމެދު މާ އަވަހަށް ގާތް ގޮތަކަށް ދެކެވުނުކަމީވެސް ހަމަ އަހަރެންގެ ކުށް.."
ޝާހު ވާހަކަ ދައްކަ ދައްކާ ހުއްޓާ ޖުމާ ނިކުންނަން ހިނގައިގަތެވެ. އެއާއެކު ޝާހު ތަންކޮޅެއް ބާރަށް ޖުމާއަށް ގޮވާލިއެވެ. ޝާހުގެ އަޑުގައި އުފެދިފައިވާ ވޭނީ އަސަރުން ޖުމާގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ.
" އަހަންނަށް މަޢާފް ކުރޭ! ޖުމާއާ ޖުމާގެ ބައިވެރިޔާއަށް އަބަދުވެސް އަހަރެން ހެޔޮ ދުއާ ކުރަން"
ޝާހުގެ ޖުމްލަ އަޑު އިވުމާއެކު ޖުމާއަށް ފަހަތް ބަލައިލެވުނީ ނުރުހުންވެ ހުރެއެވެ.
" އަހަރެންގެ ބައިވެރިޔާއޭ؟ އަހަންނަކީ އެއްވެސް މީހެއްގެ ޙައްޤެއް ނޫނޭ.. އަދި އެއްވެސް މީހެއްގެ ޙަޔާތަށް ވަންނާކަށްވެސް އަހަރެން ބޭނުމެއް ނޫން.. އަހަންނަކީ ފިރެހެނުންނަށް ވަރަށް ނަފްރަތު ކުރާ މީހެއް. އެއްވެސް މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން.. ޝާހުއަށްވެސް! "
ދެލޯ ބޮޑުކޮށްލުމަށްފަހު ޖުމާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އިރުކޮޅެއް ވަންދެން އެފަދައިން ބަލަހައްޓައިގެން ހުރެ ޖުމާ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ. ކަންތައް ކުރެވުނު ގޮތުން ޝާހުގެ ހިތް އޭރުވެސް ލަދުން ތެޅިފޮޅެނީއެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!