އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލައިފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ސިޓީ މިވަގުތު އޮތީ އެއްވަނާގައި އޮތް ލިވަޕޫލަށްވުރެ އެއް މެޗު މަދުންކުޅެ ދެ ޕޮއިންޓްގެ ފަރަގަކުން ދެވަނާގައެވެ. ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ވަނީ 22 މެޗުން 49 ޕޮއިންޓް ހޯދާފައެވެ. މެޗު ހަމަވާއިރު އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ ނީލް މާފީއެވެ. ސިޓީން މެޗުގައި ޖެހި ތިން ލަނޑު ވެސް ޖެހީ ފިލް ފޮޑެންއެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ހެދި ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހަދާފައެވެ.
މެޗުން ބަލިވި ބްރެންޓްފޯޑް މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ ވެސް 22 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!